ދެން އަޅުގަނޑު ހަވާލުވާން އޮތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ: ކާނަލް ނާޒިމް

އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް-- ސަން ފޮޓޯ

ސަރުކާރުގެ މަތީ މަގާމުތަކުގެ ތެރެއިން ދެން ހަވާލުވާން އޮތް މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސް ދޭ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް މިއަދު ވިދާޅުވީ އަންނަ އަހަރު ބާއްވް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރިކަމަށެވެ. އަދި ޕާޓީގެ ސިޔާސަތާ އެއްގޮތަށް ޕްރައިމަރީއެއް ބާއްވާ ޕްރައިމަރީގައި ވެސް ބައިވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ގައުމަށް ކުރެވުނު ޚިދުމަތަށް ބަލާއިރު އަޅުގަނޑަށް ގަބޫލުކުރެވޭ ދެން އަޅުގަނޑު ހަވާލުވާން އޮތް މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުކަން. އަޅުގަނޑަށް އެވަރަށް ޚިދުމަތް ކުރެވިއްޖެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު މަގާމުތައް މިހާރު އަދާކުރައްވާފާއިވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ދައުލަތުގެ ގިނަ ތަންތަނުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް އަބްދުﷲ ޔާމީން އަރިހުގައި ވެސް ވަރަށް ގިނަ މަގާމްތައް އަދާކުރެވުނު،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގައުމު ހިނގާ ގޮތް އެނގި ތަޖުރިބާތަކެއް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ގައުމުގެ ސިސްޓަމް ހިނގާ ގޮތް ވެސް މިހާރު ދަސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

"އަދި ޚާއްސަކޮށް މިހާރު ޕާލިމަންޓުގައި މަސައްކަތް ކުރާއިރު އިތުރު މަގާމެއް ދެން ނެތް އަޅުގަނޑު އަދާކުރާނެ،" ނާޒިމް ވިދާޅުވިއެވެ.

ޕާޓީތަކަށް ވަގަށް މީހުން ވެއްދުމާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ ޕާޓީއަށް މީހުން ވެއްދުމުގެ ނިޒާމް ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޕާޓީއަށް މީހުން ވެއްދުމުގެ ކަންތައް އިލެކްޓްރޯނިކަލީ ކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން ޕާޓީއަށް ވަންނަން ބޭނުން މީހާ ޕޯޓަލް އަކަށް ވަދެ ފޯމުފުރުމަށް ފަހު އޯޓީޕީއެއް މެދުވެރިކޮށް ވެރިފައިކޮށްގެން ޕާޓީއަށް ވަދެވޭ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ބޭންކަކުން ފައިސާ ނެގުމާ ޕާޓީއަކަށް ވަނުމާ އަޅުގަނޑަކަށް ނުފެނޭ ތަފާތެއް،" ނާޒިމް ވިދާޅުވިއެވެ.

މި ސިސްޓަމަށް ބަދަލު ގެނައުމުން ޕާޓީއަށް ވަގަށް ވައްދާ މީހުން މަދުކުރެވޭނެ ކަމަށާއި ފަސޭހައިން ޕާޓީއަށް ވަދެވޭނެ ނިޒާމެއް ގާއިމްކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް