ހަނިމާދޫ އެއާޕޯޓްގެ ތަރައްގީ އާއި އާރްޓީއެލްގެ ސަބަބުން ބޮޑު ތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ނޯވެވޭނެ: ރައީސް

ހދ. ހަނިމާދޫ އެއާޕޯޓަށް ގެންނަ ޒަމާނީ ތަރައްގީ އާއި އާރްޓީއެލްގެ އަރާމު ފެރީގެ ނިޒާމުގެ ސަބަބުން ބޮޑު ތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ނޯވެވޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ޒޯން އެކެއްގައި އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރުމަށް މިރޭ ހއ. ދިއްދޫގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ހަނިމާދޫ ބައިނަލް އަޤްވާމީ ވައިގެ ބަނދަރު މީގެކުރިން ބައިނަލް އަޤްވާމީ ކުރީ ނަންބޯޑަކާއެކު އަންނަ އިތުރު މަތިންދާ ބޯޓަކުން ކަމަށެވެ. ބޯޑުފީވެ، ފުރިބޯޓު އަނބުރާ ނައުމުން އެކަން ނިމި، ބައިނަލް އަޤްވާމީކަން ކެނޑޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަނިމާދޫ އެއާޕޯޓަށް، ދެންވާނީ ކުރިން ވީގޮތެއް ނޫން. އެ މަޝްރޫޢަށް ބޭނުންވާ، 2.1 ބިލިއަން ރުފިޔާ ހަމަޖެހިއްޖެ. ކޮންޓްރެކްޓްގާ ސޮއިކޮށް މަސައްކަތް ޙަވާލުކުރެވިއްޖެ. ހަނިމާދޫގާ މިހާރު އޮތް 1.2 ކިލޯ މީޓަރުގެ ރަންވޭ، ދެން ބަދަލުވާނީ 2.46 ކިލޯމީޓަރުގެ ރަންވޭ އަކަށް. އެއީ އޭޝިއާގެ އިރުމައްޗާ، ދެކުނު އިރުމަތީ އޭޝިއާއިން، ސީދާ ފްލައިޓް އޮޕަރޭޓް ކުރެވޭނެ ރަންވޭއެއް. އަދި މެދުއިރުމައްޗާ، އިރުމަތީ އެފްރިކާ، ބޮޑު ތިލަދުންމައްޗާ ގުޅުވައިދޭނީ އެ ރަންވޭއިން،" ރައީސް ވިދާޅުވިއެވެ.

"ރަންވޭއަށް އަންނަ ތަރައްޤީ، ޓާމިނަލަށް ނުގެނެސް، ހަނިމާދޫ އިންޓަނޭޝަނަލެއް ނުވާނެ. ބޭނުންވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް، ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލެއް، އަލުން ޢިމާރާތް ކުރުން. ރަންވޭ ދިގުކޮށް ޓާމިނަލް އާކޮށް ބޮޑު ކުރާނަމަ، އެއާ ގުޅޭ ކޮންމެހެން ލާޒިމު، އަނެއް ބޮޑު ބަދަލު، މިބޮޑު ތިލަދުންމައްޗަށް އަންނަން ޖެހޭ."

ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގެ އާ މަޝްރޫއަކީ މާލެ ސަރަހައްދުން ބޭރުގާ ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށެވެ. އެ ޕްރޮޖެކްޓް ހިންގަނީ ޖަޒީރާ ވަންތަ، ވިޔަވަތި ދިރިއުޅުމެއް އެ ސަރަހައްދުގެ 41 ރަށަށް ހޯދައިދިނުމަށް ކަމަށާއި އެ މަޝްރޫއު ވެގެންދާނީ ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލަކަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިފަހަރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަން ބޯޑް ހަރުކުރާނީ ތަރައްގީކޮށް ނިންމައި އެންމެ ފަހުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

ރައީސް ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގަނީ އެއްކަންތައް އަނެއްކަމާ ގުޅިލާމެހިގެން ފުރިހަމަވާ، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢު ތަކެއް ކަމަށެވެ.

"އަމިއްލަ ޤައުމުން ހަނިމާދުއަށް އަންނަ ފަތުރުވެރިން، މިރަށްތަކުގެ ހޮޓާތަކާ ގެސްޓް ހައުސްތަކަށް އައިސް ގޮސްވެވޭނެ. އެކަމަށް ދުވެ-ދުވެ އެހުރި، އާރުޓީއެލްގެ ސީޓްތަކުގެ އަރާމުކަން ކުޑައެއް ނުވާނެ. ދުވެލި މަޑެއް ނުވާނެ، އަދި ޓިކެޓްގެ އަގު ބޮޑެއްވެސް ނުވާނެ. އޭރުން މިއަވީގާ ޖެހިލާ، މިރަށްރަށުގެ ހިމުން ދޮންވެއްޔާ އެކުވެލަން، ބޮޑު ތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ނޯވެވޭނެ،" ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ މިދެންނެވި ތަޞައްވުރާ އެއްގޮތަށް، ފަހަރަކު ގޮށެއް ބާރުކުރެވި، ހިންމިތަށް ބެދި، ބަދަހިވުމުން، އެއީ އަޅުގަނޑު މި ދަންނަވާ، އޮތްދިގަށް، ސަރާސަރު މަގުން ހިނގާ، ވިއަވަތި ރާއްޖެ. އެއީ އަމިއްލަ ރަށުން، ތިމާގެ ފައިތިލައިގެ ބުޑުން، ނަފާ ހޯދޭނެ، އުފާވެރި ޖަޒީރާ ދިރިއުޅުން،"

އެމަނިކުފާނު ވިދާޅުވީ ބޮޑުތިލަދުންމައްޗަކީ ބޮޑުކަންނެލީގެ މަސްވެރިން ގިނަ ސަރަހައްދެއް ކަމަށާއި ހަނިމާދޫއިން ކަންނެލި އެކްސްޕޯޓް ނުކުރެވުމަކީ އެ ސަރަހައްދުގެ އިޤްތިޞާދުގައި އެޅިފައި އޮތް މަރުތަޅެއް ކަމަށެވެ. އުތުރުގެ އިޤްތިޞާދީ މައިދޮރޯށީގެ ގޮތުގައި ހަނިމާދޫ ހުޅުވާލެވުނު ނަމަ އެ ސަރަޙައްދުގެ 8000 ޓޫރިސްޓް އެނދު، ބާވާނެތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބޮޑުތިލަދުންމައްޗަށް މިގެންނަ ބޮޑު ބަދަލު، މިހާތަނަށް ނައިސް އޮތް އެންމެ އަސާސީ ސަބަބަކީ، ހަނިމާދޫ އަށް ވެފައި އެއޮތް ގޮތް. އެހެން ނަމަވެސް އިރާދަ ކުރެއްވިއްޔާ އެބަދަލު އަންނާނީ، އަދި ގެންނާނީ، މިހާރު ބޮޑު ތިލަދުންމައްޗަށް މިގެންނަ ބޮޑު ބަދަލާއެކު،"

އާރްޓީއެލްގެ ހިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު މިފެންނަނީ މިއަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު އއ. އުކުޅަހުގައި އެ މަނިކުފާނު ހާމަ ކުރެއްވި ބަސްތަކުގެ އަމަލީ ތަޖުރިބާ ކަމަށެވެ.

"އެދުވަހު އަޅުގަނޑު ދެންނެވިން، ސަރުކާރުގެ ހުރިހާ ސިޔާސަތުތަކާ، އަމާޒު ގޮސްނިމޭ، ވަކި ޚާއްޞަ ދިމާއެއް އޮންނަ ވާހަކަ. މާނަވީ ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރު ހިފުމަށްޓަކާ، ދާންޖެހޭ މަގަކާ، ވާންޖެހޭ ކަންތައްތަކެއް ހުރި ވާހަކަ. ބޮޑު ތިލަދުންމައްޗަށް އަދި ރާއްޖޭގެ އުތުރަށް، މިހާރު ޖެހެން މިފެށީ، މިދެންނެވި ބޮޑު ބަދަލުގެ، ހެޔޮ ރޯޅި" ރައީސް ވިދާޅުވިއެވެ.

"މިސަރަޙައްދުގެ 41 ރަށް އަމުނާ، ގަތާ، ބަދަހިކުރަމުންދާ، އާރުޓީއެލްގެ ރޫޓް ތަކުން އެފެންނަނީ، މިދެންނެވި ހަމަހަމަކަން. އެދުވަހުވެސް، އަދި މިއަދުވެސް އަޅުގަނޑު ދަންނަވަން އޮތީ، ހަމަ އެވާހަކަ. އެއީ މީސްކޮޅު މަދުވެ، ވަޞީލަތްތަށް އުނިވެ، ދުރުގާ އެކަހެރިވެ އޮތް ގާމަތީ ފެންލޮނު ރަށެއް، އެރާއްޖޭގައި ނޯންނާނެ ވާހަކަ."

އާރްޓީއެލްގެ ފެރީގެ ނިޒާމުން އަގުހެޔޮކޮށް، ފަސޭހައިން އެއް ރަށުން އަނެއް ރަށަށް ދެވޭއިރު މިއީ މީގެ ކުރިން އޮތް، އަދި ލިބިދާނެ ކަމަށް ހީވެސް ނުކުރާހާ ބޮޑު ފަސޭހައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް އަހަރުގެ ތެރޭގައި އާރުޓީއެލްގެ އުޅަނދު ފަހަރުން، މުޅިހުވަދޫ އެކުގައި އަމުނާ ގަތާލުމަށް ކުރަންޖެހޭ ކަންކަން ފެށިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، އާރްޓީއެލް އީކުއެޓާ ހުރަސްކޮށް، ފުވައްމުލަކާ އައްޑޫ، އަދި ހުވަދޫ އެކުގައި ގުޅުވާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބޮޑުތިލަދުންމަތީގެ، މިބޮޑު ބަދަލާ އެއްގޮތަށް، މުޅިރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަށް ބޭނުންވާ އިތުރު 65 މިފަދަ ޒަމާނީ އުޅަނދު، ބަނުމުގެ ކޮންޓްރެކްޓް ހަވާލު ކުރެވި، އެމަސައްކަތް ހިނގަމުން އެބަދޭ،" ރައީސް ވިދާޅުވިއެވެ.

"ރަށްތައް ގިނަޔަސް، އުޅަނދު ތަކުގެ އަދަދު މައްޗަސް، މިކަމުގައި ފަސްޖެހި ލަސްކުރެވޭކަށް ނެތް. ސަބަބަކީ ބޮޑުތިލަދުންމައްޗަށް ގެނެވުނު މިބޮޑު ބަދަލު، ހަމަހަމަ ކަމާއެކު، މުޅިރާއްޖެއަށް ނުގެނެސް، މާނަވީ ބަދަލެއް، ރާއްޖެއަށް އަންނާން ނެތުން،"

ރައީސް ވިދާޅުވީ ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ސޭލާ ހުއްޓިފައި އޮތުމަކީ، ބަނދަރެއްގެ ނަމުގާ ކުރެވޭނެ އިސްރާފެއް ކަމަށެވެ. ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާ އެކު، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް ބޭލޭ މުދާ އިތުރުވެއްޖެ ކަމަށާއި ބޮޑު ތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު އިތުރަށް ތަރައްޤީ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިންދަތި ރަށް ރަށަށް ޖުމްލަ 43 ހެކްޓަރުގެ ބިން އިތުރު ކުރުމުގެ، ތަފާތު މަޝްރޫޢުތަށް އެ ސަރަހައްދުގައި ވެސް، އެބަ ހިނގާ ކަމަށެވެ.

"ވަކިން ޚާއްޞަކޮށް މި ސަރަހައްދުގައި އޮތް އެންމެ ދިރުންހުރި އެއް އިޤްތިޞާދަކީ އިހަވަންދޫ. އިހަވަންދޫ އަށް ދިމާވެފައިވާ، ބަނދަރާ ބިމުގެ ދަތިކަން ހައްލުކޮށްދޭން ޖެހޭ. މިދެންނެވި ދެމަޝްރޫޢު އިހަވަންދޫގައި އެދަނީ ހިނގަމުން. އަދި އިރާދަކުރެއްވިއްޔާ، މިސަރަޙައްދުން މަސްގަންނަ މަރުކަޒުގެ މަސައްކަތް، އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް