ދުނިޔެ ނިއުކްލިޔާ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި، ރަޝިއާގެ އިންޒާރު ތަކަށް އަޅާނުލައިފިނަމަ ފަހުން ހިތާމަކުރާނެ ފުރުސަތުވެސް ނުލިބޭނެ: ރިޕޯޓް

ޔޫކްރެއިން ހަނގުރާމައިގާ ހުޅަނގުން ޔުކްރޭނަށް އެހީވާ މައްސަލާގައި ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާވެއްޖެ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ އިންޒާރު ދިނުމަކީ އާދައިގެ ކަމެއް ނޫންކަމަށާއި މިއިންޒާރާމެދު ހުޅަނގުން ސީރިއަސް ނުވެއްޖެނަމަ ވަގުތު ފާއިތުވެ ފަހުން ހިތާމަކުރަން ޖެހޭނެކަމަށް އެމެރިކާގެ މަޝްހޫރު މަޖައްލާ އެއްކަމަށްވާ "ދަ ނެޝަނަލް އިންޓްރަސްޓް" އިން ބުނެފިއެވެ.

މިނޫހުގައިވާ ރިޕޯޓެއް ބުނާގޮތުން ޔުކްރެއިން ހަނގުރާމައިގެ އަސްލަކީ ނޭޓޯ ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ފުޅާކުރުމަށް ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރަޝިއާ ކަންބޮޑުވާ މައްސަލައެވެ. ރަޝިއާގެ ގައުމީ މަސްލަހަތަށާއި އަމަނާއި ސަލާމަތަށް ނުރައްކާވާ ކަމަށް ރަޝިއާ ދެކޭ މައްސަލައެވެ.

މިމައްސަލަ ހައްލު ކުރުމަށްޓަކައި ހުޅަނގުން ރަޝިއާއާ ވާހަކަދައްކަން ޖެހޭކަމަށާއި ވާހަކަ ނުދައްކައި ޔޫކްރެއިންގެ ފަހަތުގައި އޮވެގެން އަސްކަރީގޮތުން ރަޝިއާ ބަލިކުރަން އެމެރިކާއާއި ނޭޓޯ މިހާރު ގެންގުޅޭ ސިޔާސަތު ކުރިއަށް ގެންގޮސްފިނަމަ އެކަމުގެ ސަބަބުން ނިއުކްލިޔާ ހަތިޔާރުގައި އަތްލަން ރަޝިޔާ ފަސްނުޖެހޭނެ ކަމަށާއި މިކަމުގައި ރަޝިއާ ވަރަށް ސީރިއަސްކަމަށް މިރިޕޯޓް ބުނެއެވެ.

ނިއުކްލިޔާ ހަތިޔާރެއް ގޮއްވާލުމުން އެގޮވުން ފެންނާނެ ގޮތުގެ ޕްރިންޓް އިމޭޖެއް

"ދަ ނެޝަނަލް އިންޓްރަސްޓް" ގެ ރިޕޯޓް ބުނާގޮތުން ޔުކްރެއިން ހަނގުރާމައިގާ ރަޝިއާއަށް ބޮޑެތި ގެއްލުންތަކެއް ލިބި ޔުކްރެއިންގެ ބައެއް ސަރަހައްދުތަކުން ފައިބަން ރަޝިއާއަށް ޖެހުނުނަމަވެސް ޔޫކްރެއިންގައި ދަނޑުވެރިކަމުގެ ގޮތުންނާއި ފެނާއި ގުދުރަތީ ޚަޒާނާގެ ގޮތުންނާ އަދި ސިނާއީ ގޮތުން އެންމެ މުހިއްމު ސަރަހައްދުތައް އަދިވެސް އޮތީ ރަޝިއާގެ އަތްދަށުގައެވެ. އެތަންތަން ރަޝިއާގެ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި ރަޝިއާ މިހާރު ގެންދަނީ ފެންނަ ނުފެންނަ ވޯޓެއް ނަގަމުންނެވެ.

މިއަދުގެ ނިޔަލަށް މި ވޯޓުގެ ކަންތައް ނިމުމާއެކު ލަސްތަކެއްނުވެ ރަސްމީކޮށް ޔޫކްރެއިންގެ ދުންބާސްގެ ސަރަހައްދުގެ ދެ ޕްރޮވިންސް ކަމަށްވާ ދޮނިއެސްކް އާއި ލޮޣާންސްކް އަދި ޒަބަރޫޖިއާ އާއި ޚަރްސޮން އަކީ ރަޝިއާގެ ތަންތަންކަމުގައި ރަސްމީކޮށް ހަމަޖައްސައި އެކަން ރަޝިއާއިން އިއުލާނުކުރާނެއެވެ.

އެއަށްފަހު އެތަންތަނަށް ހަމަލާދީ އެތަންތަން މިނިވަންކުރަން އުޅެފިނަމަ އެއީ ރަޝިއާއަށް ސީދާގޮތެއްގައި ހަމަލާދިނުންކަމަށް ބަލައި ރަޝިއާއިން ފަނާކުރަނިވި ހަތިޔާރު ނުވަތަ ނިއުކްލިޔާ ހަތިޔާރުގައި ހިމެނޭ ތަންކޮޅެއް ބާރު ކުޑަ ހަތިޔާރު ކަމަށްވާ ނިއުކްލިޔާ ޓެކްޓިކް ހަތިޔާރު ބޭނުންކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް މި ރިޕޯޓް ބުނެއެވެ.

ރަޝިއާގެ ނިއުކްލިޔާ މިސައިލެއް

ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރެވެ. ފަނާކުރަނި ހަތިޔާރުގެ ގާބިލްކަން އެންމެ ބޮޑު ގައުމެވެ. ނިއުކްލިޔާ ހަތިޔާރާއި ފަނާކުރަނިވި އެހެން ހަތިޔާރުގެ ގާބިލިއްޔަތަށް ބަލާއިރު ރަޝިއާއަކީ އެމެރިކާއަށްވުރެވެސް މާ ބާރުގަދަ ގައުމެކެވެ.

ނިއުކްލިޔާ ޓެކްޓިކް ހަތިޔާރާއި ނިއުކްލިޔާ ސްޓްރެޓީޖިކް ހަތިޔާރަށް ބަލާއިރު ރަޝިއާގައި 5977 އަށް ވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު އެބަހުއްޓެވެ. އެމެރިކާގައި ހުރި ނިއުކްލިޔާ ޓެކްޓިކް ހަތިޔާރާއި ނިއުކްލިޔާ ސްޓްރެޓީޖިކް ހަތިޔާރުގެ މިންވަރަކީ ގާތްގަނޑަކަށް 5428 އެވެ.

ރަޝިއާގައި ހުރި 5977 އަށް ވުރެ ގިނަ ނިއުކްލިޔާ ހަތިޔާރުގެ ތެރެއިން ގާތްގަނޑަކަށް 2000 ހަތިޔާރަކީ ނިއުކްލިޔާ ޓެކްޓިކް ހަތިޔާރެވެ. އަނެއް 3977 ހަތިޔާރަކީ ނިއުކްލިޔާ ސްޓްރެޓީޖިކް ހަތިޔާރެވެ. ރަޝިއާ އަތުގައިވާ ނިއުކްލިޔާ ޓެކްޓިކް ހަތިޔާރުތަކަކީވެސް ދެވަނަ ބޮޑު ހަނގުރާމައިގާ އެމެރިކާއިން ޖަޕާނުގެ ހިރޮޝީމާއާއި ނަގަޒާކީ އަށް އެޅި އެޓޮމް ބޮމުގެ ދެބޮމަށްވުރެވެސް ބާރުގަދަ ހަތިޔާރުތަކެވެ.

ރަޝިޔާގައި އެކި ސައިޒުގެ ނިއުކްލިޔާ ޓެކްޓިކް ހަތިޔާރު އެބަހުއްޓެވެ. އެއީ 10 ކިލޯޓަނާއި 100 ކިލޯޓަނުގެ އެކްސްޕްލޯސިވް ޕޭ ލޯޑު ގެ ނިއުކްލިޔާ ޓެކްޓިކް ހަތިޔާރުތަކެވެ. އެއްކިލޯޓަނުގެ އެކްސްޕްލޯސިވް ޕޭ ލޯޑު ގެ މިންވަރަކީ އެއްހާސް ޓަނުގެ ޓީއެންޓީ (ޓްރައިނިޓްރޯޓޮލްވިން) ގެ މިންވަރެވެ. ޓީއެންޓީ އަކީ ވަރަށް ބާރަށް ގޮވުމުގެ ގާބިލްކަން ލިބިފައިވާ މާއްދާ (ކެމިކަލް ކޮންޕައުންޑް) އެކެވެ.

ދެވަނަ ބޮޑު ހަނގުރާމައިގާ އެމެރިކާއިން ޖަޕާނުގެ ހިރޮޝީމާއަށް އެޅީ 15 ކިލޯ ޓަނުގެ އެޓޮމިކް ބޮމެކެވެ. ނަގަޒާކީ އަށް އެޅީ 20 ކިލޯޓަނުގެ އެޓޮމިކް ބޮމެކެވެ. ކުރިންވެސް ދެންނެވުނު ފަދައިން އެއް ކިލޯޓަނުގެ އެކްސްޕްލޯސިވް ޕޭ ލޯޑު ނުވަތަ ގޮވާ ބާރުމިނަކީ އެއްހާސް ޓަނުގެ ޓީއެންޓީ ގޮއްވާލުމުން ނުކުން ގެ ބާރުމިންވަރެވެ.

އެމެރިކާ ހިރޮޝީމާއަށް އެޓަމިކް ބޮން އެޅުމުގެ ކުރިން އެސިޓީ

ނިއުކްލިޔާ ސްޓްރެޓީޖިކް ހަތިޔާރަށް ބަލާއިރު އޭގެ އެކްސްޕްލޯސިވް ޕޭ ލޯޑުގެ މިންވަރު މިއަށްވުރެ އެތަށް ގުނައެއް މައްޗެވެ. ނިއުކްލިޔާ ސްޓްރެޓީޖިކް ހަތިޔާރަކަށް ބަލަނީ 500 ކިލޯޓަނާއި 800 ކިލޯޓަނުގެ އެކްސްޕްލޯސިވް ޕޭ ލޯޑު (ގޮވާބާރު) ހުންނަ ހަތިޔާރުތަކަށެވެ. މިފެންވަރުގެ 3977 ހަތިޔާރު ރަޝިއާ އަތުގައި އެބަހުއްޓެވެ.

ނިއުކްލިޔާ ހަތިޔާރަކީ ޓެކްޓިކް ހަތިޔާރަކަށް ވިޔަސް އަދި ސްޓްރެޓީޖިކް ހަތިޔާރަކަށް ވިޔަސް އެހަތިޔާރު ގޮއްވާލުމަށްފަހު އެއިން ނުކުންނަ ރޭޑީއޭޝަންތަަކަކީ އަދި މާ ނުރައްކާ އެއްޗެކެވެ. ނިއުކްލިޔާ ހަތިޔާރު ގޮއްވާލުމުން ނުކުންނަ ރޭޑިއޭޝަންތައް ކަމަށްވާ އަލްފާ،ޕީޓާ އަދި ގާމާ ރޭޑީއޭޝަންތަކަކީ ދިރުންވާ ކޮންމެ އެއްޗެއް (އިންސާނުންނާއި ޖަނަވަރުންނާ އަދި ގަސްގަހާގެހި) ފަނާކޮށްލާއެއްޗެކެވެ.

އެރޭޑީއޭޝަންތަކުގެ އަސަރު އެތަށް ސަތޭކަ އަހަރަކަށް ދިގު ދެމިގެންދާނެއެވެ. އެހެންކަމުން ނިއުކްލިޔާ ހަތިޔާރެއް ބޭނުންކޮށްފިނަމަ އެސަރަހައްދެއްގައި ދެން އިންސާނުންނާ އަދި ދިރުންވާ އެއްވެސް އެއްޗަކަށް ދިރިއެއް ނޫޅެވޭނެއެވެ. ރޭޑިއޭޝަންގެ ސަބަބުން މަރުވެ ފަނާވެގެންދާނެއެވެ.

އެެމެރިކާ އެޓަމިިކް ބޮން އެޅުމަށްފަހު ހިރޮޝީމާ އޮތްގޮތް

އެމެރިކާގެ "ދަ ނެޝަނަލް އިންޓްރަސްޓް" މަޖައްލާ ބުނާގޮތުން ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަމަށް ބުނެ ރަޝިއާ ދެމުން ގެންދާ އިންޒާރުތަކަކީ އެއާމެދު ކަންބޮޑުވާންޖެހޭ އިންޒާރުތަކެކެވެ. ހުޅަނގުން އެކަމާމެދު ސީރިޔަސްކޮށް ވިސްނައި ރަޝިއާ އިހްސާސްކުރާ ސަލާމަތީ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށްޓަކައި ހުޅަނގުން ރަޝިއާއާ ވާހަކަ ދައްކަންޖެހެއެވެ. އެހެންނޫނީ ވަގުތު ފާއިތުވެ ފަހުން ހިތާމަ ކުރަންޖެހިދާނެއެވެ. އަދި ފަހުން ހިތާމަކުރަން އިންސާނުން ދުނިޔޭގައި ނުތިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނިއުކްލިޔާ ޓެކްޓިކް ހަތިޔާރަކުން ހަމަލާއެއް ދިން ނަމަވެސް ވަގުތުން ތިން މިލިޔަނާއި ފަސް މިލިއަނާ ދެމެދުގެ އަދަދަކަށް އިންސާނުން މަރުވާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. އަދި އެއިން ނުކުންނަ އަލްފާ،ޕީޓާ އަދި ގާމާ ރޭޑީއޭޝަންތަކުން އިތުރު ފަސްވަރަކަށް މިލިޔަން މީހުން މަރުވާނެކަމަށް އަންދާޒާ ކުރެއެވެ. ނިއުކްލިޔާ ސްޓްރެޓީޖިކް ހަތިޔާރެއް ބޭނުންކޮށްފިނަމަ 90 މިލިއަން މީހުން މަރުވެ ދުނިޔޭގެ ބޮޑުބައެއް ފަނާވެ ދިރުންވާ އެއްވެސް އެއްޗެއް އެތަނުގައި ނުޅެވޭނެކަމަށް ސައެންސްވެރިން އަންދާޒާ ކުރެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގާ އެމެރިކާއިން ޖަޕާނުގެ ހިރޮޝީމާ އަށް އެޓޮމިކް ބޮން އެޅުމުން ވަގުތުން 70،000 މީހުން މަރުވިކަމަށް އެވެ. އަދި ފަހުން ރޭޑިއޭޝަން ތަކުގެ ސަބަބުން ކެންސަރު ޖެހިގެންނާއި އެނޫންގޮތްގޮތުން 70،000 މީހުން މަރުވެ ޖުމްލަ އެބޮމުގެ ސަބަބުން އެއްލައްކަ ސާޅީސް ހާސް މީހުން މަރުވިކަމަށްވަނީ ބެލެވިފައެވެ. ހިރޮޝީމާ އަށް އެޅީ 15 ކިލޯ ޓަނުގެ އެޓޮމިކް ބޮމެކެވެ. އެއީ ގާތްގަނޑަކަށް 15،000 ޓަނުގެ ޓީއެންޓީ ގެ ޕޭ ލޯޑުގެ މިންވަރެވެ.

comment ކޮމެންޓް