ދަރަވަންދޫގައި ހެލްތް އިމަޖެންސީ އެންޑް ޓްރައުމާ ޔުނިޓެއް ހުޅުވައިފި

ދަރަވަންދޫގައި މިއަދު ހެލްތް އިމަޖެންސީ އެންޑް ޓްރައުމާ ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ބ. ދަރަވަންދޫގައި މިއަދު ހެލްތް އިމަޖެންސީ އެންޑް ޓްރައުމާ ޔުނިޓެއް ހުޅުވައިފިއެވެ.

އިންޑިއާގެ އެހީގެ ދަށުން ގާއިމްކުރި މި އިމަޖެންސީ ޔުނިޓް ހުޅުއްވައިދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. މި ރަސްމިއްޔަތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއިގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ބައިވެރިވެވަޑައިގަތެވެ.

އިމަޖެންސީ ޔުނިޓް ހުޅުވުމަށް ދަރަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ މާލެއާއި އާތޮޅުތަކުން ލިބެންހުންނަ ޚިދުމަތްތަކުގެ ފަރަގު ކުޑަކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތައް ރަށު ފެންވަރުގައި ގާއިމްކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތަކީ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ މުހިންމު މަސައްކަތެއްކަމަށެވެ.

ދަރަވަންދޫގައި މިއަދު ހެލްތް އިމަޖެންސީ އެންޑް ޓްރައުމާ ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

"ސިއްހީ ދުޅަހެޔޮކަމާ ސިއްހީ ފަރުވާއަކީ، މުޖުތަމައުގެ އިޖްތިމާއީ އަދި އިގްތިޞާދީ ހަރަކާތްތައް ތަރުތީބުވެފައިވާ ގޮތާ މަސައްކަތުގެ މާހައުލު އަދި ތިމާވެއްޓާ، ދޭދޭ ގުޅުންތަކުގެ މައްޗަށް ބިނާވެގެންވާ ކަމެއް،" ނަސީމް ވިދާޅުވިއެވެ.

އެހެންކަމުން މި ސަރުކާރުގެ ވިސްނުމަކީ ސިއްހީ ޚިދުމަތް ލިބިގަތުމާ ފޯރުކޮށްދިނުމުގައި ވަށައިގެންވާ ކަންކަމަށް ވިސްނުމަށް ފަހު ރާއްޖޭގެ އެކި ސަރަހައްދަށް ބަހާލާ ވަސީލަތްގާއިމްކޮށް ގާތުން ޚިދުމަތްދިނުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަރަވަންދޫގައި ހެލްތް އިމަޖެންސީ އެންޑް ޓްރައުމާ ޔުނިޓް -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ދަރަވަންދޫގައި އިމެޖެންސީ ސެންޓަރު ހުޅުވުމާ ގުޅިގެން އެރަށު ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ އެ ސެންޓަރުން ފުރާނައަށް ނުރައްކާވާފަދަ ބޮޑު ކަމެއް ދިމާވެއްޖެނަމަ ވަގުތުން އަވަސް ފަރުވާ ފޯރުކޮށްދޭނެކަމަށެވެ. އަދި މި އެމަޖެންސީ ޔުނިޓުން އެރަށު ސިއްހީ މަރުކަޒުން ފޯރުކޮށްދޭވަރަށް ވުރެ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރަށުގައި އެއާޕޯޓެއް އޮތީމަ ވެސް ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް ސަމާލުވެ ތިބެން ޖެހޭނީ. އެހެންވީމަ މި އެމަޖެންސީ ޔުނިޓުން އެކަހަލަ އެއްވެސް ހާލަތެއްގަ އަވަސް ފަރުވާ ފޯރުކޮށްދޭނެ،" އޭނާ ވިދާޅުވިއެވެ.

ސަމީހު ވިދާޅުވީ މި އިމަޖެންސީ ސެންޓަރުން ރަސްމީކޮށް ޚިދުމަތް ދޭން ފަށާނީ ތަނަށް ބޭނުންވާ ބައެއް ސާމާނާއި މުވައްޒަފުން ހަމަވުމުންކަމަށެވެ.

"މިހާރު ވެސް ޚިދުމަތް ލިބޭނެ. އެކަމަކު ރަސްމީކޮށް ޚިދުމަތް ދޭން ފަށާނީ މުވައްޒަފުން ވެސް ނެގުނީމަ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށްއޮތްތާ އިތުރު އިކުއިޕްމަންޓް ގެނެސް މި އިމަޖެންސީ ޔުނިޓުން ދޭ ޚިދުމަތް ފުޅާކުރާނެކަމަށެވެ.

މި ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން އެހީގެ ގޮތުގައި ދިން 7.4 މިލިޔަން ރުފިޔާ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ނުވަ ލައްކަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި އިމަޖެންސީ ޔުނިޓުގެ މަސައްކަތް ކުރީ އެލްއެފް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ.

comment ކޮމެންޓް