ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ސިޓީ ކައުންސިލުން ނިންމި މައްސަލަ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް: ފޮޓޯ/ މަޖިލިސް

މާލެއާއި ވިލިމާލޭގެ މަގުތަކާއި، މައިޒާންތަކާއި، އާންމު ތަންތަން ސާފުކޮށް، ކުނި ކަހައި ބެލެހެއްޓުމަށް ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެއްޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދެމެވެ.

ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ކުނި ކެހުމަށް ވެމްކޯއަށް މިހާރު އަހަރަކު ދެމުން އަންނަ 2.5 މިލިއަން ރުފިޔާއަށް ވުރެ ހެޔޮ އަގެެއްގައި، ސިޓީ ކައުންސިލަށް އެކަން ކުރެވޭނެ ކަމަށް މަޝްވަރާކުރުމަށް ފަހުއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު ރޮޒައިނާ މިއަދު ވިދާޅުވީ ސިޓީ ކައުންސިލް އުފެއްދީ އެފަދައިން ނިކަމެތި ރައްޔިތުންނާ ދޭތެރޭގައި އަނިޔާވެރިވާކަށް ނޫން ކަމަށެވެ.

"ކޮންމެ ކަމެއްގައި ވެސް އެންމެ ނިކަމެތި ހާލުގައި އުޅޭ އަންހެނުން މި ޓާގެޓް ކުރަނީ ކޮން މޮޅެއް ހޯދަންތޯ؟،" ރޮޒައިނާ ވިދާޅުވިއެވެ.

މާލެއާއި ވިލިމާލެ ކުނި ކަހާ ސާފު ކުރުމަށް ވެމްކޯއިން މުޅިންހެން ގެންގުޅެނީ ދިވެހި މުވައްޒަފުންނެވެ. އޭގެ ތެރެއިން 150 މީހުން މާލޭގައި މަސައްކަތް ކުރާއިރު 28 މީހުން މަސައްކަތް ކުރަނީ ވިލިމާލޭގައެވެ.

އޭގެ ތެރެއިން ފަސް މީހުން ނޫން އެންމެންނަކީ ވެސް ދިވެހި އަންހެނުންނެވެ. އެ އަންހެނުންގެ ތެރޭގައި ވެސް ވެމްކޯއިން އިސްކަން ދީފައިވަނީ އެކަނިވެރި މައިންނާއި ވަޒީފާއެއް ނެތި ގޭގައި ތިބި އަންހެނުންނަށެވެ.

ވެމްކޯއިން "ސަން"އަށް ބުނީ ސިޓީ ކައުންސިލްގެ ނިންމުމާއެކު އެ މުވައްޒަފުންގެ ވަޒީފާއާ މެދު ބިރު ހީވެފައިވާ ކަމަށެވެ. އެ މުވައްޒަފުންނަކީ އެ މީހުންނަށް ފަސޭހަ ވަގުތުތަކުގައި ކުނިކެހުމަށް ނަގާފައިވާ ބަޔަކަށް ވާއިރު އެކަން ވެމްކޯއަށް ގެއްލިއްޖެ ނަމަ އެ މުވައްޒަފުން އެހެން ގޮތަކަށް ބޭނުން ކުރުމަކީ ދަތިކަމެއް ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.

comment ކޮމެންޓް