ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރަން ޖާގަ އެބަ ހުރި، ބަޖެޓެއް ނެތް!

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ --- ފޮޓޯ: މަޖިލިސް

ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް އިތުރު ކްލާސްރޫމްތައް އިމާރާތްކުރާނެ ޖާގަ ހުރި ނަމަވެސް ބަޖެޓް ލިބުމުގައި ދަތިތަކެއް ހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ މާލޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރުމުގެ މަސައްކަތް ގޮސްފަ އޮތް ހިސާބެއް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު މިއަދު މަޖިލީހުގައި ކުރެއްވި ސުވާލައް ޖަވާބު ދެއްވަމުންނެވެ.

"ތަން އެބަހުރި. އަޅުގަނޑުމެންނަށް ބޭނުންވަނީ ބަޖެޓް އިތުރަށް އެތަނުގައި އިމާރާތް އެޅުމަށް," މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެއް ދަންފަޅިއަށް ކިޔަވައި ދެނީ މިހާރު ދެ ސްކޫލެއްގައެވެ. އެއީ މާލޭގައި ހުރި އިއްޒުއްދީން ސްކޫލްގެ އިތުރުން ވިލިމާލޭ މުހިއްޔުއްދީން ސްކޫލެވެ.

"އިތުރު ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ. މާދަމާ އެވޯޑް ކުރެވޭނެ ޖަމާލުއްދީން ސްކޫލް އެއްދަންފަޅިއަށް ހެދުމަށް އިތުރަށް އެ ބޭނުންވާ ކްލާސްރޫމް އެޅުމުގެ މަސައްކަތް," މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ --- ފޮޓޯ: މަޖިލިސް

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލު ކުރުމަށް ޕްލޭންތަކެއް ހުރިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ބަޖެޓް ތަންދިން މިންވަރަކުން މާލޭގެ އެންމެ ދުވަސްވީ ދެ ސްކޫލް ކަމަށްވާ އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލް އެއްދަންފަޅިއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އެއްދަންފަޅިއަށް ސްކޫލްތައް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން ހަމަކުރިއަށް ގޮސް 155 ސްކޫލް މިވަނީ އެއްދަންފަޅިއަށް ބަދަލުކުރެވިފައި," މިނިސްޓަރު ވިދާޅުވިއެވެ.

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލު ކޮށްލުމުން އަދި އެ ނިމުނީ ނޫންކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ, ވަށާ ޖެހޭ ތައުލީމެއް ސްކޫލްތަކުން ދިނުން ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން ވަށާ ޖެހޭ ތައުލީމް ކޮންސެޕްޓް 44 ސްކޫލެއްގައި ތަޖުރިބާ ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ކޮންސެޕްޓްގައި ދަރިވަރުން ސްކޫލަށް ދާނީ ހެނދުނު ހައެއް ޖަހާއިރުއެވެ. ކަސްރަތުގެ ހަރަކާތަކުން ސެޝަން ފަށައި ހެނދުނުގެ ނާސްތާ ނަގައި ދަރިވަރުން ކިޔަވަން ފަށާނެއެވެ. ކަރިކިއުލަމްގައިވާ އެކަޑަމިކް މާއްދާތައް ކިޔެވުމަށްފަހު ދެން ވަގުތު ހޭދަކުރާނީ އިޖުތިމާއީ ހަރަކާތްތަކުގެ އިތުރުން ހުނަރަ ދުސްކުރުމުގައެވެ. އެކްޓިވިޓީ އާއި ކްލަބް ހަރަކާތްތަކުގައި ވެސް ދަރިވަރުން ސްކޫލްގައި ވަގުތު ހޭދަކުރުމަށްފަހު ދެން ދާނީ ގެޔަށެވެ.

"ދުވަހުގެ މަސައްކަތް ނިންމާލާފައި ގެއަށް ދާނީ. އިތުރު މަސައްކަތެއް ދެން އެދުވަހަކު ނޯއްނާނެ. ވީކެންޑްސްގައި ސްކޫލަށް އަންނާކަށް ނުޖެހޭނެ," އެ ކޮންސެޕްޓަށް ކިޔަވައިދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަނޑި އިންނަނީ ހަ ގަޑިއިރަށްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެއްދަންފަޅިއަށް ބަދަލުކުރުމުން ޓީޗަރުން ސްކޫލްގައި އަށް ގަޑިއިރު ހޭދަކުރަން ޖެހޭ ކަމަށެވެ. އަދި އިތުރަށް އެ ހޭދަވާ ވަގުތަށް އިތުރު ގަޑީގެ ފައިސާ ދޭން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ނިޒާމް މި އޮތް ގޮތުން އަދި އެއަށް ކޭޓާ ކުރެވޭކަށް ނެތް. އެހެންވީމަ ހުރިހާ ސްކޫލެއް އަދި އެއްދަންފަޅިއަށް ބަދަލު ނުކުރެވެނީ," މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް