އެމެރިކާއިން ގެންދަނީ ރަޝިޔާ ބައިބައިކޮށް، ފުނޑާލަން ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުން: ލާވްރޯވް

ލާވްރޯވް އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަނީ

އދ. މަޖިލިސް (25 ސެޕްޓެމްބަރު 2022) : ދުނިޔޭގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގައި ދުނިޔޭގައި ހަންފެތުރުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތްތަކަށް އޮތް ހުރަހަކީ ރަޝިއާ ކަމަށް އެމެރިކާ ދެކޭތީ ރަޝިޔާ ހަލާކުކޮށް ބައިބައިކޮށް އަދި ރަޝިއާ ފުނޑާލަން އެމެރިކާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސާގީ ލާވްރޯވް ވިދާޅުވެއްޖެއެވެ.

އ.ދ.ގެ ޖެނެރަލް އެސެމްބްލީގެ 77 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ލާވްރޯފް ވިދާޅުވީ ރަޝިޔާއާ މެދު އެމެރިކާ ނަފްރަތުކަން ގެންގުޅެނީ ގަބޫލުކުރަން ވެސް ދަތި މިންވަރަކަށް ކަމަށާއި އެމެރިކާ، ޔޫރަޕްގެ ގައުމުތައް ވެސް ބޭނުން ކުރަނީ ރަޝިއާ ހަލާކުކޮށްލުމަށް ޓޫލެއްގެ ގޮތުގައި ކަމަށެވެ.

ލާވްރޯވް ވިދާޅުވިގޮތުގައި އެމެރިކާއިން ވަނީ ފިނި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާ ނުކުރާނެ ކަމަށް ބުނެ ވެފައިވާ ވައުދުތަކާ އަދި އެއްބަސްވުންތަކާ މުޅިން ޚިލާފުވެފައެވެ.

ފާއިތުވި އަހަރުތަކުގައި އެމެރިކާއިން ވަނީ ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯފުޅާކޮށް ރަޝިއާ އަސްކަރީ ގޮތުން ހިސާރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ރަޝިއާގެ ގައުމީ ސަލާމަތަށްޓަކައި ޔުކްރެއިން އާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ނުފެށިނަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔުކްރެއިންގެ މަގުންވެސް ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކުރީސްކަމަށް ލާވްރޯވް ވިދާޅުވިއެވެ.

ލާވްރޯފް އިތުރަށް ވިދާޅުވިގޮތުގައި އެމެރިކާއާއި ޔޫރަޕުން ގެންދަނީ ރަޝިޔާއާ މެދު ނަފްރަތު އުފައްދައި ރަޝިއާ ބައިބައިކޮށް ރަޝިއާއާ ދެކޮޅަށް ދޮގު ޕްރޮޕަގެންޑާތައް ފަތުރައި ރަޝިއާގެ ނަން ކިލަނބުކޮށް ބައިނަލްއަގްވާމީ ދުނިޔޭގައި ރަޝިއާ ބޭޒާރުކޮށް އެކަހެރިކުރުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ.

މިގޮތުން އެމެރިކާ މަސައްކަތް ކުރަމުން ގެންދަނީ ދުނިޔެއަށް އަތްގަދަކޮށް ހަންފެތުރުމަށްޓަކައި އެމެރިކާ ގެންގުޅޭ "މޮންރޯ ޑެކްލަރޭޝަން" ތަންފީޒުކުރުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް ލާވްރޯވް ތުހުމަތު ކުރެއްވިއެވެ.

ރަޝިއާއިން ބުނާގޮތުން ޔުކްރެއިންގައި ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރަނީ ހަމައެކަނި ޔުކްރެއިން އެއްނޫނެވެ. އެމެރިކާއާއި ނޭޓޯގައި ހިމެނޭ އަނެއް 34 ގައުމުވެސް ގެންދަނީ ޔުކްރެއިންގެ ފަހަތުގައި ތިގެން ރަޝިއާއާ ހަނގުރާމަ ކުރަމުންނެވެ.

މީގެ އިތުރުން އެމެރިކާއާއި އެމެރިކާ ކޮންޓްރޯލްކުރާ ޔޫރަޕްގެ ގައުމުތަކުން ވަނީ ރަޝިއާއަށް ދަތިކުރުމަށްޓަކައި 70 ހާހަށްވުރެ ގިނަ ފިޔަވަޅު ރަޝިއާއާ ދެކޮޅަށް އަޅާފައެވެ. އަދި ރަޝިއާއަށް ޖާސޫސް ކުރުމަށްޓަކައި އެމެރިކާއިން ސަތޭކައަށް ވުރެ ގިނަ ސެޓަލައިޓް ބޭނުން ކޮށްގެން މައުލޫމާތު ހޯދައި، ޔުކްރެއިނަށް ދެމުންގެންދާ ކަމަށް ވެސް ރަޝިއާއިން ބުނެއެވެ.

މި ހުރިހާ ދަތިތަކާ ފިއްތުންތަކާއެކު ވެސް ރަޝިއާއިން ވަނީ ޔޫކްރެއިނުގެ އިރުމައްޗާއި ދެކުނުގެ އެތައް ސަރަޙައްދުތަކެއް ހަނގުރާމައިގާ ހިފާފައެވެ. އަދި ރަޝިއާ ވަނީ މީގެ ތެރެއިން ރަޝިއާ ދަރިކޮޅުގެ މީހުން ގިނަ ސަރަހައްދުތައް ރަޝިއާގެ ތަންތަނުގެ ގޮތުގައި ހެދުމާ ބެހޭ ގޮތުން އެ ސަރަހައްދުތަކުގެ އާންމުން ދެކޭގޮތް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތްވެސް ފަށާފައެވެ.

މިވޯޓު ކުރިއަށްދާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިނުގެ އިރުމަތީ ދޮންބާސް ސަރަޙައްދުގައި ހިމެނޭ ދެޕްރޮވިންސް ކަމަށްވާ ދޮނިއެސްކް އާއި ލުއާންސްގެ އިތުރުން ދެކުނުގައިވާ ޚާރްކިވްއާއި ޒަބަރޯޖިއާ ހިމެނެއެވެ. މިތަންތަން ރަޝިއާގެ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅަނީ އެތަންތަނުގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންނަށް ޔުކްރެއިންގެ ފަރާތުން ލިބޭ އަނިޔާތަކުން އެމީހުން ދާއިމީ ގޮތަކަށް ހިމާޔަތް ކުރުމަށް ކަމަށް ވެސް ރަޝިއާ ބުނެއެވެ.

މި ތަންތަން ރަޝިއާގެ ތަންތަނުގެ ގޮތުގައި ހެދުމަށްފަހު އެ ތަންތަނަށް ހަމަލާދޭނަމަ އެ ތަންތަނުގެ ހިމާޔަތުގައި ނިއުކްލިޔާ ހަތިޔާރު ބޭނުން ކުރަން ވެސް ފަސް ނުޖެހޭނެ ކަމަށް ބުނެ ރަޝިއާއިން ވަނީ އެމެރިކާއާއި އެމެރިކާ ކޮންޓްރޯލްކުރާ ޔޫރަޕަށް އިންޒާރު ދީފައެވެ.

comment ކޮމެންޓް