ފިޓްސް އެއާގެ ޝެޑިއުލް ދަތުރުތައް އަންނަ އޮކްޓޯބަރުމަހު ރާއްޖެއަށް ފަށަނީ

ފިޓްސް އެއާލައިނުގެ ބޯޓެއް--- ފޮޓޯ/ ފިޓްސް އެއާ

އަވައްޓެރި ސްރީލަންކާގެ އެންމެބޮޑު އަމިއްލަ އެއާލައިން ފިޓްސް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

ފިޓްސް އެއާއިން އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ރާއްޖެއަށް އުދުހުންތައް ބޭއްވުމަށް ތާވަލްކޮށްފައިވާއިރު، މިހާރު އެ އެއާލައިނުން ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ. ފިޓްސް އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ޓިކެޓް ބުކް ކުރެވޭއިރު، އެ އެއާލައިނުން ކޮލަމްބޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު ތިން ދުވަހު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ދުވަސްތަކަކީ ހޯމަ، ބްރާސްފަތި އަދި ހޮނިހިރު ދުވަހެވެ.

ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިޓްސް އެއާލައިނުގެ ކޮމާޝަލް ކޮންސަލްޓަންޓް އަދި ކުރީގެ ސްރީލަންކަން އެއާލައިނުގެ ވެސް ސީއީއޯގެ މަގާމު ފުރުއްވެވި ޕީޓަ ހިލް ވިދާޅުވީ، ފިޓްސް އެއާއިނުން ޤައުމުތަކަށް ކުރަމުންދާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާއިރު، މިވަގުތު ދަތުރުތައް ފެށުމަށް ނިންމާފައިވަނީ، ސާކްގެ ބައެއް ގައުމުތަކަށާއި، ގަލްފް އަދި ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކަށް ކަމަށެވެ.

ފިޓްސް އެއާލައިނުގެ ކޮމާޝަލް ކޮންސަލްޓަންޓް ޕީޓަ ހިލް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ --- ފޮޓޯ/ ޑެއިލީ މިރާ

މިގޮތުން ސާކްގެ ގައުމުތަކުގެ ތެރެއިން ދިވެހިރާއްޖެއަށް އަންނަމަހުގެ 10 ވަނަ ދުވަހު ދަތުރުތައް ފެށިގެންދާއިރު، ފަސް ވަނަ ދުވަހު ދުބާއީއަށް ދަތުރުތައް ފެށިގެންދާނޭކަމަށް ޕީޓަ ވިދާޅުވިއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް A320-200 މަރުކާގެ ބޯޓެވެ. މިއީ ގިނަވެގެން 180 ފަސެންޖަރުންނަށް ދަތުރުކުރެވޭ ވަރުގެ ބޯޓެކެވެ.

ފިޓްސް އެއާއިން ވަނީ މީގެކުރިން ދިވެހިރާއްޖެއަށް ކާގޯ ދަތުރުތައް ކުރިއަށްގެންގޮސްފައެވެ. ފިޓްސް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވާއިރު، ސްރީލަންކާއިން ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ހަމައެކަނި އެއާލައިނަކީ ސްރީލަންކަންއެވެ.

ފިޓްސް އެއާލައިނަކީ 1997 ވަނަ އަހަރު އުފެއްދި އެއާލައިނެކެވެ. މި އެއާލައިނުން ދުނިޔޭގެ 13 މަންޒިލަކަށް ދަތުރުތައް ބާއްވައެވެ.

comment ކޮމެންޓް