މަސްވެރިކަން ދަށްވުމުން، ޖުމްލަ އެކްސްޕޯޓް 53 ޕަސެންޓް ދަށަށް

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އޯގަސްޓު މަހު ރާއްޖެއިން އެކްޕޯޓްކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅާބަލާއިރު 53 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އޯގަސްޓު މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައި ވަނީ ޖުމްލަ 115 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހު 247 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ.

މި އަހަރުގެ ޖުލައި މަހުން ފެށިގެން، މަސްވެރިކަން ދަށްވެ، އެކްސްޕޯޓް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން، ޖޫން މަހު 247 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރިއިރު ޖުލައި މަހު އެކްސްޕޯޓް ކޮށްފައިވަނީ ޖުމްލަ 78 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 68 ޕަސެންޓުގެ ވެއްޓުމެކެވެ. މިއަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު، އޯގަސްޓު މަހުގެ އެކްސްޕޯޓް ވަނީ 47 އިންސައްތަ މަތިވެފައެވެ.

ރާއްޖެއިން އާންމުކޮށް އެންމެ ގިނަ އަދަދެއްގެ މުދާ ބޭރުކުރާ ތައިލެންޑަށް އެކްޕޯޓް ކުރާ މިންވަރު މިދިޔަ ޖޫން މަހުން ފެށިގެން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން، ޖޫން މަހު ޖުމްލަ 148 މިލިއަން ރުފިޔާގެ މުދާ އެގައުމަށް ބޭރުކުރިއެވެ. އެއީ އެ މަހުގެ ޖުމްލަ އެކްސްޕޯޓުގެ 60 ޕަސެންޓެވެ. ނަމަވެސް، މިދިޔަ ދެ މަހު އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރި ގައުމުތަކުގެ ތެރޭގައި ތައިލެންޑު ނުހިމެނެއެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މުދާ ބޭރުކުރީ ޖަރުމަނު ވިލާތަށެވެ. އެގައުމަށް ޖުމްލަ 27 މިލިއަން ރުފިޔާގެ މުދާވަނީ އެކްސްޕޯޓުކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މުދާ ބޭރުކުރި މޮރިޝަސްއަށް 23 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއިރު، ތިން ވަނަ އަށް އެންމެ ގިނަ މުދާ ބޭރުކުރި އިނގެރޭސި ވިލާތަށް އެކްސްޕޯޓުކުރީ 19 މިލިއަން ރުފިޔާގެ މުދަލެވެ.

އެކްސްޕޯޓު ދަށަށް ދިޔަ ކަމުގައި ވިޔަސް، މިދިޔަ މަހު ސަރުކާރަށް އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާ ބަލާއިރު ވަނީ 36 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން އިމްޕޯޓްވެސް ވަނީ 48 އިންސައްތަ އިތުރުވެފައެވެ. މިދިޔަ މަހު ކަސްޓަމްސް އަށް ރޯޔަލްޓީގެ ގޮތުގައި 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

comment ކޮމެންޓް