195 ކިލޯމީޓަރުގެ ބާރުގަދަ ވަޔާއެކު ތޫފާން ނޯރޫ ފިިލިޕީންސަށް އަރައިިފި

ތޫފާން ނޯރޫ ފިލިޕީންސްއަށް އަރާފައި: ބޯކޮށް ވާރޭވެހި ގަދަޔަށް ވައި ޖެހޭ-- ފޮޓޯ: އާރޮން ފަވިލާ

މެނީލާ (26 ސެޕްޓެމްބަރު 2022) : ޕެސިފިކް ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ނޯރޫ ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުގަދަ ވަޔާއެކު ފިލިޕީންސަށް އަރައިފިއެވެ.

ފިލިޕީންސްގެ މޫސުމާބެހޭ އިދާރާ ބުނާގޮތުން މި ތޫފާން ދަނީ އިތުރަށް ބާރުގަދަވަމުންނެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މިތޫފާންގެ ވައި ގަޑިއަކު 225 ކިލޯމީޓަރަށް ބާރުގަދަ ވެގެން ދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ތޫފާން ނޯރޫ އެންމެ ފުރަތަމަ އެރީ ފިލިޕީންސްގެ އައްސޭރިފަށުގެ ސަރަހައްދެއްކަމަށްވާ ކުއެޒޯން ޕްރޮވިންސުގެ ރަށްތަކާއި އަވަށްތަކަށެވެ. ތޫފާން އަރާފައިވަނީ 195 ކިލޯމީޓަރުގެ ވަޔާ އަދި ބޯ ވާރޭއާއެކުގައެވެ. ބާރުވަޔާއެކު އެޕްރޮވިންސްގެ އައްސޭރިފަށަށް ވަނީ ރާޅުވެސް އަރާފައެވެ. އަދި އެތައް ސަރަަހައްދަކުން ވަނީ މުވާސަލާތީ ޚިދުމަތްތައް ވެސް ކެނޑިފައެވެ.

މި ތޫފާނުން ރައްކާތެރިވުމަށް ކުއެޒޯން ޕްރޮވިންސުގެ ރަށްތަކާއި އަވަށްތަކުން ގާތްގަނޑަކަށް ފަސް ހާސް މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. ނޯރޫ ތޫފާން އަރާނެކަމަށް ބެލެވޭ އެހެން ޕްރޮވިސްތަކުން ވެސް އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ.

ފިލިޕީންސްގެ އައްސޭރި ފަށް ހުރަސްކޮށް ތޫފާން ނޯރޫ މިހާރު ދަތުރު ކުރަމުން ދަނީ ދެކުނު ޗައިނާ ކަނޑާ ދިމާއަށެވެ. ތޫފާނުގެ މިސްރާބު ހުރީ ވެރިރަށް މެނީލާއާ ދުރަށްކަމަށް ވިޔަސް މެނީލާއަށް ވެސް ދަނީ ތޫފާންގެ އަސަރުކުރަމުންނެވެ. މެނީލާއަށް ވެސް ބޯކޮށް ވާރޭވެހި ބާރަށް ވައިޖެހޭ ކަމަށް ވެއެވެ.

މެނީލާގައި ވެސް ފެންބޮޑުވެފައިވާއިރު އާންމުންގެ އެތައް ހާސް ބަޔަކު ވަނީ އެ ސިޓީ ދޫކޮށް ދުރު ހިސާބުތަކަށް ގޮސްފައެވެ. ސްކޫލްތަކާއި އޮފީސްތަކާއި ވިޔަފާރިތައް ވަނީ ބަންދުކޮށްފައެވެ. އަދި މެނީލާއަށް ވައިގެ މަގުން ކުރާ ދަތުރުތައް ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އެއްގަމު ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފައެވެ.

ތޫފާން ނޯރޫގެ ސަބަބުން ފިލިޕީންސްގެ ދަނޑުތަކަށާއި ދަނޑުބިންތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބި އެތައް ހާސް ނައާމް ސޫފި މަރުވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި ތޫފާންގެ ސަބަބުން މީހުން މަރުވެ މީހުން ގެއްލި އެތައް ހާސް ބައެއްގެ ގެދޮރު ހަލާކުވާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ.

މި އަހަރުގެ ޖަނަވަރީ މަހު ވެސް ފިލިޕީންސަށް ވަނީ ބާރުގަދަ ތޫފާނެއް އަރާފައެވެ. އެ ތޫފާންގެ ސަބަބުން ފިލިޕީންސުން 400 އަށް ވުރެ ގިނަ މީހުން މަރުވިކަމަށް އެ ގައުމުން ބުނެފައިވެއެވެ.

ފިލިޕީންސަކީ އާންމުކޮށް ތޫފާންތައް އަރާގައުމެކެވެ. ޕެސިފިކް ކަނޑުގައި ފިލިޕީންސް އޮންނަ ސަރަޙައްދަކީ އާންމުކޮށް ތޫފާންތައް އުފެދޭ ސަރަހައްދެކެވެ. ނަމަވެސް މިފަހަކަށް އައިސް ފިލިޕީންސަށް އަރާ ތޫފާންތަކަކީ އާދަޔާ ޚިލާފަށް ބާރުގަދަ ތޫފާންތަކެއް ކަން ވަނީ ފާހަގަ ކުރެވިފައެވެ.

ތޫފާންތަކުގެ ބާރުގަދަ ވަނީ ދުނިޔޭގެ ޖައްވު ހޫނުވުމާއެކު މޫސުމަށް އަންނަމުން ދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަމަށް މޫސުމާ ބެހޭ ދިރާސާތައް ކުރައްވާ އިލްމުވެރިން ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް