ޗައިނާއާއި ރާއްޖޭގެ ގުޅުން: ތާރީޚީ، ބޮޑެތި އެހީތައް ދިނުމުގެ މާޒީއެއް

ޗައިނާއިން އިމާރާތްކޮށް، މަރާމާތު ކުރި ފޮރިން މިނިސްޓްރީ އިމާރާތް -- ސަން ފައިލް ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

ޗައިނާއިން ބޭރު ގައުމުތަކަށް ފައިސާގެ އެހީ ފޯރުކޮށްދޭން ފެށީ 1950ގައެވެ. އެއީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ގޮތުގައި އެ ގައުމު އުފެދުނުތާ އެންމެ އަހަރެއް ފަހުންނެވެ. އޭގެ ފަހުން މިހާތަނަށް އައި އިރު ޗައިނާ ވަނީ ބޭރު ގައުމުތަކަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ އެއް ގައުމުގެ ލަގަބު ހޯދައިފައެވެ. ޗައިނާއިން އެހީ ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި އެފްރިކާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި ދެކުނު އޭޝިއާގެ ގައުމުތައް ވެސް ހިމެނެއެވެ. އެގޮތުން، އެތައް ސަތޭކަ އަހަރެއްގެ ޒަމާންވީ ގުޅުމެއް ޗައިނާއާއެކު އޮންނަ ރާއްޖެއަށް ވެސް އެއީ މުހިންމު މަދަދުގާރެކެވެ.

ޗައިނާއާއި ރާއްޖެއިން 1972ގައި ޚާރިޖީ ގުޅުންތައް ގާއިމު ކުރި ނަމަވެސް، ދެ ގައުމުގެ އިގުތިސާދީ މުއާމަލާތްތައް އިތުރު ކުރަން ފެށީ އޭގެ އަހަރުތަކެއް ފަހުންނެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށިގެން ކޮންމެ ވެރިކަމެއްގައި ވެސް ޗައިނާއިން ރާއްޖޭގައި މުހިންމު މަޝްރޫއުތައް ހިންގާފައިވެއެވެ. އެގޮތުން ސިނަމާލެ ފުލެޓުތައް އަޅާފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. އެންމެ ފުރަތަމަ ސިނަމާލެ-1 އާއި ސިނަމާލެ-2 ވެސް އަޅާފައި ވަނީ ޗައިނާގެ ހިލޭ އެހީގައެވެ. އެއީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ހާއްސަކޮށް އެޅި ފުރަތަމަ ފްލެޓުތަކެވެ.

ހަމައެއާއެކު، ދިވެހިންގެ އާސާރީ ތަރިކަތައް އެއް ތަނަކުން ދައްކުވައިދޭ ގައުމީ ދާރުލްއާސާރުގެ އާ އިމާރާތުގެ މަސައްކަތް ފެށީ ވެސް ރައީސް މައުމޫންގެ ސަރުކާރުގައި 2008 ވަނަ އަހަރެވެ.

އެ އިމާރާތް ބިނާކުރީ ޗައިނާގެ ހިލޭ އެހީގެ ދަށުން އަށް މިލިއަން ޑޮލަރު ޚަރަދުކޮށްގެންނެވެ. ދެހާސް ދިހަ ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު އެ ދާރުލްއާސާރު ހުޅުވައިދެއްވި އިރު އެތަނުގައި ރާއްޖެ އާއި ޗައިނާގެ އެކުވެރިކަން ދައްކުވައިދޭ ބައެއް ތާރީޚީ އާސާރުތައް ވެސް ހުރެއެވެ. ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވަނީ އެ ދާރުލްއާސާރަކީ ޗައިނާއާއި ރާއްޖޭ ސަގާފީ ގޮތުން ގުޅުވައިދޭ ބްރިޖެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ގައުމީ ދާރުލްއާސާރު -- ސަން ފައިލް ފޮޓޯ

ޗައިނާގެ އެހީގައި ބިނާކުރި ދާރުލްއާސާރު ހުޅުވި އިރު، އެގައުމުގެ ލޯނު އެހީގެ ދަށުން ހުޅުމާލޭގައި 1000 ފްލެޓް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމާއި މަސައްކަތް ފެށުމުގެ ތައްޔާރީތައް ދިޔައީ ވަމުންނެވެ. ހަތްދިހަ ހަތަރު މިލިއަން ޑޮލަރުގެ އެ މަޝްރޫއު ކުރިއަށްގެންދިޔައީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް)އިންނެވެ. އެ މަޝްރޫއު 2012ގައި ނިމުނު އިރު ޗައިނާއިން ވަނީ އެއީ އެހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ގޮތުގައި ސިފަކޮށްފައެވެ.

އެ ފުލެޓުތައް އިފްތިތާހުކޮށްދެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ލ. ގަމާއި ފޮނަދޫއާ ދެމެދު ލިންކް ރޯޑް ތަރައްގީ ކުރަން ނިންމައި، ޗައިނާއާ އެ މަސައްކަތް ހަވާލު ކުރުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްގެންދިޔައެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ދަށުން އެ މަޝްރޫއު ކުރިއަށްގެންދާނެކަން އެގައުމުގެ ރައީސް ޝީ ޖިންޕިން 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިއުލާންކުރެއްވިއެވެ.

ލ. ގަމާއި މަނަދޫއާއި ކައްދޫއާއި ފޮނަދޫ ގުޅުވައިދޭ 15 ކިލޯމީޓަރުގެ ލިންކް ރޯޑުގެ މަސައްކަތް ނިމުނީ 2016 ވަނަ އަހަރެވެ. އެ މަޝްރޫއަށް ދެ މިލިއަން ޑޮލަރު ހަރަދުވިއެވެ. އެ މަގު އިފްތިތާހުކޮށްދެއްވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިރުމައްޗަށް އަނބުރާލާފައިވާ ކަމަށް ވިދާޅުވި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމެވެ.

ލ އަތޮޅު ބޮޑު މަގު --- ސަން ފައިލް ފޮޓޯ/ ފާތިމަތު ސައީދު

ރާއްޖޭގައި ޗައިނާއިން ކުރިއަށްގެންދިޔަ އެންމެ ފާހަގަކޮށްލެވޭ ތިން މަޝްރޫއެއް ޗައިނާއާ ހަވާލުކުރީ ރައީސް ޔާމީންގެ ޒައާމަތުގައެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާއި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އެޅުމާއި ހިޔާ ފްލެޓުތައް އެޅުމުގެ މަޝްރޫއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުމާއި އެއާޕޯޓުން ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ 500 މިލިއަން ޑޮލަރުގެ މަސައްކަތް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއި އެގައުމުގެ އެހެން ކުންފުނިތަކުން އަދިވެސް ދަނީ ކުރަމުންނެވެ. އެ މަޝްރޫއުގެ ދަށުން މިހާތަނަށް އެއާޕޯޓްގެ ވެސްޓް އޭޕްރަން ފުޅާކޮށް، އާ 3،400 މީޓަރުގެ ރަންވޭއެއް އަޅާފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ދެން ހަވާލުވީ ދެ ގައުމުގެ އެކުވެރިކަމުގެ އެންމެ ބިޔަ ރަމްޒު ކަމަށްވާ، މާލެ އާއި ހުޅުމާލެ ގުޅުވާލަދިން ބްރިޖާއެވެ. އެ ބުރިޖާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށް، އެ މަސައްކަތަށް ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ހަމަޖެއްސީ 2015 ވަނަ އަހަރު ތެރޭގައެވެ. އެ ބުރިޖަށް 210 މިލިއަން ޑޮލަރު ޚަރަދުވި އިރު އޭގެ ތެރެއިން 126 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ. އަދި ބާކީ ޚަރަދުތައް ކޮށްފައި ވަނީ ދިވެހި ދައުލަތުން އަމިއްލައަށާއި ޗައިނާގެ ލޯނުގެ އެހީގައެވެ.

ސިނަމާލެ ބްރިޖު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެއަށް ފަހު، 2017 ވަނަ އަހަރު ޗައިނާގެ އެހީގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ނިންމި ހިޔާ ފްލެޓުތަކުގެ ބިންގާ ރައީސް ޔާމީން އަޅުއްވައިދެއްވިއެވެ. ޗައިނާ ސަރުކާރުން ހިންގާ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) ކުންފުންޏާ ހަވާލުކޮށްގެން ހިންގި އެ މަޝްރޫއުގެ އަގު 434 މިލިއަން ޑޮލަރަށް އަރައެވެ. އެ މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 30،000 މީހުންނަށް ދިރިއުޅެވޭނެ 7000 ފްލެޓު ވަނީ އަޅައިދީފައެވެ.

އޭގެ ފަހުން، 2018 ވަނަ އަހަރު ޗައިނާއިން މާލޭގައި ހުންނަ ފޮރިން މިނިސްޓްރީގެ އިމާރާތް އާރާސްތު ކުރަން އެއްބަސްވިއެވެ. އެ އިމާރާތަކީ 2005 ވަނަ އަހަރު ހަމަ ޗައިނާގެ ސަރުކާރުގެ އެހީގައި އަޅާފައިވާ އިމާރާތެކެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުގެ މަސައްކަތް ކުރިއަށްގެންދިޔައީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގުރޫޕުންނެވެ. އެ އިމާރާތް ސިފަކޮށްފައި ވަނީ "ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ ދާއިމީ ރަމްޒެއް"ގެ ގޮތުގައެވެ.

މީގެ އިތުރުން، 2009 ވަނަ އަހަރު ސީމެކުން ފަށައިގަތް ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ވިނަރެސް ފުލެޓުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ މަޝްރޫއުގެ ދަށުން އެޅި ދެ ޓަވަރެއް މިދިޔަ ޖޫން މަހު ސީމެކުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން 10 ޓަވަރެއްގައި، 1،244 ފްލެޓު ހަދާނެއެވެ.

ޗައިނާއިން މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުން އެތައް ދިވެހިންގެ އާންމު ދިރިއުޅުމަށް ލުއި ފަސޭހަތަކެއް ގެނެސްދީފައިވެއެވެ. އެގޮތުން، އެގައުމުން ތަފާތު ރަށްރަށުގައި ބިނާ ކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ އަދަދު މިހާރު ވަނީ 10،000އަށް ވުރެ އިތުރުވެފައެވެ. އެއާއެކު 60،000 ވަރަކަށް ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެގައުމުން ބުނެއެވެ.

ހަމައެއާއެކު، ލ. އަތޮޅުގައި އެޅި ލިންކް ރޯޑުންނާއި ސިނަމާލެ ބުރިޖުން ދަތުރުފަތުރަށް ވަނީ ލުއިތަކެއް ގެނެސްދީފައެވެ. އަދި އެއާޕޯޓަށް ގެންނަ ތަރައްގީއާއެކު ރާއްޖޭގެ އިގުތިސާދުގެ ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ ވަނީ އިތުރު ހަރުފަތަކަށް ގެންގޮސްދީފައެވެ.

ޗައިނާއިން އެހެން ގައުމުތަކަށް އެހީ ފޯރުކޮށްދޭ އިރު އެގައުމުން އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ގައުމެއްގެ ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމެވެ. އަދި އެގައުމެއްގެ ސިޔާސީ މަސްރަހު އޮތް ގޮތަކުން ވަކި ތަފާތު ކުރުމެއް ނެތި، އެހީއަށް ބޭނުންވާ ގައުމަކަށް އެހީ ފޯރުކޮށްދިނުމެވެ. ޗައިނާއިން ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކުން އެކަމަށް ހެކިދެއެވެ.

comment ކޮމެންޓް