ނޯޑްސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލިކަމުގެ ތުހުމަތު އެމެރިކާއަށް، މިމައްސަލައާ ގުޅިގެން ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުުވުމެއް!

އެމެރިކާގެ ރައީސް ޖޯ ބައިޑެން

އދ. މަޖިލިސް (29 ސެޕްޓެމްބަރު 2022): ޔޫރަޕަށް ގޭސް އެކްސްޕޯޓް ކުރުމަށްޓަކައި ރަޝިއާއިން ބޯލްޓިކް ކަނޑު ހުރަސްކޮށް ޖަރުމަނަށް އަޅާފައިވާ ދެހޮޅި (ނޯޑް ސްޓްރީމް ވަން އަދި ޓޫ) ހަލާކުކޮށްލި ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރުމަށްފަހު އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ރަޝިއާ ގޮވާލައިފިއެވެ.

ސަލާމަތީ މަޖިލީހުގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ގައުމުކަމަށްވާ ފަރަންސޭސިވިލާތުން ބުނީ ނޯޑް ސްޓްރީމްގެ ހޮޅިތަކުގެ މައްސަލާގައި ރަޝިއާގެ އެދުމަކަށް އަންނަ ހުކުރުދުވަހު ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

ނޯޑް ސްޓްރީމްގެ ހޮޅިތަކަށް ލިބިފައިވާ ގެއްލުންތައް ބެލުމަށްފަހު ޖަރުމަނު، ޑެންމާކް އަދި ސްވެޑަން އިން ބުނެފައިވަނީ އެއީ ބިންހެލުމަކުން ނޫނީ ފަސްގަނޑު ކަނޑައިގެން ދިއުންފަދަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދިމާވިކަމެއް ނޫންކަން ޔަގީންކަމަށާއި އެހޮޅިތައް ހަލާކުކޮށްލާފައިވަނީ ގަސްދުގައެވެ.

އެއީ ސީދާ އެހޮޅިތައް ގޮވާލުމަށް ކަނޑުގެ އަޑިން ދިން ހަމަލާއެއްގެ ސަބަބުން ނޫނީ އެކަން ނުވާނެކަމަށްވެސް އެ ތިން ގައުމުން ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮންފަރާތަކުން ކުރިކަމެއްކަމަށް މިއިން އެއްވެސް ގައުމަކުން ތުހުމަތު ކޮށްފައެއް ނުވެއެވެ.

ޔޫރަޕްގެ އިއްތިހާދާއި ޖަރުމަނާ ސްވިޑެން، ޑެންމާކު އަދި ބޯލްޓިކްގެ ގައުމުތަކުންވަނީ މިކަން ތަހްގީގު ކުރުމަށް ރަޝިއާއަށް ގޮވާލާފައެވެ. ރަޝިއާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ނޯޑް ސްޓްރީމްގެ ދެހޮޅި ހަލާކުވެފައިވަނީ ޑެންމާކާއި ސްވިޑްން ކައިރިން ބޯލްޓިކް ކަނޑުގެ އަޑީގައިވާ ބައިންނެވެ.

ރަޝިއާއިން ޔޫރަޕަށް ގޭސް ސަޕްލައިކޮށްދޭ ނޯޑް ސްޓްރީމްގެ ހޮޅީގެ އިމޭޖެއް

ބޯލްޓިކް ކަނޑުގެ އެސަރަހައްދަކީ އެމެރިކާގެ ޖާސޫސީ އިދާރާގެ ކޮންޓްރޯލް އޮންނަ ސަރަހައްދެއްކަމަށާއި ދާދިފަހުން އެމެރިކާވަނީ ބޯލްޓިކްގެ ގައުމުތަކާއެކު އެސަރަހައްދުގައި ކަނޑުގެ ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ހިންގި އިރު އެދެހޮޅި ހަލާކުކޮށްލާފައި ކަމަށް ރަޝިއާއިން ވަނީ އެމެރިކާގެ މައްޗަށް ތުހުމަތުކޮށްފައެވެ.

ޔުކްރެއިން ހަނގުރާމަ ފެށުނުތަނާ ރަޝިއާއިން ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ކުރާނަމަ ނޯޑް ސްޓްރީމް މެދުވެރިކޮށް ޔޫރަޕަށް ގޭސް ސަޕްލައި ކުރުން ނިމުމަކަށް ގެންނާނެކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންޒާރެއް ދެއްވާފައިވެއެވެ.

ރަޝިއާއާއި ޔޫރަޕްގެ ގުޅުންތައް އިންތިހާއަށް ގޯސްފައިވާ އިރުވެސް ޔޫރަޕްގެ އެއްވެސް ގައުމަކުން، ނޯޑް ސްޓްރީމްގެ ދެހޮޅި ހަލާކުވެ ބޯލްޓިކް ކަނޑަކަށް ގޭސް ލީކުވާ މައްސަލައިގެ ޒިންމާ ރަޝިއާ ބޮލުގައި އަޅުވާފައި ނުވެއެވެ. ޔޫރަޕްގެ ގައުމުތަކަކީ އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައިވާ ގައުމުތަކެއްކަމުން އެމެރިކާގެ މައްޗަށް މިކަމުގެ ތުހުމަތު ކުރުމަކީ ޔޫރަޕްގެ އިއްތިޙާދުގެ އެއްވެސް ގައުމަކަށް ކުރަންކެރޭނެ ކަމެއްނޫނެވެ.

އެމެރިކާގެ ބައެއް ނޫސްތަކުންވަނީ މިކަމުގެ ތުހުމަތު ރަޝިއާގެ މައްޗަށް ކޮށްފައެވެ. ނަމަވެސް ޔޫރަޕްގެ ބައެއް ނޫސްތަކާއި ޔޫރަޕްގެ މުހައްލިލުން ލަފާކޮށްފައިވާ ގޮތުގައި ނޯޑް ސްޓްރީމްގެ ހޮޅިތައް ހަލާކުކޮށްލުމުގެ ފަހުގައި ވަނީ އެމެރިކާއެވެ.

މިކަމުގައި އެމެރިކާގެ ސްޓްރެޓީޖިކް ބޭނުމަކީ ޔޫރަޕުން ރަޝިއާގެ ގޭހަށް ބަރޯސާވުން ހުއްޓުމަކަށް ގެނައުމެވެ. އަދި އޭގެ ބަދަލުގައި އެމެރިކާގެ ގޭހަށް ޔޫރަޕް ބަރޯސާވާނެގޮތެއް މުސްތަގްބަލުގައި ހޯދޭތޯ ބެލުމެވެ. ނަމަވެސް އެމެރިކާއަކީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް ޔޫރަޕާ އެތައް ހާސް މޭލެއްގެ ދުރުގައިވާ ގައުމަކަށްވާތީ އެމެރިކާއިން ގޭސް ގަތުމަކީ ޔޫރަޕަށް އިންތިހާއަށް ޚަރަދު ބޮޑުވާނެކަމެކެވެ.

ރަޝިއާއަކީ ޔޫރަޕްގެ ގައުމުތަކުގެ ވަރަށް ކައިރި އަވަށްޓެރިއަކަށްވެފައި ރަޝިއާގެ ގޭސް ސަޕްލައި ކުރަނީ ހޮޅިތަކުން ކަމަށްވާތީ ރަޝިއާގެ ގޭސް އިންތިހާއަށް އަގު ހެޔޮއެވެ.

ރަޝިއާ ބުނާގޮތުން ނޯޑް ސްޓްރީމް ދެހޮޅިއަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރަން ހަ މަހާއި ހަތް މަސްދުވަހުގެ މުއްދަތެއް ނަގާނެއެވެ. ރަޝިއާ މިހާރު ގެންދަނީ ބޯލްޓިކް ކަނޑުގެ އަޑިން މިތަންބަލައި މައްސަލަ ތަހުގީގުކުރުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ގޭސް ހޮޅިތައް ގޮވާފައިވާ ސަރަހައްދަކީ ސްވިޑެންގެ ސަރަހައްދެއްކަމުން އެތަން ބެލުމަށް ރަޝިއާގެ ޑައިވަރުންނަށާއި ސަބްމެރިންތަކަށް ދެވޭނީ ސްވިޑެންގެ ހުއްދަ ލިބިގެންނެވެ.

ގޭސް ހޮޅިތައް ގޮވައިގެން ލީކްވަމުންދަނީ ޑެންމާކާއި ސްވިޑްން ކައިރިން ބޯލްޓިކް ކަނޑުގައި އޮންނަ ޖަޒީރާއެއްގެ ކައިރީގައިވާ އެދެހޮޅީގެ ތަނަކުން ކަމަށްވެއެވެ. ރަޝިއާ ދާދިދަފުންވަނީ މިދެހޮޅީގެ ތެރެއިން ނޯޑް ސްޓްރީމް ވަން އިން ޔޫރަޕަށް ގޭސް ފޮނުވާ މިންވަރު މަދުކޮށްލާފައެވެ.

ނޯޑް ސްޓްރީމް ޓޫ ބިނާކޮށް ނިމުމަށްފަހު ގޭސް ފޮނުވަން އުޅެނިކޮށް ޔުކްރެއިން ގެ ހަނގުރާމައާ ގުޅިގެން އެހޮޅިން ގޭސް ފޮނުވުންވަނީ މަޑުޖައްސާލާފައެވެ. ނަމަވެސް މިގޮވުމުގައި މިދެހޮޅިވެސްވަނީ ސްވިޑެންގެ ޖަޒީރާގެ ކައިރީގައިވާ ހިސާބުން ހަލާކުވެފައެވެ.

ޖަރުމަނުގެ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި މިދެހޮޅި މަރާމާތު ކުރުމުގެ މަސައްކަތް ލަސްވެއްޖެނަމަ ޕްރެޝަރުގައި ލޮނުވަދެގެން އެދެހޮޅި އަހަރެއްހާ ދުވަހުގެ ތެރޭގައި ހަލާކުވާނެއެވެ. އެތައް ބިލިޔަން ޑޮލަރެއްގެ މި އިންވެސްޓްމަންޓްގެ 80 އިންސައްތައަކީ ޖަރުމަނުގެ އިންވެސްޓްމަންޓެވެ. އެހެންކަމުން މިކަމުގެ ގެއްލުން އެންމެ ބޮޑީ ޖަރުމަނަށެވެ.

ރަޝިއާ މިހާރުވެސް އެހެން ތިން ހޮޅިއަކުން ޔޫރަޕަށް ގޭސް ސަޕްލައި ކޮށްދެއެވެ. އެއީ ކަޅުކަނޑުގެ ތެރެއިން ތުރުކީއަށް އަޅާފައިވާ ހޮޅިއަކާއި ޔުކްރެއިންގެ ތެރެއިން އަޅާފައިވާ ދެހޮޅިންނެވެ. މީގެތެރެއިން އެއްހޮޅިއަކީ ޔުކްރެއިން ހުރަސްކޮށް އިޓަލީއަށް އަޅާފައިވާ ހޮޅިއެކެވެ.

ރަޝިއާ ގޭސް ކުރިން އެންމެ ގިނައިން ގަންނަނީ ޔޫރަޕުންނެވެ. ނަމަވެސް ޔުކްރެއިން ހަނގުރާމައަށްފަހު ރަޝިއާ ވަނީ ޔޫރަޕްގެ ބަދަލުގައި އިންޑިއާއާއި ޗައިނާއިން ގޭހުގެ މާކެޓް ހޯދާފައެވެ. މިހާރު ރަޝިއާ ގޭސް ކުރިން އެންމެ ގިނައިން ގަންނަނީ އިންޑިއާއާއި ޗައިނާއިންނެވެ.

comment ކޮމެންޓް