ބޮޑުތިލަދުންމައްޗަށް އައި ބޮޑުބަދަލުގެ ފެށުން، އާރުޓީއެލްއިން ބޮޑުތިލަދުންމަތި ގުޅާލުން ރަސްމީކޮށް އިފްތިތާހުކޮށްފި

ޒޯން އެކެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ހއ. ދިއްދޫގައި އެ މަޝްރޫޢު ރަސްމީކޮށް މިރޭ އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މުޙައްމަދު އަސްލަމާއި ކެބިނެޓް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދަޢުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ އާރްޓީއެލް ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސް ޞާލިޙުގެ ވަޢުދުފުޅެކެވެ. އެގޮތުން "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 17ވަނަ ދުވަހުއެވެ.

އެ މަޝްރޫއުގެ ފޭސް އެކެއްގެ ދަށުން ޒޯން އެކެއްގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި އެ މަޝްރޫޢުގެ ފޭސް ދޭއް އަދި ފޭސް ތިނެއްގެ ދަށުން ބާކީ 17 އަތޮޅަށް ޚިދުމަތް ދޭންފެށި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެއެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާތަކެއް ކުރާނެ ޚިދުމަތަކެއް ކަމަށް ސަރުކާރުން ބުނެއެެވެ.

އާރުޓީއެލް ޚިދުމަތް ދޭ އެމްޓީސީސިން ބުނީ ފުރަތަމަ ޒޯނުގާ ޚިދުމަތް ފަށާފައި ވަނީ ޒަމާނީ، ދުވެލި ހަލުއި، އުޅަނދު ތަކެއްގައި ކަމަށެވެ. އެގޮތުން ކުރިއަށްވުރެ އެތައް ގުނައެއް އަވަސްކޮށް ބާރު ދުވެލީގައި މިހާރު ދަތުރުތައް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހަމައެއާއެކު އެއާކޯން ކުރެވިފައިވާ އެއުޅަނދުތައް ހުންނާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައި ކަމަށާއި އުޅަނދުގައި ފާޚާނާ އާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

އެމްޓީސީގެ އެ ފްލީޓްގައި ޒަމާނީ 13 ފެރީ މިވަގުތު އެބައޮތެވެ. އެއީ އެއްވަނަ ޒޯނުގެ 41 ރަށަށް ކޮންމެ ދުވަހަކުވެސް ޚިދުމަތް ދެވޭ އުޅަނދުތަކެކެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލްގެ ޚިދުމަތް، ރައްޔިތުންނަށް ފޯރުކޮށް ދެނީ ޓެކްނޮލޮޖީއާ ރަށްޓެހި ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން، ސްމާޓު ފޯނުން ދަތުރު ޝެޑިއުލް ބަލާލެވި، ޓިކެޓު ބުކްކޮށްލެވި، ޓިކެޓަށް ފައިސާ ދެއްކޭނެ ކަމަށާއި އެ ނޫން މީހުންނަށް ޓިކެޓުގެ ނަންބަރު ދައްކަވާލައިގެން ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް ހަ ޒޯނުގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ޚިދުމަތް ދޭ 82 އުޅަނދެއް އޮންނާނެއެވެ. ޖުމުލަ 188 ފެރީ ޓާމިނަލް ވެސް ހުންނާނެއެވެ. އެ އުޅަނދުތަކަށް ޚިދުމަތް ދޭނެ ބޯޓުޔާޑު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ގާއިމުކުރެވިފައި ހުންނާނެއެވެ.

އެމްޓީސީސީގެ އަމާޒަމީ ކުރިއަށް އޮތް 24 މަސް ދުވަސްތެރޭ މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުން ކަމަށް އެކުންފުނިން ބުންޏެވެ. އެގޮތުން ކުރިއަށް އޮތް ނުވަ މަސް ދުވަސްތެރޭ ނުވަ އަތޮޅެއްގައި މި ހިދުމަތް ތައާރަފު ކުރަން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުން ކަމަށް އެމްޓީސީސީން ބުންޏެވެ.

މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާވެގެން ދާއިރު 800ގާތްކުރާ ވަޒީފާ އަލަށް އުފެދިގެން ދާނެ ކަމަށް އެމްޓީސީސީން އަންދާޒާކުރެއެވެ. އަދި އެ މުވައްޒަފުންނަކީ ކޮންމެ މީހެއްގެ އެވްރެޖު މުސާރައަށް ބަލާއިރު، އެކަށީގެންވާ މުސާރައެއް ލިބޭ އަދި ޚިދުމަތަށް ތަމްރީނު ވެފައިވާ ގާބިލު ބަޔަކަށް ވާނެކަމަށް އެކުންފުނިން ބުންޏެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

އާރުޓީއެލް ފެރީން ބޮޑު ތިލަދުންމަތި ގުޅާލުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެން އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ މިހާރު އިތުރުގެ ހަތަރު ރަށަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ބޮޑުތިލަދުންމައްޗަށް ވަޑައިގަތުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ބޮޑުތިލަދުންމައްޗަށް ސަރުކާރުން ގެނެސްފައިވާ ބޮޑު ބަދަލުތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫއުތަށް އިފްތިތާހު ކޮށްދެވުމެވެ.

ދިއްދޫ އަކީ އެމަނިކުފާނު އުތުރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވަން ހަމަޖެހިފައިވާ އެންމެ ފަހުގެ މަންޒިލެވެ.

comment ކޮމެންޓް