ނަބީޙް އާއި ޔޫޝަޢުއާ ނައިބު ރައީސް ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި

"ކިންގް ޢަބްދުލް ޢަޒީޒް އިންޓަނޭޝަނަލް ހޯލީ ޤުރުއާން" މުބާރާތުގައި ބައިވެރިވި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި ދެ ދަރިވަރުންނަކީ އަޙްމަދު ނަބީޙް ޢަބުދުލްޤާދިރު އާއި މުޙައްމަދު ޔޫޝަޢުއެވެ. މި ދެ ދަރިވަރުންގެ ތެރެއިން އަޙްމަދު ނަބީޙް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

"ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ހޯލީ ޤުރުއާން" މުބާރާތުގައި ބައިވެރިވި ދިވެހި ދަރިވަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން / ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ދެ ދަރިވަރުންނާއި މި ދެ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ މި ދެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ރީތި ނަމަކާ ޝަރަފެއްކަން ފާހަގަކުރައްވައި މި ދަރިވަރުންނާއި ދަރިވަރުންގެ މައިންބަފައިންނަށް ތަޢުރީފާއި ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށް ނަބީޙް ހޯދި ކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ޤުރުއާނަށް ކުދިން ހިތްޖައްސައި، ދަރިވަރުންނަށް ވީހާވެސް ގިނަ ފުރުޞަތުތައް ތަނަވަސްކޮށްދީ އެހީތެރިވެދިނުމަށް ކަމަށެވެ. މި ބައްދަކުރެއްވުމުގައި މި ދެ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ވަނީ ސަރުކާރުން މިދަރިވަރުންގެ ކަންކަމުގައި ދެއްވާ އެއްބާރުލުމާއި ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް