ވިޔަފާރި ބަނދަރު ތަރައްގީވެފައި އޮތް ނަމަ ލިބޭ އާމްދަނީ މިހާރަށް ވުރެ ބޮޑުވާނެ: ރައީސް

އެމްޕީއެލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް: ވިޔަފާރި ބަނދަރު ތަރައްގީވެފައި އޮތް ނަމަ ގައުމަށް ލިބޭ އާމްދަނީ މިހާރަށްވުރެ އިތުރުވާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ ވިޔަފާރި ބަނދަރު ތަރައްގީވެފައި އޮތް ނަމަ ރައްޔިތުންނަށާއި ގައުމަށް ލިބޭ އާމްދަނީ މިހާރަށްވުރެ އިތުރުވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ހެންވޭރު ދަނޑުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މީގެ 36 އަހަރު ކުރިން އެ ކުންފުނި އުފެއްދި ނަމަވެސް އޭގެ އެތައް އަހަރެއް ކުރިން ރާއްޖޭގައި ބަނދަރުގެ ޚިދުމަތް ދެމުން ގޮސްފައިވާ ކަމަށެވެ.

"ނަމަވެސް ރާއްޖޭގެ އިގްތިސާދު ކުރިއަރައި ރާއްޖެއަށް އެތެރެކުރާ މުދާ އިތުރުވަމުންދިޔަ މިންވަރާ ގާތަށް ވެސް ރާއްޖޭގެ ވިޔަފާރި ބަނދަރު ތަރައްގީ ވެގެން އައިސްފައެއް ނެތް. މިއީ އެމްޕީއެލްގެ ވެރިންނާއި މުވައްޒަފުންނާއި ދިވެހި ކޮންމެ ރައްޔިތެއް ވެސް ގަބޫލުކުރާ ހަގީގަތެއް. އަޅުގަނޑު ވެސް އެކަން ގަބޫލުކުރަން," ރައީސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބު ވެސް ރައީސް ސާފުކޮށްދެއްވިއެވެ. އެގޮތުން ދުރު ރާސްތާ ޕްލޭނެތް ނެތި އެވަގުތަކު ޖެހޭ ކަމެއް ހައްލު ކުރުމަށް ބަނދަރަށް ބަދަލުތައް ގެނައުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ, ވިޔަފާރި ބަނދަރު ތަރައްގީނުވެ އޮތުމަކީ މުޅި ރާއްޖޭގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ރާއްޖެ މިއޮތް ތަނުގެ ގޮތުން ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ ސިނާއަތުން ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ހާސިލް ކުރެވޭނެ. ރަނގަޅު ފެންވަރުގެ ވިޔަފާރި ބަނދަރެއް ރާއްޖޭގައި ތަރައްގީވެފައި އޮތް ނަމަ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ މިހާރު ހުންނާނީ މިއަށްވުރެ މާ މަތީގައި," ރައީސް ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން މިހާރު ވެސް ވަރަށް ބޮޑުކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އެކަމުގެ ސަބަބުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދިނުމުގައި ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

އެގޮތުން ބޭރުން ގެންނަ މުދާ ވިޔަފާރިތަކާ ހަމައަށް ފޯރުމުގައި ގިނަ ވަގުތު ހޭދަވާކަމަށް ރައީސް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން އިގްތިސާދަށް ވެސް ބޮޑު ގެއްލުމެއް ލިބޭ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ވިޔަފާރި ބަނދަރަކަށް އެކަށީގެންވާ ވަރުގެ ޖާގައެއް މާލެއަކު ނެތް. އަދި ބަނދަރު ބޮޑުކުރެވޭކަށް ވެސް މާލެއަކު ނެތް," ރައީސް ވިދާޅުވިއެވެ.

މީގެ ހަތަރު އަހަރު ކުރިން ވެރިކަމާ ހަވާލުވިއިރު މާލޭގެ ވިޔަފާރި ބަނދަރު އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމަށް ބަނދަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފަ އޮތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބަނދަރުން ދެމުން އަންނަ ޚިދުމަތް ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެވޭނީ މާލެއިން ބޭރަށް އަދި ޖާގަ ބޮޑުތަނަކަށް ބަނދަރު ބަދަލުކުރެވިގެން. ގުޅީފަޅު އަޅުގަނޑުމެން ހިޔާރުކުރީ އެ ސަބަބަށް ޓަކައި," ރައީސް ވިދާޅުވިއެވެ.

މާލޭގެ އިތުރުން ކުޅުދުއްފުއްޓާއި ސ. ހިތަދޫގައި އެމްޕީއެލްގެ ދެ ވިޔަފާރި ބަނދަރު އޮތްކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އެ ދެ ބަނދަރު ތަރައްގީ ކުރުމަށް މިހާރު ފަށާފައިވާ މަޝްރޫއު ނިމި ބޮޑެތި ބޯޓު ފަހަރުތަކަށް ޚިދުމަތް ދޭން ފެށުމުން ރަށްރަށުގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ދިރުމަށް އަންނާނެ ކަމަށެވެ.

comment ކޮމެންޓް