ރައީސް ޔާމީން ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވީ "ލޮލުން ކަރުނަ ފާއްދާލާފައިވާ" ހާލުގައި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ގައުމީ ދުވަހުގެ ތަހުނިޔާ މިއަދު ދިވެހި ރައްޔިތުންނަށް ފޮނުއްވަނީ ބަނަވެ ނާމާންވަމުންދާ ދުވަސްތަކެއްގެ ހިތްދަތިކަމާ އެކުގައި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށެވެ.

މި އަހަރުގެ މެއި މަހު ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވި ކުރީގެ ރައީސް މީގެ ކުރިން އާންމުކޮށް ޓްވީޓް ކުރައްވަނީ އިނގިރޭސި ބަހުންނެވެ. ނަމަވެސް ގައުމީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު މިއަދު ޓުވީޓް ކުރެއްވީ ދިވެހި ބަހުންނެވެ.

ރައީސް ޔާމީނާއި އިދިކޮޅު ކޯލިޝަނުން ދަނީ އިންޑިއާއިން ރާއްޖެއަށް ބާރުފޯރުވަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެންޕޭނެއް ވެސް ފަށާފައެވެ.

އެ ކެމްޕޭނާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ޚާރިޖީ އެއްވެސް ގުޅުމަކަށްވުރެ ގައުމުގެ މިނިވަންކަން އެމަނިކުފާނަށް މުހިންމު ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި ގައުމުގެ މިނިވަންކަން އެއްވެސް އެއްޗެއްގެ ބަދަލުގައި ނުދެވޭނެ ކަމަށާއި އިންޑިއާއާ އެކުވެސް އޮންނަން ޖެހޭ އިމުގެ ތެރޭގައި ޚާރިޖީ ގުޅުން ބޭއްވިދާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް