ނުވިކި ބާކީ ހުރި ސްޓެލްކޯ ފްލެޓުތަކުގެ ގުރުއަތުލުން ބާއްވައިފި

ސްޓެލްކޯގެ މުވައްޒިފުންނަށް އެކުންފުނީގެ ފުލެޓުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އިމާރާތްކުރި ފްލެޓުތަކުގެ ތެރެއިން، ނުވިކި ބާކީ ހުރި ފްލެޓުތަކުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

"ބްލޫ ރިޖް"ގެ ނަމުން ނަންދީފައިވާ ދެ ޓަވަރުގެ ތެރެއިން ނުވިކި ވަނީ ޖުމްލަ 32 ޔުނިޓެވެ. އެއީ އެއް ކޮޓަރީގެ 16 ޔުނިޓާއި، 2+1 ކޮޓަރީގެ 16 ޔުނިޓެވެ. މީގެ އިތުރުން، ފްލެޓު ލިބުނު ފަރާތުން ދޫކޮށްލާފައިވާ އެއް ކޮޓަރީގެ ޔުނިޓެއްގެ ގުރުވެސް ރޭ ވަނީ ނަގާފައެވެ.

ސްޓެލްކޯއިން ބުނީ މި ޔުނިޓުތަކަށް ކުރިމަތިލީ މުވައްޒަފުންގެ ތެރެއިން އެއް ކޮޓަރީގެ ޔުނިޓުތަކަށް ޝަރުތުހަމަވީ 75 މީހުން ކަމަށާއި، އަދި، 2+1 ކޮޓަރީގެ ޔުނިޓުތަކަށް ޝަރުތު ހަމަވީ 235 މީހުން ކަމަށެވެ. ރޭގެ ގުރުއަތަށް ޝަރުތު ހަމަވީ އެންމެންނަށް ދައުވަތު ދިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ވަނީ ގުރުއަތުން ނަގާފައެވެ. ސްޓެލްކޯއިން ބުނީ މި ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ ގުރުއަތުން ހޮވުނު އެއްވެސް މުވައްޒަފަކު ޔުނިޓް ދޫކޮށްލާކަމުގައިވާނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުން ކަމަށެވެ.

ސްޓެލްކޯގެ ފުލެޓުތައް ލިބުނު މުވައްޒަފުން އަންނަ ޑިސެމްބަރާ ހަމައަށް މަހު ކުލި ދައްކަން ނުޖެހޭނެއެވެ. އެގޮތަށް ހެދީ އެ މުއްދަތުގެ ތެރޭގައި މުވައްޒަފުންގެ މުސާރައިންނާއި އެހެން ގޮތްގޮތުން ކުންފުންޏަށް 10 ޕަސެންޓް ދައްކަމުންދާތީ ކުލި ނަގައިފި ނަމަ ދަތިވާނެ ކަމަށް ފެންނާތީ ކަމަށް މީގެ ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

އެ ފުލެޓުތަކުގެ އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 5،622 ރުފިޔާއަށް ކަމަށް ވާއިރު، މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 10،356ރުފިޔާ އާއި 10،652ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.

ހުޅުމާލޭ ދެވެނަ ފިޔަވަހީގައި، އެކި ކުންފުނިތަކުގެ ފުލެޓުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރާތްކުރަން ވަނީ ފަށާފައެވެ.

އޭގެތެރެއިން ސްޓެލްކޯގެ ދެ ޓަވަރުގައި އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓު ހިމެނެއެވެ. އެއީ ޖުމުލަ 360 ފުލެޓެވެ.

comment ކޮމެންޓް