ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުން މިއަދު ނައްތާލާފައިވާ ބަނގުރާ -- ފޮޓޯ/ ޕޮލިސް

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފިއެވެ.

ފުލުހުން ބުނީ ދޫނިދޫގައި މި ފަހަރު ނައްތާލީ 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ބަނގުރާ ކަމަށެވެ.

އެގޮތުން 482 ބްރޭންޑެޑް ފުޅިއާއި، 31 ޕެޓް ފުޅިއާއި، 444 ދަޅު ބަނގުރާ ފުޅި ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ނައްތާލި ބަނގުރަލުގެ ތަފާސް ހިސާބު -- ފޮޓޯ/ ޕޮލިސް

ބަނގުރާ ނައްތާލުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ބަނގުރަލާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ދާދި ފަހުން ކަސްޓަމްސްއިން ވެސް ވަނީ ގިނަ އަދަދެއްގެ ބަނގުރަލުގެ ބާވަތްތައް ނައްތާލާފައެވެ. އެގޮތުން 225.7 ލީޓަރުގެ ބަނގުރަލާއި 6763 ލީޓަރުގެ ބަނގުރާ ޕެކެޓާއި އަދި 1708.09 ލީޓަރުގެ ބިޔަރު ފުޅި ނައްތާލާފައިވެއެވެ.

comment ކޮމެންޓް