ގައުމިއްޔަތުގެ ރުކުންތައް ދަމަހައްޓައި ނެގެހެއްޓުމަށް އެންމެން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަންޖެހޭ: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު

އިސްލާމް ދީނާއި ދިވެހި ބަހާއި ދިވެހީންގެ ތާރީޚާއި ސަގާފަތާ މިނޫން ވެސް ގައުމިއްޔަތުގެ އެންމެހާ ރުކުންތައް ދަމަހައްޓައި ނެގެހެއްޓުމަށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކުރަން ޖެހޭކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 80 ވަނަ ގައުމީ ދުވަހާ ގުޅިގެން ސިޔާމް ދެއްވި ޚިތާބުގައި ވިދާޅުވީ ދިވެހީންގެ ގައުމިއްޔަތު ހަރުދަނާކުރަން މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި ކަނޑި ބަޑި ހިފައިގެން ނައި ނަމަވެސް، ފިކުރީ ގޮތުން ގައުމުތައް އަޅުވެތިކުރުވުމުގެ އޮއިވަރެއް ދުނިޔޭގައި ފެތުރެމުންދާކަމަށް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެކަމުގެ އަސަރުތައް ރާއްޖެއާ ހަމައަށް ފޯރާފައިވާ ދަނޑިވަޅެއްގައި އެފަދަ ނުރައްކާތެރި ވަކިތަކުން ސަލާމަތްވެ ތިބުމަށް ރައްޔިތުން އެއްބައިވެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށެވެ.

"...މިނިވަންކަން ދިފާއު ކުރުމަށް ކުރީސަފަށް ނުކުތުމަށް އާބަސް ބުނާ ބަޔަކު ކަމުގައި އަބަދުވެސް އަޅުގަނޑުމެން ވުމަށް އިލްތިމާސްކުރަން،" ސިޔާމް ވިދާޅުވިއެވެ.

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ސިޔާމްގެ ޚިތާބުގައި 15 އަހަރާއި ހަމަސް ދުވަހު ޕޯޗުގީޒުންގެ އަނިޔާވެރިކަމުގައި ތިބުމަށްފަހު ދިވެހީންނަށް މިނިވަންކަން ލިބުނު އިރު ދިވެހީން ވަރަށް ނިކަމެތި ދަތި ހާލަތެއްގައި ތިއްބައި އެ ދަތި ހާލުން އަޅުގަނޑުމެން ސަލާމަތް ކުރުމަށް ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދު ފާހަގަކުރައްވާފައިވެއެވެ.

"އެ ދަތިހާލުން އަޅުގަނޑުމެން ސަލާމަތްކޮށް ދިވެހީންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެއްވާ، އިސްލާމީ ވަހުދަތު ގާއިމްކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވީ ލާމަސީލު މަސައްކަތެއް،" ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް