އަމީނީމަގުން ގަސް ކަނޑާތީ ނަޝީދު ކަންބޮޑުވެއްޖެ، ވިދާޅުވީ ޝަރީއަތަށް ދިޔުން ނޫން ގޮތެއް ނެތް ކަމަށް

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ އާރުޑީސީ

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަގުގައި ހުންނަ ގަސްތައް ނަގާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ އެ ނޫން ގޮތެއް ހޯދުމަށް ސަރުކާރާއި އެ މަސައްކަތް ކުރާ އާރުޑީސީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފިނަމަ ދެން އޮތީ ކޯޓަށް ދިއުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެން ނޫން ނަމަ، އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ދިޔުން ނޫން ގޮތެއް މިކަމުގައި ހަގީގަތުގައި ނެތް،" ނަޝީދު ވިދާޅުވިއެވެ.

އެ މަގުގައި ހުންނަ ގަސްތައް ނަގަނީ މަޖުބޫރުވެގެން ކަމަށް އާރްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ. އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރާއިރު އެ މަސައްކަތުގެ ތެރެއިން އެ ހިސާބުގައި ހުރި ގަސްތައް ވަނީ އެއްކޮށް ކޮށާލައިފައެވެ. އެކަމުގެ ކަންބޮޑުވުމާއި ޝަކުވާ އާންމުން ވެސް ސޯޝަލް މީޑިއާގައި ދަނީ ކުރަމުންނެވެ.

އެންމެ ފުރަތަމަ އަމީނީ މަގު ތަރައްގީކުރަން ފެށުމުގެ ކުރިން އާރުޑީސީން ވަނީ އެ މަގު ތަރައްގީކުރާނީ އެއްވެސް ގަހަކަށް ގެއްލުން ނުވާނެހެން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށް ބުނެފައެވެ.

އާރުޑީސީން ބުނި ގޮތާ ޚިލާފަށް އެކަން ކުރަމުން ދާތީ އާންމުންގެ ކަންބޮޑުވުންތަކެއް ހުރިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) "ސަން"އަށް ކުރިން ވިދާޅުވީ ގަސްތައް ކޮށައި ނެގުމަކީ އެ ކުންފުނިން އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ އެގޮތަކަށް ކަންތައް ކުރާކަށް. އިތުރު ގޮތެއް ނެތިގެން ގަސްތައް ނަގަނީ. އެކަމު މަގު ހަދާ ނިމޭއިރު ރަނގަޅުވާނެ. މިހާރު ނަގާ ވަރަށް ވުރެ އިތުރަށް ވެސް ގަސް އިންދާނަން. މަގު ފެންނާނީ ފެހިކޮށް،" މޫކޭ ވިދާޅުވިއެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު، 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

comment ކޮމެންޓް