ނޫސްވެރިކަމަށް ހޯދައިދެއްވި މިނިވަންކަން އަނބުރާ ނުގެންދެވޭނެކަން ރައީސް ކަށަވަރު ކުރައްވާ: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން-- ފޮޓޯ: އެންއީއޯސީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނޫސްވެރިންނަށް ކަށަވަރު ކޮށްދެއްވާފައިވާ މިނިވަންކަން އެހެން ސަރުކާރަކަށް ވެސް އަނބުރާ ނުގެންދެވޭނެކަން ރައީސް ކަށަވަރުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ހެއްޔާންބޯ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ނޫސްވެރިންގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް މި ސަރުކާރުން ކުރައްވާ ކަމަށެވެ. އަދި ގާނޫނީ ގޮތުން ނޫސްވެރިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ނޫސްވެރިން ތަމްރީނުކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރައްވާކަމަށް މިއުވާން ވިދާޅުވިއެވެ.

"މިހާރު މިއޮތް މިނިވަންކަން ފަހަތަށް ގެންދިއުމުގެ ފުރުސަތު ނުލިބޭނެ މާހައުލެއް ތަނަވަސްވެގެން ދިއުމަކީ އަޅުގަނޑު ދެކޭ ހުވަފެނެއް،" މިއުވާން ވިދާޅުވިއެވެ.

މީގެއިތުރުން މިއުވާން ވިދާޅުވީ ރައީސްގެ އިރުޝާދަކީ ވީހާވެސް ގިނައިން މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އޭނާ ކޮންމެ ހަފުތާއަކު އެއް ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގެ އިތުރުން ވެސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

"ސަރުކާރުގަ ކުރެވެމުންދާ މަސައްކަތަކީ ރައްޔިތުންނަށް ކުރެވެމުންދާ މަސައްކަތް. މީގައި ފޮރުވިފަ ހުރި މާގިނަ ކަންކަމެއް ނެތް. ފޮރުވިފައި މި ހުންނަނީ ގައުމީ ސަލާމަތައް ނުރައްކާވާ ކަންކަން،" އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޒުވާނުންނަށް ޒިންމާދާރު މަގާމުތަކުގައި މަސައްކަތް ކުރެވޭނެކަމަަށާއި އެ ފުރުސަތު ސަރުކާރުން ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ ދާއިރާއަކުން ކުރިއެރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުން ކުރިއެރުން ލިބޭނެކަމަށް ވިދާޅުވިއެވެ.

"ތިމާ ނުކުރާ މަސައްކަތެއް އެހެން މީހެއް ނުކޮށްދޭނެ. އެެހެންވީމަ މި ދާއިރާއަށް (ކޮމިއުނިކޭޝަން ދާއިރާއަށް) ނުކުންނަން ބޭނުންވާ ފަރާތްތަކަށް ވެސް ބުނެލަން އޮތީ އަމިއްލަ ކުރިއެރުމަށް މަސައްކަތް ކުރާށޭ. ދޮރުތައް ހުޅުވޭނެއޭ،" މިއުވާން ވިދާޅުވިއެެވެ.

ރައީސްގެ ތަރުޖަމާނަކަށް މިފަހުން މިއުވާން އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މީގެ ކުރިން މިއުވާން ހުންނެވީ ފޮރިން މިނިސްޓްރީގައެވެ.

comment ކޮމެންޓް