ސްނޯޑެންއަށް ރަޝިއާގެ ރައްޔިތުކަން ދީފި

ސްނޯޑެން -- ފޮޓޯ/ ރޮއިޓާސް

އެމެރިކާގެ ސިއްރު ލިޔެކިޔުންތައް ފަޅާއަރުވާލި އެޑްވާޑް ސްނޯޑެންއަށް، ރަޝިއާގެ ރައްޔިތުކަން ދީފިއެވެ.

ރަޝިއާގެ ރައީސް ވްލާޑިމީރް ޕޫޓިން ސޮއިކުރައްވާ ނެރުއްވި ގަރާރަކުން ސްނޯޑެންއާއި އިތުރު 74 މީހުންނަށް މިދިޔަ ހޯމަ ދުވަހު ވަނީ ރަޝިއާގެ ރައްޔިތުކަން ދީފައެވެ.

ދެހާސް ތޭރަ ވަނަ އަހަރު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ސާވިސްގައި މަސައްކަތްކުރި ސްނޯޑެން، އެމެރިކާގެ ސިއްރު ލިޔެކިޔުންތައް ފަޅާއަރުވާލި މައްސަލައިގައި އެ އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން އަންނަނީ ރަޝިއާގައެވެ.

މީގެ ކުރިން ޕޫޓިން ވަނީ ސްނޯޑެންގެ އަމަލުތައް ކުށްވެރިކުރައްވާފައެވެ. ނަމަވެސް ސްނޯޑެންއަކީ ގައްދާރެއް ނޫން ކަމަށް ވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ސްނޯޑެން ލީކްކުރި ލިޔެކިޔުންތަކުގެ ތެރޭގައި ދާޚިލީ އަދި ބައިނަލްއަގުވަމީ ޖާސޫސް ކުރުމުގެ އޮޕަރޭޝަންތަކުގެ މައުލޫމާތު ހިމެނެއެވެ.

ދެހާސް ވިހި ވަނަ އަހަރު ސްނޯޑެންއަށް ރަޝިއާގެ ޕާމަނެންޓް ރެސިޑެންސީ ލިބިފައިވާއިރު، އޭރު އޭނާ ވަނީ އެމެރިކާގެ ރައްޔިތުކަން ދޫނުކޮށް، ރަޝިއާގެ ރައްޔިތުކަމަށް އެދެން ނިންމާފައެވެ.

އެމެރިކާގެ އިދާރާތަކުން ވަނީ ސްނޯޑެން އެނބުރި އެމެރިކާއަށް އައުމަށް އެތައް ފަހަރެއްގެ މަތިން އިންޒާރު ދީފައެވެ. ސްނޯޑެން ވަނީ، އޭނައާމެދު އިންސާފާއެކު ހުކުމްކުރާނެކަމުގެ ޔަގީންކަން ލިބިއްޖެނަމަ، އެމެރިކާއަށް އަނބުރާ ދާން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

ސްނޯޑެންއަށް ރަޝިއާގެ ރައްޔިތުކަން ދީފައި ވަނީ ރަޝިއާއާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ޔޫކްރޭން-ރަޝިއާ ހަނގުރާމައާ ގުޅިގެން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ އިޝާރާތެއް ޕޫޓިން ދެއްވާފައިވާއިރު، އެމެރިކާއިން ވަނީ އެއަށްވުރެ ހަރުކަށި ރައްދެއް ދޭނެކަމަށް ބުނެފައެވެ.

މިދިޔަ ހަފުތާގައި ޕޫޓިން ވަނީ ހަނގުރާމައިގެ ތަޖުރިބާ ހުރި ފިރިހެނުން ހަނގުރާމައަށް ނުކުތުމަށް އަންގަވާފައެވެ. ނަމަވެސް ސްނޯޑެންއަކީ ރަޝިއާގެ އަސްކަރީ އެއްވެސް ތަޖުރިބާއެއް ނެތް މީހެއްކަމުން އޭނާ މި ހަނގުރާމައިގައި ބައިވެރިއެއް ނުވާނެއެވެ.

comment ކޮމެންޓް