ދަ ކާޑޭޝިއަންސްގެ ދެ ވަނަ ސީޒަންގެ ޕްރިމިއާގައި ކްލޯއީގެ ފިރިހެން ދަރި ދައްކާލައިފި

ކްލޯއީ ކާޑޭޝިއަން -- ފޮޓޯ/ ހޫލޫ

މަޝްހޫރު ޝޯ 'ދަ ކާޑޭޝިއަންސް'ގެ ދެވަނަ ސީޒަންގެ ޕްރިމިއާގައި ކްލޯއީ ކާޑޭޝިއަންގެ ފިރިހެން ދަރިފުޅު ދައްކާލައިފިއެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު ކާޑޭޝިއަން އާއިލާއަށް ބިނާކޮށް ހަދާފައިވާ އެ ޝޯގެ ދެވަނަ ސީޒަން ނެރުނު އިރު، މި ސީޒަންގައި ވަނީ ކްލޯއީގެ ސަރޮގޭޓް ބަލިވެއިން އިރުން ފަށައިގެން ވިހެއުމާ ހަމައަށް ދިމާވި ކަންކަން ދައްކުވައިދީފައެވެ. ކްލޯއީ އާއި އޭނާގެ ކުރީގެ ބައިވެރިޔާ، ޓްރިސްޓަން ތޮމްސަންގެ ވަކިވުންވެސް މި ސީޒަންގައި ދައްކާނެއެވެ.

ސަރޮގެސީ ނުވަތަ އެއްބަސްވުމެއްގެ ދަށުން އެހެން އަންހެނެއްގެ ރަހިމުގައި ދަރި އަށަގަންނަވައިގެން ދަރިއެއް ހޯދަން ކްލޯއީ ނިންމީ ސިއްހީ ސަބަބުތަކާ ހެދި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ސަރޮގޭޓެއް މެދުވެރިކޮށް ކްލޯއީގެ ދައްތަ، ކިމް ކާޑޭޝިއަންއަށް ލިބުނު ދެ ކުދިންގެ ފެނިލުމެއްވެސް ކްލޯއީގެ ދަރިފުޅު ވިހެއި ދުވަހުގެ މަންޒަރުތަކުން ފެނެއެވެ.

ކްލޯއީ ކާޑޭޝިއަން އާއި އޭނާގެ ފިރިހެން ދަރިފުޅު -- ފޮޓޯ/ ހޫލޫ

ކްލޯއީގެ ކުރީގެ ބައިވެރިޔާއާ ވަކިވުމާ ބެހޭ ގޮތުން އޭނާ މި ސީޒަންގައި ވާހަކަދައްކާފައިވާއިރު އޭނާ ބުނީ، ޑިސެމްބަރުން ފެށިގެން އޭނާގެ ބޯމަތީގައި ކަޅު ވިލާގަނޑެއް ފެތުރިފައިވާހެން ހީވާ ކަމަށެވެ. ކޮންމެ ދުވަހަކީ ދަތި އުނދަގޫ ދުވަހެއް ކަމަށާއި ދަރިފުޅު ލިބުމުން އެކަންކަމުން ދުރުވުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. ހަޔާތުގެ އެ ދުވަސްތައް ހަނދާނުން ފޮހެލުމަށް ފަހު އަލުން ދިރިއުޅުމުގެ ކަންކަމުގައި އުޅެން މަސައްކަތް ކުރާ ކަމަށް ކްލޯއީ ބުނެއެވެ.

"މިއީ އަދި ފުރަތަމަ ދުވަސް. މިއީ ޕްޒިޓިވް، އުފާވެރި ކަމެއްގެ ފެށުން،" ކްލޯއީ ބުނެއެވެ.

ކްލޯއީގެ ދަރިފުޅު އޭނާގެ އާއިލާއަށް ފުރަތަމަ ފަހަރަށް ދައްކާލާ މަންޒަރުވެސް މި ސީޒަނުގައި ފެނެއެވެ. އަދި، ޓްރިސްޓަންއަށްވެސް އެ ފުރުސަތު ދީ އޭނާވެސް އެކަމުގައި ބައިވެރިކުރެއެވެ.

ކްލޯއީ އާއި ޓްރިސްޓަން އެންމެ ފުރަތަމަ އެއްކޮށް ފެނުނީ 2016 ވަނަ އަހަރުއެވެ. އެކުގައި އުޅުމަށްފަހު 2018 ވަނަ އަހަރު ފުރަތަމަ ދަރި 'ޓްރޫ' ވަނި ލިބިފައެވެ. މި ސީޒަންގައި ދައްކުވައިދެނީ އެ ދެ މީހުންނަށް ކައިވެނި ނުކޮށް ލިބުނު ދެވަނަ ކުއްޖާއެވެ. އެ ކުއްޖާގެ ނަން އަދި ހާމަކޮށްފައި ނުވެއެވެ.

comment ކޮމެންޓް