މަހަށް ހަމައަގު ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް --- ފޮޓޯ/ މަޖިލިސް

މަސްވެރިން ބާނާ މަސް ނުކިރުމާއި މަސް ގަންނަ މިންވަރު ކޮންޓްރޯލް ކުރުމާއި މަހަށް ހަމަ އަގު ނުލިބި ބަހާލަން ޖެހޭތީ މިހާރުން މިހާރަށް އެކަން ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފިއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަޙުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ ބަލައިގެންފައި ވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 25 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ހަތަރު މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެމްބަރަކު ނިންމެވިއެވެ.

މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްކޮޅު، މަސް ގަންނަ މިންވަރު ލިމިޓް ކޮށްފައިވާ ކަމަށެވެ. މަސްވެރިން ގަދަ އަވީގައި، ކަނޑުމަތީ ދުއްވައިގެން ބާނާ މަސްކޮޅު ކިރުވަން އެތައް ދުވަހަކު ކިއުގައި މަޑުކުރަން ޖެހޭ ކަމަށް ވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.

"ބައެއް ދޯނިތަކުން ބާނާ މަހުގެ 90 އިންސައްތަ އަގު ނުލިބި ބަހާލަން ޖެހުމާއި މަސްވެރިންނަށް ރަނގަޅު އަގެއްގައި އައިސް ނުލިބޭ. އައިސް ކިއުއާއި ތެޔޮ ކިއު އަދި މަސް ކިއުގައި ރެޔާ ދުވާލު ތިބެތިބެ މަސްވެރިން ގޮތް ހުސްވެފައި ވަނީ،" މެމްބަރު ޝިޔާމް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ކޮންމެ ދޯންޏަކުން މަސް ގަންނަ އަގު ލިމިޓް ކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިން ކިއުގައި ތިބެން ޖެހޭ ދުވަސްތައް އިތުރުވަމުންދާ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ޝިޔާމް ވިދާޅުވީ އެ ކަންކަމާ ގުޅިގެން މަސްވެރިންނަށް ލިބޭ އާމްދަނީ މަދުވެ، ދޯނީގެ ޚަރަދުތައް ހަމަޖައްސަން ދަތިވެފައިވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ދިނުމަކީ މި ސަރުކާރުގެ މެނިސްފެސްޓޯގައި ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް ވެރިކަމަށް ހަތަރު އަހަރު ފުރިފައިވީ ނަމަވެސް އަދިވެސް އެ ވައުދު ނުފުއްދޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މިފްކޯ ދަރަނިވެރިވެ، މަސްވެރިންނަށް ދޭން ޖެހޭ ޚިދުމަތްތައް ވެސް ނުދެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން މަސްވެރިން ބިކަވަމުން ދާތީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމަށް ކުރެވެން ހުރި މަސައްކަތްތައް މިހާރުން މިހާރަށް ކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ދެކުނަށާޢި އުތުރަށް ވެސް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން ކޫއްޑޫއާއި މާންދޫއަށް ބާރުބޮޑުވެ، މާންދޫގައި މަސްކިރާ މިންވަރު ވެސް މިހާރު ވަނީ ލިމިޓުކޮށްފައެވެ.

ބައެއް ދޯނިތަކުން މަސް ނުކިރިގެން އެތައް ޓަނެއްގެ މަސް ކަނޑަން ވެސް އަޅަން ޖެހުނެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއަށް މަސް ކިރުން މިދިޔަ އޭޕްރީލް މަހުގެތެރޭގައި ވެސް ދަތިވިއެވެ. އޭގެ ފަހުން، ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ މިފްކޯއަށް މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ބޯޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް