މޫނަށް ދަގަނޑު ހެރުން: ދާއިމީކޮށް ފަރުވާ ކުރަން ނުޖެހޭ ގޮތަށް މީހާ ސަލާމަތްކޮށްފި!

ދަގަނޑުގަނޑު ހެރުނު ބިދޭސީ މީހާގެ ގްރެފިކްސްއެއް ޑޮކްޓަރުން ދައްކާލަނީ-- ސަން ފޮޓޯ: އާމިނަތު މޫސާ

މި މަހުގެ 17 ވަނަ ދުވަހު ހެންވޭރުގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓުނު ދަގަނޑެއް މޫނަށް ހެރުނު ބިދޭސީ މީހާގެ އޮޕަރޭޝަން ކާމިޔާބު ވެފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

ވެއްޓުނު އެނބުރި ދަނގަޑު ބިދޭސީ މީހާގެ ނޭފަތާ ދިމާލުން ފެށިގެން ބަނޑުގެ ތިރިއާހަމައަށް އެތެރެއަށް ވަދެފައިވެއެވެ. އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. މި އޮޕަރޭޝަންގައި އޭޑީކޭގެ ސީނިއާ އެތައް ޑޮކްޓަރުންނެއް ބައިވެރިވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އުމުރުން 34 އަހަރުގެ އެ ބިދޭސީމީހާގެ ހަށިގަނޑަށް ހެރިފައިވަނީ ހަ ފޫޓުގެ ދިގު ދަގަނޑެއް ކަމަށެވެ.

ދަގަނޑުގަނޑު ހެރުނު ބިދޭސީ މީހާގެ ގްރެފިކްސްއެއް ޑޮކްޓަރުން ދައްކާލަނީ-- ސަން ފޮޓޯ: އާމިނަތު މޫސާ

މިކަން ހިނގާފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ އިމާރާތުގެ ހަ ވަނަ ބުރިއަށް އަރުވަމުންދިޔަ ދަގަނޑުތަކެއް ވެއްޓުނު އަޑަށް އެ ބިދޭސީ މީހާ އިމާރާތުގެ ބޭރަށް ބޯ ދިއްކޮށްލި ވަގުތު ކަމަށް ވެސް ނިޔާފް ވިދާޅުވިއެވެ. އެ ވަގުތު އެ މީހާ ހުރީ ހެލްމެޓް އަޅައި ސޭފްޓީ ބޫޓަށް އަރައިގެން ކަމަށް ވެސް ނިޔާފް ވިދާޅުވިއެވެ.

ނާރުގެ ޑޮކްޓަރު އަލީ ނިޔާފް ވިދާޅުވީ އެ ބިދޭސީ މީހާގެ ހަށިގަނޑަށް ދަގަނޑު ވަދެފައި ވަނީ ނޭފަތު މަތިން ފެށިގެންގޮސް ތަލިފޫއަޅުވާލައި، ކަރާއި ބަނޑުގެ އެތެރެއިން ގޮސް އުކުޅުވަޅާ ހަމައަށް ކަމަށެވެ.

"ނޭފަތުގެ ކަށިގަނޑުގައި ފުރަތަމަ ޖެހެނީ. އޭގެ ފަހުން ޖެހިގެން އައިސް މި ހަލާކުކޮށްލަނީ ތަލީގެ ކަށިގަނޑު. އޭގެ ފަހުން ވަންނަނީ ކަރުގެ އެތެރެއަށް. އޭގެ ފަހުން ކަރުގެ ފަހަތު ފާރު ފޫއަޅުވާލުމަށް ފަހު ގޮސް މިޖެހެނީ މައިބަދައިގައި. މައިބަދައިގެ ތިން ބަދަ ފުނޑުފުނޑު އަޅުވާލާފައި ތިރިއަށް ފައިބައިގެން މި އަންނަނީ. އައިސް މި ވަންނަނީ ފުއްޕާމޭގެ އެތެރެއަށް،" ނިޔާފް ވިދާޅުވިއެވެ.

"ވަދެގެން އައިސް ފުއްޕާމެޔާއި ބަނޑުގެ ގުނަވަންތަކާ ދޭތެރޭ މި އިންނަނީ މަސްގަނޑެއް. އެ މަސްގަނޑު ފޫއަޅުވާލުމަށް ފަހު މި ވަންނަނީ ބަނޑުގެ އެތެރެއަށް. ވަދެގެން އައިސް ލިވާގައި ޖެހިފައި ލިވާއިން ގާތްގަނޑަކަށް ފަސް މިލިމީޓަރުގެ އިންޖަރީއެއް ކޮށްލާފައި އައިސް މި ވަންނަނީ ބަނޑުގެ މަސްގަނޑު އެތެރެއަށް. ވަދެފައި މަސްގަނޑު އެތެރެއިން ލައިފައި އައިސް މިޖެހެނީ އުކުޅުވަޅު ކަށިގަނޑުގައި."

އޭގެ ސަބަބުން އެ ބިދޭސީ މީހާގެ މައިބަދައިގެ އިތުރުން މޭމައްޗާއި ފުރަމޭއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އަލީ ނިޔާފް ވިދާޅުވިއެވެ.

އެ ދަގަނޑު ނެގުމަށް ޑޮކްޓަރުން ތައްޔާރުވީ ގްލޭންޑަރު ފަދަ ތަކެތި ހޯދައިގެން ކަމަށް ވެސް އަލީ ނިޔާފް ވިދާޅުވިއެވެ. ނަމަވެސް ދަގަނޑު ނެގީ އަތް ބޭނުންކޮށްގެން ވަރަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާގެ ނަސީބު ރަނގަޅު ކަމުން ފުރައިމޭއިން ލޭނުފައިބާ ކަމަށެވެ. އަދި ދަގަނޑު ވަދެގެން ދިޔައިރު ގޮހޮރަށް ވެސް ގެއްލުމެއް ވެފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަނިޔާވި ބިދޭސީމީހާއަށް ފަރުވާ ދެމުން އަންނަތާ 11 ދުވަސްވެފައިވާއިރު އޭނާއަށް މިހާރު ވާހަކަ ދައްކާ، ހިނގާ ބިނގާވެ އުޅެވެއެވެ.

ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އެ ބިދޭސީ މީހާއަށް މި ހާދިސާގެ ސަބަބުން ދާއިމަށް ފަރުވާކުރަން ޖެހޭވަރުގެ ކަމެއް ދިމާނުވެ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އައްފާލް ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ސައިޓްތަކުގައި ސޭފްޓީ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނީ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ.

ބިދޭސީ މީހާގެ ފަރުވާގައި ބައިވެރިވީ:

  • ޑރ. އަހުމަދު ޒިޔާން - އެމަޖެންސީ ފަރުވާގައި އިސްކޮށް ހުންނެވި ޑޮކްޓަރު
  • ޑރ. ދުސޫމާ އަބްދުﷲ ރައްޒާގު - ހޭނެއްތުމުގައި އިސްކޮށް ހަރަކާތްތެރިވި އެނެސްތެޓިސްޓް
  • ޑރ. އަހުމަދު ނިޝާން - ސާޖިކަލް ޓީމުގައި އިސްކޮށް ހުންނެވި ޖެނެރަލް ސާޖަން
  • ޑރ. ޝާފިއު އަދި ޑރ. ކައުޝަލް - ކާޑިއޯވަސްކިއުލާ އެންޑް ތޮރޭސިކް ސާޖަރީއަށް ހާއްސަ އޮޕަރޭޝަން ޑޮކްޓަރުން
  • ޑރ. ޝަކީލް - އޯތޮޕީޑިކް ޓްރޯމާ ސާޖަން
  • ޑރ. ނަޒީފް - މޫނަށާއި އަނގަޔަށާއި ކަރަށް ލިބުނު އަނިޔާތައް ބެއްލެވުމުގައި އިސްކޮށް ހުންނެވި އީއެންޓީ އޮޕަރޭޝަން ޑޮކްޓަރު
  • ޑރ. އަލީ ނިޔާފް، ޑރ. ކިރަން އަދި ޑރ. ރޮބިން - މައިބަދައަށް ލިބުނު ގެއްލުން ބެއްލެވި ޑޮކްޓަރުން
  • ރޭޑިއޯލޮޖީ ޑިޕާޓްމެންޓް އަދި ރޭޑިއޯޑައިގްނޯސްޓިކް ޓެކްނީޝިއަނުން
  • ބްލަޑް ބޭންކްގެ ނަރުހުންގެ ޓީމް
  • ސާޖިކަލް ނާސިން ޓީމް، އިންޓެންސިވް ކެޔާ ނާސިން ޓީމް
  • ފިޒިއޮތެރަޕީ އެންޑް ރިހެބިލިޓޭޝަން ޓީމް
comment ކޮމެންޓް