އިސްލާމީ ދުނިޔޭގެ އިސް އިލްމުވެރިޔާ ޕްރޮފެސަރ ޑރ. ޔޫސުފް އަލްޤަރްޟާވީ ފަސްދާނުލައިފި

ޑރ. އަލްޤަރުޟާވީ ގެ ހަށިކޮޅު ފަސްދާނު ލަނީ

ދައުޙާ (28 ސެޕްޓެމްބަރު 2022) : މިދިޔަ ހޯމަދުވަހު އަވަހާރަވި އިސްލާމީ ދުނިޔޭގެ އިސް އިލްމުވެރިޔާ ޕްރޮފެސަރ ޑރ. ޔޫސުފް އަލްޤަރްޟާވީގެ ޖަނާޒާ ބާއްވައި އޭނާގެ ހަށިކޮޅު ފަސްދާނު ލައިފިއެވެ.

އަލްޖަޒީރާ ބުނާގޮތުން ގަތަރުގެ ވެރިރަށް ދައުހާގައި އިއްޔެ ބޭއްވި އަލްޤަރްޟާވީގެ ޖަނާޒާ ގައި ހަ ހާހަށްވުރެ ގިނަމީހުން ބައިވެރިވިއެވެ. އަލްޤަރްޟާވީގެ މައްޗަށް ކަށުނަމާދު ކުރުންއޮތީ ދައުހާގެ މިސްކިތެއްކަމަށްވާ އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައެވެ.

ކަށުނަމާދަށްފަހު އަލްޤަރްޟާވީގެ ފުރާނައަށް ރަހުމަތް ލެއްވުން އެދި އެ މިސްކިތުގެ އިމާމު ކުރެއްވި ދުއާއަކީ ވެސް ވަރަށް އަސަރުގަދަ އިބާރާތްތަކުން ފުރިގެންވާ ބަލާޣާތްތެރި ދުއާއެކެވެ. ކަރުނައާއެކު ކުރި މި ދުއާގެ އަސަރުގަދަކަމުން ޖަނާޒާގެ ބައިވެރިންގެ ލޯތަކުން ކަރުނަ ހިލިގެންދިޔަ މަންޒަރު ފެނިގެން ދިޔައެވެ.

ކަށުނަމާދަށް ފަހު ޖަނާޒާގެ ބައިވެރިންގެ ތަކުބީރާއި ތަހުލީލާ އަދި އަލްޤަރްޟާވީއަށް ހެޔޮ ރަހްމަތް ލެއްވުން އެދި ކުރަމުން ގެންދިޔަ ދުއާތަކާއެކު އޭނާގެ ހަށިކޮޅު ފަސްދާނު ލުމަށްޓަކައި ގެންދިޔައީ ދައުހާގެ ރަށްބޭރުގައިވާ މިސީމީރު ގަބުރަސްތާނަށެވެ. އެވަގުތުވެސް އެތައް ބައެއްގެ ލޯތަކުން ދިޔައީ ކަރުނަތައް ފައިބަމުންނެވެ.

އަލްޤަރުޟާވީގެ ޖަނާޒާގައި ގިނަ އަދަދެއްގެ އިސްލާމީ އިލްމުވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ އިސްލާމީ ދަންނަބޭކަލުންގެ ބައިނަލްއަގްވާމީ އިއްތިހާދު ގެ މިހާރުގެ ރައީސް ޑރ. އަލީ މުހްޔިއްދީން އަލްގުއްރަދާޣީއެވެ. ޑރ. އަލްގުއްރަދާޣީ، އަލްޤަރުޟާވީއަށް ހެޔޮ ދުއާ ކުރެއްވުމަށްފަހު، ގަރުޟާވީ އިސްލާމް ދީނަށާއި މުސްލިމުންނަށް ކުރެއްވި ޚިދުމަތްތަކުގެ މައްޗަށްވެސް ކުރުގޮތަކަށް ބައްލަވާލެެއްވިއެވެ.

ޤަރުޟާވީގެ އޯގާތެރިކަމާއި އޭނާގެ ހިތްތިރިކަމާއި ހިތްހެޔޮކަމާއި ސަމާހަތާއި ކަރަމުގެ ވާހަކަތައް އަލްގުއްރަދާޣީ ދެއްކެވިއިރު ޖަނާޒާގެ ބައިވެރިންނަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

އުރުފުޅުން 96 އަހަރުގައި ޕްރޮފެސަރ ޑރ. ޔޫސުފް އަލްޤަރްޟާވީ އަވަހާރަވިއިރު އޭނާ އިސްލާމް ދީނަށާއި މުސްލިމުންނަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 80 ވަރަކަށް އަހަރުވަނީ ވެފައެވެ. ޤަރުޟާވީ އާމެދު ބެލެވެނީ މި ޒަމާނާ ގުޅޭގޮތަށް އިސްލާމީ ފިކުރު ތަރައްގީކުރުމާއި އިޖްތިހާދު ކުރުމުގެ އިސް އެއް މޭސްތިރިއާގެ ގޮތުގައެވެ.

ދީނީ ކަންކަމުގައި ގިނަ ބަޔަކަށް ގަބޫލުކުރޭ ގޮތަށް، ތަފާތު މައުޟޫތަކުގައި ޤަރުޟާވީ ދެއްވާފައިވާ ފަތުވާތަކާއި ލިޔުއްވާފައިވާ ފޮތްތަކާ އަދި ދައްކަވާފައިވާ ވާހަކަތަކަކީ އަގު ނުކުރެވޭފަދަ އިލްމީ ޚަޒާނާތަކެކެވެ. ޤަރުޟާވީއާމެދު ބެލެވެނީ މިޒަމާނުގެ އެންމެ ފުންނާބުއުސް ޝަރީއާ އިލްމުވެރިޔާގެ ގޮތުގައެވެ. އިސްލާމީ އިލްމުގެ އިތުރުން އިސްލާމީ ފިކުރާއި އިސްލާމީ ދައުވާގައި އެންމެ ފުންނާބު އުސް އެއްއިލްމުވެރިންގެ ތެރޭގައި ޤަރުޟާވީ ހިމެނެއެވެ.

ޑރ. ޔޫސުފް އަލްޤަރުޟާވީ

ޤަރުޟާވީ މަޝްހޫރު ވެފައިވަނީ ވެސް އިސްލާމީ ފިކުރުގެ މަދްރަސަތުލް ވަސަތިއްޔާ ނުވަތަ މެދުމިނުގެ އިސްލާމީ ފިކުރު ކުރިއެރުވުމަށް މަސައްކަތް ކުރެއްވި އެންމެ ފުންނާބު އުސް މުހައްދިޘުގެ ގޮތުގައެވެ. އަލްޤަރުޟާވީ މެދުމިނުގެ އިސްލާމީ ފިކުރު ބިނާކުރައްވާފައިވަނީ ޝަރުއީ ކަންކަން އޭގެ އަސްލަށް ބަދަލު ނުގެނަސް ޝަރުއީ މުހްކަމާތު ޒަމާނީ ބޭނުންތަކާއެއްގޮތަށް ބައްޓަންކުރެއްވުމުގައި ޒަމާނީ އެންމެ އިސް ފަގީހުގެ ގޮތުގައެވެ.

ޤަރްޟާވީ ވަނީ އިސްލާމީ އެކި މައުޟޫޢުތަކަށް 120 އަށް ވުރެ ގިނަ ފޮތް ލިޔުއްވާފައެވެ. އަދި ތަފާތު އެކިއެކި މައުޟޫއުތަކަށް އެތައް ސަތޭކަ ލިޔުންތައް ލިޔުއްވާފައިވުމުގެ އިތުރުން ދީނީ ކަންކަމަށް ޚާއްސަ ވެބްސައިޓެއްވެސް ޤަރުޟާވީ ހިންގެވިއެވެ. އަދި އިސްލާމީ ތައުލީމާ ގުޅޭ ޓީވީ ޕްރޮގްރާމްތަކުގެ އެތައް ސަތޭކަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވާފައިވެއެވެ.

އަލްޤަރުޟާވީ ތައުލީމު ހާސިލް ކުރައްވާފައިވަނީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީންނެވެ. ނަމަވެސް 1960 ގެ އަހަރުތަކުން ފެށިގެން އޭނާ ދިރިއުޅުއްވަމުން ގެންދަވާފައިވަނީ ގަތަރުގައެވެ. ޤަރުޟާވީއަށް ގަތަރުގެ ރަށްވެހިކަންވެސް ލިބިފައިވެއެވެ. އިސްލާމީ ދަންނަބޭކަލުންގެ ބައިނަލްއަގްވާމީ އިއްތިހާދު ގެ މުއައްސިސަކީ އަދި އޭޖަމްއިއްޔާގެ ކުރީގެ ރައީސަކީވެސް އަލްގަރުޟާވީއެވެ. އަލްޤަރުޟާވީ ފަލަސްތީނުގެ މައްސަލައަށް ޚާއްސަ އިސްކަމެއް ދެއްވިއެވެ.

comment ކޮމެންޓް