ނީލަން ކިޔާ ތަކެއްޗަށް ޚާއްސަ ޕޯޓަލްއެއް އެމްޕީއެލްއިން އަލަށް ތައާރަފުކޮށްފި

އެމްޕީއެލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)އިން "ޕޯޓު ޑިޖިޓަލްކޮށްގެން" ނަމުގައި ފަށައިގެން ކުރިއަށްގެންދާ ކެންޕެއިންގެ ދަށުން ނީލަން ކިޔާ ތަކެއްޗަށް ޚާއްސަ ޕޯޓަލްއެއް އަލަށް ތައާރަފުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި މިރޭ ބޭއްވި އެ ކުންފުނީގެ 36 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ވަނީ ނީލަން ކިޔާ ތަކެއްޗަށް ޚާއްސަ ޕޯޓަލްއާއެކު އިތުރު ޑިޖިޓަލް ދެ ޚިދުމަތެއް ތައާރަފުކޮށްފައެވެ.

އެއީ އެމްޕީއެލް ޖޮބް ޕޯޓަލްއާއި އެމްޕީއެލް ސްޓާފް ޕޯޓަލްއެވެ.

އެ ކުންފުނިން ބުނީ އަލަށް ތައާރަފުކުރި "އެމްޕީއެލް އޮކްޝަން ޕޯޓަލް" ހާއްސަކޮށްފައި ވަނީ ރާއްޖެ އެތެރެ ކުރުމަށް ފަހު ކްލިއާނުކޮށް ގިނަ ދުވަސްވެފައި ހުންނަ މުދާ އެމްޕީއެލް ސަރަހައްދަށް ނުގޮސް، ނީލަމުގައި ގަނެވޭނެ ގޮތް ހެދުމަށް ކަމަށެވެ. އެ ޕޯޓަލް މެދުވެރިކޮށް، ނީލަން ކިޔަން ނިންމާފައިވާ ތަކެތި ބަލައިލުމާއި ނީލަމަށް އެންމެ ފަހުން ހުށަހަޅާފައިވާ އަގުގެ މައުލޫމާތު ބެލޭނެއެވެ.

އެމްޕީއެލްއިން ބުނީ މިރޭ އަލަށް ތައާރަފުކުރި ޖޮބް ޕޯޓަލްއިން އެ ކުންފުނިން ހުސްވެފައި ހުރި ވަޒީފާގެ ފުރުސަތުތައް ބެލުމުގެ އިތުރުން ވަޒީފާއަށް އެދި ހުށަހެޅުމާއި އެ ހުށަހެޅުމާބެހޭ ފަހުގެ މައުލޫމާތު ބަލައިލެވޭނެ ކަމަށެވެ.

މީގެ އިތުރުން މިރޭ އަލަށް ތައާރަފުކުރި އެމްޕީއެލް ސްޓާފް ޕޯޓަލްއިން މުވައްޒަފުގެ ހާޒިރީ ރިޕޯޓާއި އެ މުވައްޒަފެއްގެ މުސާރައާ ބެހޭ ތަފުސީލް ފެންނާނެއެވެ. އަދި އެމީހެއްގެ ޗުއްޓީގައި ބާކީ ހުރި ދުވަސްތައް ބެލުމަށްފަހު، ޗުއްޓީއަށް އެދި ހުށަހެޅޭނެ ކަމަށް ވެސް އެމްޕީއެމްއިން ބުންޏެވެ.

އެ ޕޯޓަލްތައް ތައާރަފު ކުރުމުގެ ބޭނުމަކީ އެމްޕީއެލްގެ މުވައްޒަފުންނަށާއި ކަސްޓަމަރުންނަށް ވެސް މިހާރަށް ވުރެ އަވަހަށް އަދި ފަސޭހައިން ޚިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްއިން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ އެ ކުންފުނިން އިމާރާތް ކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް