ހާލަތު ބަދަލު ކުރެވޭނީ އެމްއެންޕީއަށް، މި ޕާޓީއަށް ރައްޔިތުންގެ އަޑުއިވޭ: ނާޒިމް

އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް--- ސަންފޮޓޯ/ ނާއިލް ހުސެން

ގައުމުގެ ހާލަތު ބަދަލުކުރަން ޖެހިފައިވާ ކަމަށާއި އެކަން ކުރެވޭނީ އެމްއެންޕީއަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި އިޖްތިމާއީ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު އެކަންކަން އެއްވެސް ސަރުކާރަކަށް ނުފެންނަ ކަމަށެވެ.

ނަމަވެސް އެ ޕާޓީއަށް ރާއްޖޭގެ ހާލަތު ފެންނަ ކަމަށާއި ރައްޔިތުންގެ އަޑުއިވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ހާލަތު ބަދަލު ކުރެވޭނީ ވެސް އެމްއެންޕީއަށް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުރިމަތިވަމުންދާ އިޖްތިމާއީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ ކުށްތައް އިތުރުވާ މައްސަލަ ކަމަށެވެ. އެގޮތުން ގޭންގު ތަކުން ރޯމާ ދުވާލު ފުލުހުންނަށް އިންޒާރުދޭ މަންޒަރު މިއަދު ފެންނަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ގައުމުގެ ހާލަތު ސިފަ ކުރައްވާ ނާޒިމް ވިދާޅުވީ މިހާރު މި ފެންނަނީ ވަރަށް ބިރުވެރި ދުވަސްތަކެއް ކަމަށެވެ.

"ދިވެހި ފުލުހުންނަށް ގޭންގްތަކުން ހަމަލާދެމުން އެބަދޭ، އެ މީހުންގެ މައްސަލަ ތަހުގީގު ކުރަން ފެށުމުން ޕޮލިސް ސްޓޭޝަނަށް ވަދެ އިންޒާރު ދޭން ފަށައިފި،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކައިގައި ސަރުކާރުތަކުން ރައްޔިތުންނަށް ދެމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް އައި ސަރުކާރުތަކުން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި އަމަލު ކޮށްފައިވަނީ ދެފުށް ނުފެންނަ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަނީ ވަކި ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރަން ކަމަށެވެ. ނަމަވެސް އޭނާގެ ޕާޓީއަކީ އެ ސަގާފަތް ބަދަލުކުރާނެ ޕާޓީ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މި ޕާޓީގައި ޕާޓީގެ ރައީސްކަން ކުރެވެނީ ދެ ދައުރަށް، މުޅި އުމުރު ޕާޓީގެ ލީޑާޝިޕްގައި އެއް ބޭފުޅަކަށް ހުންނަން އަޅުގަނޑުމެން ފުރުސަތު ނުދޭނަން." ނާޒިމް ވިދާޅުވިއެވެ.

މީގެ ކުރިން ނާޒިމް 'ސަން' އަށް ވިދާޅުވީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަކީ ކުރަމުން އަންނަ އުންމީދެއް ކަމަށާއި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"ޕާޓީގެ ޕްރައިމަރީގައި އަޅުގަނޑު ވާދަކޮށް ކާމިޔާބް ލިބިއްޖެ ނަމަ ރިޔާސީ އިންތިހާބަށް ނިކުންނާން," ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީން 'ތަބަބަކަށް' ލާފައި ވަކި މީހަކަށް ޓިކެޓް ނުދެއްވާނެކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބްގައި ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ނިންމާނީ ޕާޓީގެ ކޮންގްރެސްގައި ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ.

އެމްއެންޕީއަކީ ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެެކެވެ.

comment ކޮމެންޓް