އިހްސާން ފިހާރައިން ވަގަށް ވަޅި ނަގައިގެން މުވައްޒަފުންނަށް ބިރު ދެއްކި މީހަކު ޖަލަށް

އިހްސާން ފިހާރައިން ވައްކަންކުރި މީހަކު ވަނީ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ----

މާފަންނު އިހްސާން ފިހާރައިން ވަގަށް ވަޅިތަކެއް ނަގައިގެން އެ ފިހާރައިގެ މުވައްޒަފުންނަށް އިންޒާރު ދިން މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ދައުލަތުން ތިން ދައުވާއެއް އުފުލާފައިވަނީ ލ. މާބައިދޫ, މުރިގު, މުހައްމަދު ޒުހައިރުގެ މައްޗަށެވެ.

އޭނާއަށް ވައްކަމުގެ ދައުވާ އުފުލީ އެ ފިހާރައިން ވަގަށް ވަޅި ސެޓެއް ނެގުމުންނެވެ. މުވައްޒަފުންނަށް ބިރުދެއްކިި މައްސަލައިގައި އުފުލީ ބިރުދެއްކި ކަމުގެ ދައުވާއެވެ. އަދި މަގްބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް އުފުލިއެވެ.

އިހްސާން ފިހާރައިގެ އެއްވަން ފަންގިފިލާއިން ކިވީ ބްރޭންޑްގެ ވަޅި ސެޓެއް ވަގަށް ނަގައިގެން ނުކުންނަން އުޅުމުން ޝައްކުވެގެން އޭނާ ހުއްޓުވަން އުޅުމުން ވަނީ އެތަނުން ވަޅިއެއް ނަގައި މުވައްޒަފުންނަށް ބިރު ދައްކާފައެވެ. ކައިރިވެއްޖެ ނަމަ ވަޅިން ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު ފިލަން އުޅުމުގެ ތެރޭގައި އާންމުންނާ އެ ފިހާރައިގެ މުވައްޒަފުންގެ މަސައްކަތުން އޭނާ ހުއްޓުވައި ވަނީ ފުލުހުންނާ ހަވާލު ކޮށްފައެވެ.

އޭނާގެ މައްޗަށް އުފުލި ތިން ދައުވާއަށް ވެސް އިއުތިރާފްވެފައިވާއިރު މައްސަލަތަކުގައި ކުރިއަށް ގޮސްފައިވަނީ ވަކީލެއްގެ އެހީއާނުލައެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ބިރުދެއްކި ކަމުގެ ދައުވާގެ އިތުރުން މަގްބޫލް ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ސާބިތުވެ ވަނީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއީ ކޮންމެ ދައުވާއަކަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ވައްކަންކުރި ކަމުގެ ކުށުން އޭނާ ކުށްވެރިވުމުން, 27 ދުވަހަށް ޖަލަށް ލުމުގެ އިތުރުން އޭނާ 153 ގަޑިއިރު މުޖުތަމައަށް ޚިދުމަތް ކުރުމަށް، މައްސަލަ ބެއްލެވި ގާޒީ ޞަފްއަތު ހަބީބު ހުކުމް ކުރެއްވިއެވެ.

comment ކޮމެންޓް