ގުރައިދޫއަށް ދާއިމީ މުދިމަކު ހަމަޖެއްސުން ލަސްވަނީ ސީއެސްސީގެ ސަބަބުން: އިސްލާމިކް މިނިސްޓްރީ

ކ.ގުރައިދޫ މަސްޖިދުލްއިޚާ --- ފޮޓޯ/ ގުރައިދޫ ކައުންސިލް

ކ. ގުރައިދޫ މިސްކިތަށް ދާއިމީ އިމާމަކު ހަމަޖެހުން ލަސްވެފައި ވަނީ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެ ވަޒީފާއަށް މީހަކު ނެގުމުގެ މަސައްކަތް ހުއްޓުވާފައިވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ގުރައިދޫގެ މަސްޖިދުލްއިޚާގައި ދާއިމީ މުދިމެއް ނެތި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

https://sun.mv/168591

'ސަން'އާ ވާހަކަ ދައްކަވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު އެ މިސްކިތުގެ މުދިމު ރިޓަޔާކުރެއްވި ކަމަށެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އިސްލާމިކް މިނިސްޓްރީން އެ މިސްކިތަށް ދާއިމީ މުދިމަކު ހަމަޖައްސާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ އެ ވަޒީފާއަށް މީހަކު ނެގުން ލަސްވެފައި ވަނީ ވަޒީފާއަށް އިއުލާންކޮށް އިންޓަވިއު ކުރި ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކުން ސީއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން އެމައްސަލަ ބެލުމަށްޓަކައި ވަޒީފާއަށް މީހަކު ނެގުމުގެ މަސައްކަތް ހުއްޓުވާފައިވާތީ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެ މައްސަލައިގައި ނިންމަވާފައިވާ ގޮތެއް އެ މިނިސްޓްރީއަށް އަންގަވާފައި ނުވާ ކަމަށާއި އެކަމާއި ގުޅިގެން މި އަހަރުގެ ތެރޭގައި ސީއެސްސީއަށް އެކި ގޮތް ގޮތުން މުއާމަލާތްކޮށް ސިޓީ ފޮނުވިފައިވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް ގުރައިދޫ ކައުންސިލާއި ހިއްސާކޮށް މަޢުލޫމާތު ބަދަލު ކުރެވިފައި ވާ ކަމަށެވެ.

ގުރައިދޫގައި ދެ މިސްކިތް ހުރެއެވެ. ދާއިމީ މުދިމެއް ހަމަޖައްސާފައި ނުވަނީ އޭގެ ތެރެއިން އެއް މިސްކިތަކަށެވެ.

comment ކޮމެންޓް