ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވަނީ

މުފްތީ އިސްމާޢީލް ބިން މޫސާ މެންކް -- ފޮޓޯ/ ކޭ އެފްއެމް

މުސްލިމުންގެ ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުފްތީ އިސްމާޢީލް މެންކް، ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މުފްތީ މެންކު ރާއްޖެއަށް މި ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ދީނީ ތަގުރީރު ކުރައްވާނީ މާލޭގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މުފްތީ މެންކް މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެން ދީނީ ދަރުސް ދެއްވާފައިވެއެވެ. އެއީ 2015 ވަނަ އަހަރާއި 20016 ވަނަ އަހަރެވެ. އޭނާ އެންމެ ފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުގައެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ފާހަގަ ކުރެވިފައިވަނީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު، މުފްތީ މެންކް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. އޭގެ އިތުރުން ފަސް އަހަރުގެ ދައުރުގައި ގައުމަށް ކުރިއެރުމާއި ފާހަގަތިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.

comment ކޮމެންޓް