ޔުއެފާ ނޭޝަންސް ލީގް: އިޓަލީ އަތުން ބަލިވެ، އިނގްލެންޑް ރެލިގޭޓްވެއްޖެ

ޔުއެފާ ނޭޝަންސް ލީގްގައި ރޭ އިންގްލެންޑް އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ ގެޓީ އިމޭޖް

ޔުއެފާ ނޭޝަންސް ލީގްގައި ރޭ ކުޅުނު މެޗުގައި އިޓަލީ އަތުން ބަލިވެ، އިންގްލެންޑް ރެލިގޭޓްވެއްޖެއެވެ.

އިޓަލީގެ މިލާނޯގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިޓަލީއަށް ކާމިޔާބުކޮށް ދިނީ 68 ވަނަ މިނެޓް ތެރޭގައި ބޮނޫޗީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަސްޕަޑޯރީއެވެ. މެޗުގައި އިނގިރޭސިންނަށް ލަނޑެއް ނުޖެހުނު ނަމަވެސް ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ.

މި މެޗުން އިންގްލެންޑް ބަލިވުމުން، ދެން އޮންނަ މެޗުން މޮޅުވި ނަމަވެސް އެ ޓީމު އޮންނާނީ ތާވަލްގެ އެންމެ ފުލުގައެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށްދެވޭނޭ ފުރުސަތެއް އެ ޓީމަކަށް ދެން ނެތެވެ.

އެ މެޗުން ބަލިވުމާއެކު އިންގްލެންޑްގެ ކޯޗް ގެރެތު ސައުތުގޭޓަށް ކިޔަމުންދާ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. ވަލްޑް ކަޕް ފެށުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި މޮޅު ކުޅުންތެރިން ޓީމުގައި ތިބެމެ، މި ފަހަކަށް އައިސް އިނގްލެންޑް ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވެއެވެ. ޔުއެފާ ނޭޝަންސް ލީގްގައި އިންގްލެންޑް ވަނީ ހަންގޭރީ އަތުންވެސް 0-4ގެ ނަތީޖާއަކުން ބަލިވެފައެވެ.

މި ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ ހަންގޭރީއަށެވެ. ހަންގޭރީ ވަނީ ރޭ ކުޅުނު މެޗުން 0-1އިން ޖަރުމަނު ބަލިކޮށްފައެވެ. އަންނަ ހޯމަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިޓަލީއާ ދެކޮޅަށް ނިކުންނަ މެޗް އެއްވަރުވިޔަސް މި ގްރޫޕްގެ އެއްވަނަ ލިބޭނީ ހަންގޭރީއަށެވެ. މި ގްރޫޕްގެ ދެވަނަ އިޓަލީއަށް ލިބެން އޮތީ ހަންގޭރީ ބަލިކޮށްގެންނެވެ.

comment ކޮމެންޓް