ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން މުހިންމު ވަނީ ކީއްވެ؟

ދެހާސް ސާދަ ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އޭރުގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޗައިނާ އަކީ ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އާބާދީއަށް ބަލަންޏާ ދުނިޔޭގެ އެންމެ ބޮޑު ގައުމެވެ. އިގްތިސާދީ ބާރަށް ބަލަންޏާ ވެސް ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދެވެ. އުފެއްދުންތެރިކަމާއި ވިޔަފާރީގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ.

ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުމުގެ ތާރީޚަށް ބަލައިލާ އިރު، އެ ގުޅުމަކީ ދޭދޭ ދެ ގައުމެއްގެ ދެމެދުގައި އޮންނާން ޖެހޭ ގުޅުމުގެ ރީތި މިސާލެއް ކަމުގައި ބުނެވިދާނެއެވެ.

ޗައިނާގެ ތާރީޚީ ރިކޯޑުތަކުން ދައްކާ ގޮތުގައި، ތާންގް ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު، މީލާދީން 655 އާއި 665 އާ ދެމެދުގައި، ދެ ފަހަރެއްގެ މަތީން ދިވެހި ރަސްގެފާނުގެ ފަރާތްޕުޅުން ޗައިނާއަށް ހަދިޔާތަކާއިގެން އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ވަފުދު ފޮނުވިފައި ވެއެވެ.

ހަމައެހެންމެ، ޗައިނާގެ މަޝްހޫރު އެޑްމިރަލް އަދި މުސްލިމް ދަތުރުވެރިޔާ ޜެންގ ހީ އޭނާގެ ލަޝްކަރާއިގެން ކުރެއްވި މަޝްހޫރު ދަތުރުފުޅުގައި މީލާދީން 1412 އާއި 1430 އާ ދެމެދުގައި ދިވެހިރާއްޖެއަށް ދެ ފަހަރަކު ޒިޔާރަތް ކުރައްވައިފައި ވެއެވެ. އެއީ ވެސް އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ މުލާގާތްތަކެކެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ނުހަނު މަތީ ދަރަޖައިގައި ގަދަރާއި އިޙުތިރާމު ކުރުމުގެ މުލާގާތްތަކެކެވެ. ޜެންގ ހީ އާއި އޭނާގެ ލަޝްކަރަށް ދިވެހިރާއްޖެއަށް ޙަމަލަ ދެއްވައި، ބޭނުން ގޮތެއް ހެއްދެވުމުގެ އިޚްތިޔާރު އޮތް ކަމުގައި ވިޔަސް، ދިވެހި ރަސްގެފާނަށާއި ރައްޔިތުންނަށާއި ގައުމަށް ދެއްކެވީ ތެދުވެރި ރަޙްމަތްތެރިކަމެކެވެ.

މީލާދީން 1417 އާއި 1450 އާ ދެމެދުގައި ވެސް ދިވެހި ރަސްކަމުގެ ފަރާތުން ޗައިނާއަށް، އަދި ޗައިނާއިން ދިވެހިރާއްޖެއަށް އެކުވެރިކަމާއި ރަހްމަތްތެރިކަމުގެ ގޮތުން އަދި ހަދިޔާބަދިޔާ ބަދަލު ކުރުމުގެ މަގުން ސަފީރުން މަންދޫބުން ފޮނުވައިފައި ވާކަން ތާރީޚުން އެނގެއެވެ.

ދެހާސް ސާދަ ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް 1965 ވަނަ އަހަރު ފުރިހަމަ މިނިވަންކަން ލިބުނުތާ މާކަ ގިނަ ދުވަސްތަކެއް ނުވެ، ދިވެހި މިނިވަން ދައުލަތް ގަބޫލު ކުރި އެންމެ ފުރަތަމަ އެއް ގައުމަށް ޗައިނާ ވިއެވެ. އެއިރު ވެސް އެކިއެކި ގޮތްގޮތުން ދިވެހިރާއްޖެއާ ޗައިނާއަށް ވުރެ ވެސް ގާތް ބައެއް ގައުމުތައް ތިބީ ދިވެހި ދައުލަތުގެ އިސްތިގްލާލާއި ސިޔާދަތާއި މިނިވަންކަން ބަލައިގަންނާން ދަތި ވެގެން ތުން ފިއްތަފިއްތައެވެ. ނަމަވެސް ޗައިނާއިން ދެއްކީ ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި ރަހްމަތްތެރިކަމާ އެކު، ދިވެހީންނަށް ގަދަރު ކުރުމުގެ ނަމޫނާއެވެ.

އޭގެ ފަހުން ފާއިތު ވެގެން ދިޔަ މުއްދަތުގައި ވެސް، ޗައިނާއިން ދުވަހަކު ވެސް ދިވެހި ދައުލަތާ މެދު ބޭއިހްތިރާމުގެ އެއްވެސް ބަހެއް ބުނެ، އެފަދަ އަމަލެއް ހިންގައިފައެއް ނުވެއެވެ. ސިޔާސީ ގޮތުން، ދިވެހިރާއްޖޭގެ މިނިވަންކަމަށް ކުޑައިމީސް ކުރުމުގެ ބަހެއް ބުނެ ވާހަކައެއް ދައްކައިފައެއް ނުވެއެވެ. ޗައިނާގެ ވަކި ބަޔަކަށް ދިޔުމަށް ދިވެހީންނަށް ހުރަސްތައް ކުރިމަތިކޮށް ޖެއްސުން ކޮށްފައެއް ނުވެއެވެ.

ވިޔަފާރީގެ ގުޅުންތައް ވަރަށް އާދައިގެ ގޮތެއްގައި އޮތް އިރު ވެސް، އަދި 2008 ގެ ފަހުން އެ ގުޅުންތައް ފުޅާ ވެ ވަރުގަދަ ވެގެން އައުމަށް ފަހުގައި ވެސް، ދިވެހީންނަށް ބޭނުންވާ ވަކި މުދަލެއް ވިއްކުމުގައި ހަރުކަށި ކޯޓާތައް ގެންގުޅުން، ފެންވަރު ދަށް އެއްޗެތި ވިއްކުން، ނުވަތަ ދިވެހީންގެ ތެރޭގައި ވަކި ލީޑަރަކު ހުންނާތީ ވިޔަފާރިއަށް ހުއްޓުން އެރުވުން، ދިވެހީން ވަކި ކަމެއް ނުކުރީތީ ވިޔަފާރި މެދުކަނޑައިލުން ފަދަ ގޮތްގޮތުން ދިވެހީންނަށް ޖެއްސުން ކޮށްފައެއް ނުވެއެވެ. މި ކަންކަމުން ދޭހަ ވަނީ ޗައިނާ ދުނިޔޭގެ އެންމެ ބޮޑު، އެންމެ މީސްގިނަ، އަދި އެންމެ ބާރުގަދަ އެއް ގައުމުގެ ގޮތުގައި އޮވެގެން ވެސް، ކުޑަކުޑަ އަދި ނިކަމެތި ދިވެހިރާއްޖެއަށް އިހުތިރާމު ކުރާކަމެވެ. މި ދެމެދުގައި އޮންނަނީ ސިންގާ އާއި މުސަޅުގެ ގުޅުން ފަދަ – ސިންގާ ބަނޑުހައި ނުވަންޏާ މުސަޅު ހައްދައިގެން ގެންގުޅެފައި، ބަނޑުހައި ވުމުން މުސަޅު ކައިލާ ކަހަލަ – ގުޅުމެއް ނޫންކަމެވެ.

ޗައިނާއިން ދިވެހިރާއްޖެއާ މެދު އަމަލު ކޮށްފައިވާ ގޮތުން މިހައިތަނަށް ފެނި ސާބިތު ވެފައި ވަނީ ޗައިނާއަށް ދިވެހިރާއްޖެއަކީ މިނިވަން، މުސްތަގިއްލު، ސިޔާދަތު ލިބިގެން ވާ، ގަދަރުވެރި ގައުމެއްކަން އެނގޭކަމެވެ. ދިވެހީންނަށް އިހުތިރާމު ކުރާން ޗައިނާއަށް އެނގޭ ކަމެވެ. ހަގީގީ ރަހްމަތްތެރިކަމަކީ މިފަދަ އިހްތިރާމާއި ގަދަރުގެ މައްޗަށް ނޫނީ ކިހިނެއް ބިނާ ކުރެވޭނެ އެއްޗެއް ހެއްޔެވެ؟ އޮޅުމެއް ނެތެވެ! މިއީ، ދިވެހީންނަށް ޗައިނާ އާއި ޗައިނާ-ދިވެހި ޚާރިޖީ ގުޅުން މުހިއްމު ވާ އެންމެ މައިގަނޑު ސަބަބެވެ! އާދޭހެވެ! ކޮންމެ މީހަކު ވެސް އެކުވެރި ރަޙްމަތްތެރިއެއް ކަމުގައި ބަލައިގަންނާން ވާނީ ތިމާއަށް ގަދަރު ކުރާ މީހެކެވެ. ތިމާ "ބުލީ" ކުރާ މީހަކާ އެކު ބޭއްވޭނޭ އެކުވެރިކަމުގެ ގުޅުމެއް ނޯންނާނެއެވެ. ފަރުދެއްގެ ފެންވަރުގައި ވެސް، ޖަމާޢަތެއްގެ ފެންވަރުގައި ވެސް، އަދި ގައުމުތަކުގެ ފެންވަރުގައި ވެސް ކަން އޮންނަނީ މިހެންނެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ދުނިޔޭގެ ހުރިހައި ގައުމުތަކާ އެކުގައި ވެސް ރަނގަޅު ގުޅުންތަކެއް ބޭއްވުން ކަމުގައި ވާން ޖެހޭ އިރު، ޝައްކެއް ނެތް ގޮތުގައި އެ ގުޅުމުގައި ދިވެހީން އެންމެ އިސްކަން ދޭން ވާނީ، އަދި އެންމެ އިސްކަން ދެވޭނީ ވެސް ދިވެހީންނާއި ދިވެހި ގައުމާއި ދިވެހި ގައުމުގެ ސިޔާދަތާއި އިސްތިގްލާލާއި ޝަރަފަށް އިހުތިރާމު ކުރާ ގައުމުތަކަށެވެ. ހިތަށް އެރުމުން، ޖެރީ ފަހައި ޓޮމް ދުވާހެން ދިވެހީން ފަހައި ދުވެ، ކޮއްޕައި، ގަޅުވައި، ވައްޓައި، ތަޅުވައި، ހިތަށް އެރީމާ ކައިރިއަށް ލައިގެން ކާން ދީގެން އުޅެ، މި ޒާތުން ކަންތައްތައް ކުރާ ގައުމުތަކާ އެކު - ދިވެހީން ކިތަންމެ ބޮޑަށް އެކަމަށް އެދުނު ކަމުގައި ވިޔަސް – ބޭއްވޭނޭ ހަގީގީ ރަޙުމަތްތެރިކަމެއް ނޯންނާނެއެވެ.

ދިވެހިރާއްޖެއަށް ޗައިނާއާ އެކު ގާތް ރަހުމަތްތެރިކަމަކާއި ހަރުދަނާ ޚާރިޖީ ގުޅުންތަކެއް މުހިންމު ވާ ދެވަނަ ސަބަބަކީ، ޚާރިޖީ ސިޔާސަތުގައި ދިވެހީން ގަބޫލު ކުރާ އަސާސީ އެއް ހަމައެވެ. ޒަމާނުއްސުރެ ދިވެހީން ބަލައިގެންފައި ވާ ގޮތުގައި، ދުނިޔޭގެ ހުރިހައި ގައުމުތަކާ އެކުގައި ވެސް ދިވެހީން ބާއްވާނީ ހަރުދަނާ އަދި ގާތް ގުޅުމެކެވެ. އިސްރާއީލް ފަދަ އިސްތިޢުމާރީ އަދި އަނިޔާވެރި ކޮލޯނިއަލް ދައުލަތްތައް އިސްތިސްނާ ވިޔަސް، ދުނިޔޭގެ ކޮންމެ ގައުމަކާ އެކު ވެސް ދިވެހީން ބާއްވާން ބޭނުން ވަނީ އެކުވެރިކަމެވެ. ޗައިނާ އަކީ ވެސް ބައިނަލްއަގުވާމީ މުޖުތަމައުގެ މެންބަރަކަށް ވާއިރު، މި ދެންނެވި މަގުން ދިވެހީންނަށް ޗައިނާ ވެސް މުހިންމެވެ. އެމެރިކާއެކޭ، ރަޝިޔާއެކޭ، އިނގިރޭސި ވިލާތެކޭ، އިންޑިއާއެކޭ، އޮސްޓްރޭލިއާއެކޭ އެއްފަދައިންނެވެ. ބޮޑެތި ނުވަތަ ކުދި ގައުމުތަކުގެ މެދުގައި ވިޔަސް، ދޭދޭ މައްސަލަތައް ހުރެ، އެ ގައުމުތައް އެއް ބަޔަކު އަނެއް ބަޔަކާ އަރައިރުން ވާ އަރައިރުންވުމަކީ ދިވެހީން އެ ކަމުގެ ތެރެޔަށް ވަންނާން ބޭނުންވާ ކަމެއް ނޫނެވެ. ދިވެހީން ގަބޫލު ކުރާ ގޮތުގައި، ބައިނަލްއަގުވާމީ މައްސަލަތައް ޙައްލު ކުރެވޭނީ މައްސަލަ ޖެހިފައި ވާ ގައުމުތައް އަމިއްލައަށް ޞުލްޙަމަސަލަސްކަން އެދިގެން ކުރާ މަސައްކަތުންނެވެ.

މާލޭގައި ހުންނަ ޗައިނާ އެމްބަސީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މަސައްކަތަށް އެހީތެރިކަން ދޭނީ އަލިފުދާލާއި ސަރަހައްދީ ޖަމްއިއްޔާތައް ފަދަ ބައިނަލްއަގުވާމީ އިދާރާތަކުންނެވެ. އަލިފުދާލުގައި ވޯޓެއް ލާން ޖެހިއްޖެ ޙާލަތެއްގައި، ދިވެހީން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ ޢުރުފާއި، އަދުލުއިންސާފުގެ މަގުން ވޯޓު ދޭނީއެވެ. އޭގެ އިތުރަށް އެއްވެސް ދެ ގައުމެއްގެ ދެމެދުގައި އޮންނަ މައްސަލައަކަށް ދިވެހީން ވަންނާކަށް، އަދި ވައްދާކަށް ވެސް ނުޖެހެއެވެ. މައްސަލަ ޖެހިގެން އުޅޭ ދެ ގައުމާ އެކު ވެސް ދިވެހީން ބާއްވާނީ، ވަކި ފަރާތަކަށް ނުޖެހި، ދެ ގައުމާ އެކު ވެސް ގާތްކަން ބޭއްވުމުގެ ސިޔާސަތެވެ. މި ގޮތުގެ މަތީން، ޗައިނާއާ އެމެރިކާއާ މައްސަލަ ޖެހުނަސް، ނުވަތަ ޗައިނާއާ ރަޝިޔާއާ މައްސަލަ ޖެހުނަސް، ނުވަތަ ޗައިނާއާ އިންޑިއާއާ މައްސަލަ ޖެހުނަސް، އެއީ ދިވެހީން ވަންނާކަށް ބޭނުން ކަމެއް ނޫނެވެ. މިއިން ކޮންމެ ގައުމަކާ އެކު ވެސް، އެ ގައުމަކުން ދިވެހިރާއްޖެއަށް އިހުތިރާމާއި ގަދަރު ކުރާ މިންވަރަކުން، ދިވެހީން ބާއްވާން ޖެހޭނީ ގާތް ގުޅުމެކެވެ.

މި ދެންނެވި ދެ ސަބަބުގެ އިތުރުން، ދިވެހިރާއްޖޭގެ އިގްތިސާދީ މަސްލަހަތު އޮތީ ވެސް ޗައިނާއާ އެކު ގާތް ގުޅުންތަކެއް ބޭއްވުމުގައެވެ. ޗައިނާ އަކީ މިއަދު ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމުގައި ވެފައި، ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމު ކަމުގައި ވާ އިރު، ދިވެހީން ބޭނުން ވާ ވަރަށް ގިނަ ބާވަތްބާވަތުގެ މުދާ އަގުހެޔޮކޮށް ލިބޭ ތަނަކީ ޗައިނާއެވެ. ދިވެހިރާއްޖެއަށް ބިދޭސީ ވުނަދާނަ ނުވަތަ "ފޮރިން އިންވެސްޓްމަންޓް" ގެންނާން ބަލާ އިރު ވެސް، ދިވެހީންގެ ކަރުގިލޭ ފޭރިނުގަންނަ އުސޫލުން އެކަން ކުރާނޭ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. ދިވެހިރާއްޖެއަށް ފަތުރުވެރީން ޒިޔާރަތް ކުރާ އެންމެ މުހިއްމު އެއް މާކެޓަކީ ޗައިނާއެވެ. ދުނިޔޭގެ ކޮންމެ ގައުމެއް ވެސް، އެ ގައުމަކަށް އިޤްތިޞާދީ ގޮތުން ފައިދާ ހުރި ގޮތްގޮތަށް އެ ގައުމެއްގެ ޚާރިޖީ ގުޅުންތައް ބައްޓަން ކުރާން ޖެހޭ އިރު، މި ދެންނެވި ކަންކަމުން ވެސް ފެނިގެން ދަނީ ޗައިނާއާ އެކު ގާތް ގުޅުންތަކެއް ބޭއްވުމަކީ ދިވެހި ގައުމުގެ މަޞްލަޙަތުތަކާ ގުޅިލާމެހިފައި ވާ ކަމެއްކަމެވެ.

އޮޅުމެއް ނެތް ގޮތުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކީ – ފުރަތަމަ ދިވެހިރާއްޖެ، ދެވަނައަށް ވެސް ދިވެހިރާއްޖެ، ތިންވަނައަށް ވެސް ދިވެހިރާއްޖެ – މި އަސާސެވެ. އާދެ، "މޯލްޑިވްސް ފަސްޓް، މޯލްޑިވްސް ސެކަންޑް، މޯލްޑިވްސް ތާޑް" ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ އަވަށްޓެރި ގައުމުތަކާ އެކު ވެސް ގާތްކަން ބޭއްވުން މުހިންމެވެ. ހަމަ އެފަދައިން، ތަންކޮޅެއް ދުރުގައި ތިއްބަސް، ޗައިނާ ފަދަ ތެދުވެރި ރަޙްމަތްތެރީންގެ މުހިންމުކަން ހަމަ ކުޑަކުޑަ ތަންފުކެއް ވެސް ދިވެހީންނަށް ކުޑައެއް ނޫނެވެ.

comment ކޮމެންޓް