އަމީނީ މަގުން ގަސް ކަނޑާތީ މަޖިލީހަށް ކުއްލި މައްސަލައެއް

ރައްޔިތުންގެ މަޖިލީުގެ ކޮމިޓީއެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް -- ފޮޓޯ/ މަޖިލިސް

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރާއިރު އެ މަގުން ގަސް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މާދަމާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވަން ނިންމަވައިފިއެވެ.

ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވަން ނިންމެވި މައްސަލައިގައި ވަނީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެމްޑީޕީން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެފައިވާ ވައުދެއްކަމަށެވެ. އެހެންކަމުން މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި މާލޭގެ މަގުތައް ތަރައްގީކުރަން ޖެހޭ ކަމަށާއި ނަމަވެސް އެކަން ކުރާއިރު މާލޭގެ ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް މަގުތައް ތަރައްގީކުރުން މުހިންމުކަމަށް މަޖިލީހަށް ހުށަހެޅުއްވަން ނިންމެވި މައްސަލައިގައި ވެއެވެ.

ހަސަން ލަތީފް ވަނީ އަމީނީ މަގުގެ މަސައްކަތަށް އެ މަގުގައި ހުރި ގަސްތައް ކެނޑުމުން އެކަމާ ގުޅިގެން ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން އަމީނީ މަގުގެ ހަދަން ނުފަށާ ބާކީ އޮތް ބޮޑު ބައި ހަދަން ފަށާއިރު އެސަރަހައްދުގެ ބޮޑު ގަސްތައް ކަނޑާލާނެތޯ ސުވާލު އުފައްދާފައިވެއެވެ. އަދި މާލޭގެ އެހެން މަގުތައް ތަރައްގީކުރާއިރު އެމަގު ތަކުގައި ހުންނަ ގަސްތައް އަމީނީ މަގެކޭ އެއްގޮތަށް ކަނޑާލާނެތޯއާ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވަނީ ކިހާ ގަހެއް މާލޭގެ މަގުތަކުން ކަނޑައިގެންތޯ ސުވާލު އުފައްދާފައިވެއެވެ.

އަދި ގަސް ނުކަނޑާ މާލޭގެ މަގުތައް ނުކެނޑެނީތޯއާއި އަމީނީމަގުން ކަނޑާފައިވާ ގަސްތަކަކީ ކޮންމެހެން ކަނޑަން ޖެހިގެން ކަނޑާފައިވާ ގަސްތަކެއްތޯ ވެސް ސުވާލު އުފައްދާފައިވެއެވެ.

ހަސަން ލަތީފް ހުށަހެޅުއްވަން ނިންމެވި މައްސަލައިގައި ވަނީ ރަށެއް ހިތްފަސޭހަ ވުމަށް މެދުވެރިވާ އެންމެ މުހިންމު އެއް ސިފައަކީ ގުދުރަތީގޮތުން އެތަން އުފެދިފައިވާ ގޮތަށް މާ ބޮޑު ބަދަލެއް ނުގެނެސް ތަރައްގީކުރުންކަމަށެވެ.

"އަމީނީ މަގު ތަރައްގީކުރެވިގެންދާއިރު، އެ މަގުގައި ހުރި ގުދުކަމާއެކު، އަދި އެ މަގުގައި ހުރި ގަސްގަހާ ގެއްސަށް ޖާގަ ދިނުމާއެކު، އެމަގު ހަދާ ނިންމުމުން އެމަގުގެ ގުދުރަތީ ސިފަ ނުގެއްލި އެ މަގުގެ ހިޔްފަސޭހަކަން އެތައް ގުނައަކަށް އިތުރުވެގެން ދާނެ،" ހަސަން ލަތީފް ހުށަހަޅުއްވާ މައްސަލައިގައި ވެއެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާގޮތަށެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު "ސަން"އަށް ވިދާޅުވީ އަމީނީމަގު ތަރައްގީކޮށް ނިމޭއިރު ބޮޑެތި ގަސްތަކެއް އެ މަގުގައި އިންދާނެ ކަމަށެވެ.

comment ކޮމެންޓް