ވުޟޫކޮށްގެން ހުއްޓައި ނިދިއްޖެނަމަ ވާނީ ކިހިނެއް؟

ފޮޓޯ: އައްރާއިމީޑިއާ.ކޮމް

މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުން (މަޣުރިބު ނަމާދަށްފަހު) ނިދިޖެހި އެބޭފުޅުންގެ ބޯތައް ތިރިވެއްޖައުމަށްދާންދެން ޢިޝާނަމާދަށް (އެބަހީ: ޢިޝާނަމާދު ކުރާނެ ވަގުތަކަށް) މަޑުކުރައްވައެވެ. އަދި އެއަށްފަހު (ނަމާދު ކުރާ ވަގުތު ޖެހުމުން) އަލުން ވުޟޫނުކުރައްވައި ނަމާދު ކުރައްވައެވެ.(އަބޫ ދާއޫދު: 1/51 ، މިއީ ޞައްޙަ ހަދީސެއްކަމަށް އަލްބާނީ ވިދާޅުވެފައިވެއެވެ.)

ވުޟޫކޮށްގެން ހުއްޓައި ނިދުމުން ވުޟޫ ގެއްލުމާމެދު އިލްމުވެރިންގެ ބަސްފުޅު:

ބުއްދި ފިލައިދިއުން އިލްމުވެރީން ދެބަޔަކަށް ބައްސަވައެވެ. އެއީ: ނިދުމާއި އެނޫން ކަންތައްތަކެވެ. (ނިދުންފިޔަވައި) އެނޫން ކަންތައްތަކުގެތެރޭގައި ހިމެނެނީ މޮޔަވުމާއި، ހޭނެތުމާއި، މަސްތުވުމާއި، އަދި ބޭހެއްފަދަ އެއްޗެއް ބޭނުންކުރުމުން ބުއްދި ފިލައިދިއުންފަދަ ކަންތައްތަކެވެ. މިއިންކަމެއްގެ ސަބަބުން ބޮޑުކޮށް ނުވަތަ ކުޑަކޮށްވިޔަސް ބުއްދި ފިލައިގޮސްފިނަމަ ވުޟޫ ގެއްލޭނެކަމަށް އިޖުމާޢުވެފައި ވެއެވެ.

ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ވުޟޫކޮށްގެން ހުއްޓައި ނިދިއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. އެހެންނަމަވެސް، ތާއްޔާ ޖެހުމުން ވުޟޫ ނުގެއްލޭނެކަމަށް އިލްމުވެރީން އިއްތިފާޤުވެއެވެ. އެހެނީ ނިދުމަކީ އެކަމުގެ ސަބަބުން ބުއްދި ފޮރުވައިލާ ކަމަކަށްވިޔަސް، ތާއްޔާ ޖެހުމަކުން އެހެނެއްނުވެއެވެ. ތާއްޔާޖެހޭ ހާލަތުގައި، އެހެން މީހުން ދައްކާ ވާހަކަ އަޑުއިވުން ފަދަ ކަންތައްތައް މެދުވެރިވެއެވެ. ނަމަވެސް ފުރިހަމައަށް ނިދި ޖެހިއްޖެނަމަ އެކަން އެގޮތަކަށްނުވެއެވެ.

ހަތަރު މަޒުހަބުގެ އިމާމުން އިއްތިފާޤުވާގޮތުގައި، ކުޑަކޮށް ނިދުމަކުން ވުޟޫއެއްނުގެއްލޭނެއެވެ. އެހެންނަމަވެސް ގަދަޔަށް ނިދައިފިނަމަ ވުޟޫގެއްލޭނެއެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ނިދުމަކީ އޭގެ ޒާތުގައި ވުޟޫ ގެއްލޭނެކަމެއްނޫނެވެ. އެހެންނަމަވެސް ވުޟޫ ގެއްލޭކަމަކަށް ނިދުންވަނީ ނިދުމަކީ އެކަމުގެތެރޭގައިވަނިކޮށް ޙަދަޘްވެރިވުންފަދަ ކަމެއް މެދުވެރިވުމުގެ އިޙްތިމާލު އޮތުމުންނެވެ.

މިމައްސަލައިގައި މަޒުހަބުތަކުގެ ޚިލާފު:

ފުރަތަމަ ރައުޔު: ޙަނަފީން ދެކޭގޮތުގައި ވުޟޫކޮށްގެން ހުއްޓައި ނިދުނަކަސް ވުޟޫއެއްނުގެއްލޭނެއެވެ. އެއީ ނަމާދުގެ ހައިއާތެއްގައި (މިސާލަކަށް: ކޮޅަށް ހުއްޓައި ނުވަތަ ރުކޫޢުގައި ނުވަތަ ސަޖިދައިގައި) ވަނިކޮށް ނިދުނުނަމައެވެ.

ދެވަނަ ރައުޔު: މާލިކީން ދެކޭގޮތުގައި، ކޮންމެ ގޮތަކަށް (އެބަހީ: ހަމަޖެހިގެން ނުވަތަ ރަނގަޅަށް ހަމަނުޖެހި އިނދެ ނިދިކަމުގައިވިޔަސް) ބަރު ނިންޖަކުން ނިދައިފިނަމަ ނުވަތަ ނިދީގައި ގިނައިރުވެއްޖެނަމަ ވުޟޫކުރުން ވާޖިބުވާނެއެވެ. އެއީ އެހާލަތުގައިވަނިކޮށް ޙަދަޘްވެރިވިޔަސް އެކަން ނޭނގުމުގެ އިޙްތިމާލު އޮތުމުންނެވެ.

ތިންވަނަ ރައުޔު: ޝާފިޢީން ދެކޭގޮތުގައި ތަނެއްގައި ރަނގަޅަށް ހަމަޖެހިގެން އިންދައި ނިދިޖެހުމަކުން ވުޟޫއެއްނުގެއްލޭނެއެވެ. އެހެންނަމަވެސް ރަނގަޅަށް ހަމަނުޖެހި އިންދައި ނިދިޖެހިއްޖެނަމަ ވުޟޫގެއްލޭނެއެވެ. އެއީ ކޮންމެ ހާލަތެއްގައި، މިސާލަކަށް އިށީނދެ އިންދައި ނުވަތަ އޮށޯވެ އޮއްވައި ނިދުނުކަމަށްވިޔަސްމެއެވެ. އަދި އެއީ ލުއި ނުވަތަ ބަރު ނިންޖަކުން ނިދުންކަމުގައިވިޔަސް މެއެވެ.

ހަތަރުވަނަ ރައުޔު: ޙަންބަލީން، ނިދުން ދެބަޔަކަށް ބައްސަވައެވެ. އެއީ މަދު (އެބަހީ: ކުޑަ ވަގުތުކޮޅަކަށް ނިދައިލާ) ނިންޖާއި ގިނަ (އެބަހީ: ގިނަވަގުތު ނިދާ) ނިންޖެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ގިނަ ނިންޖެއްނަމަ ވުޟޫ ގެއްލޭނެއެވެ. އަދި މަދު ނިދި ތިން ބަޔަކަށް ބައްސަވައެވެ. އެއީ:

(ހ) އޮށޯވެގެން ނިދުން: އޮށޯވެގެން އޮވެ ގިނަވަގުތު ނުވަތަ ކުޑަވަގުތުކޮޅަކު ނިދިކަމުގައިވިޔަސް ވުޟޫގެއްލޭނެއެވެ.

(ށ) އިށީނދެގެން ނިދުން: (ޙަންބަލީންގެ އެއްރިވާޔަތުގައި ވާގޮތުން) އިށީނދެގެން އިނދެ ގިނައިރު ނިދައިފިނަމަ ވުޟޫގެއްލޭނެއެވެ. އެހެންނަމަވެސް މިބޭފުޅުންގެ އަރިހުގައި ޞައްޙަގޮތަކީ އިށީނދެގެން ކުޑަ ވަގުތުކޮޅަކު ނިދިކަމުގައިވިޔަސް ވުޟޫނުގެއްލުމެވެ.

(ނ) އިސްވެދިޔަ ދެހާލަތްފިޔަވައި ދެން އަންނަ ހާލަތްތައް: އެއީ ކޮޅަށް ހުރެގެން ނިދުން އިށީނދެގެން ނިދުމާ އެއްޙުކުމެއްގައިވުމާއި، ތަނެއްގައި ލެނގިލައިގެން ހުރެ ނިދުން އޮށޯވެގެން އޮވެ ނިދުމާ އެއްޙުކުމެއްގައިވުމެވެ. އަދި ރުކޫގައްޔާއި ސަޖިދައިގައި އޮވެ ނިދުމާމެދު ދެރިވާޔަތެއްވެއެވެ. އެއީ އެދެހާލަތުގައި ކުޑައިރުކޮޅަކު ނިދައިފިނަމަ ވުޟޫ ގެއްލޭނެކަމަށް ވިދާޅުވުމާއި އަދި ވުޟޫ ނުގެއްލޭނެކަމަށް ވިދާޅުވުމެވެ.

ޚިލާފު އުފެދުނު ސަބަބު:

މިމައްސަލައިގައި އިލްމުވެރީންގެ މެދުގައި އިޚްތިލާފު އުފެދިފައިވަނީ ނިދުމަކީ އެހެނިހެން ޙަދަޘްފަދައިން ޙަދަޘްވެރިވުމެއްތޯއާމެދުގައެވެ. އަދި މިކަމުގައި އިޚްތިލާފުވާން މެދުވެރިވީ މިކަމާމެދު ދެކޮޅަށްވެސް (އެބަހީ: ނިދުމުން ވުޟޫ ނުގެއްލޭނެކަމަށާއި އަދި ނިދުމަކީ ޙަދަޘްވެރިވުމެއްކަމަށް) އަޘަރުތައް ވާރިދުވެފައިވާތީއެވެ. އެހެންކަމުން މިމައްސަލައިގައި އިލްމުވެރީން ދެގޮތަކަށް އަމަލުކުރައްވައެވެ. އެއީ ތަރުޖީޙުކުރެއްވުމާއި ޖަމްޢު ކުރެއްވުމެވެ. ނިދުމުން ވުޟޫ ނުގެއްލޭނެކަމަށް ހުރި ހަދީސްތަކަށް ބައްލަވައި، ތަރުޖީޙުކުރައްވާ ބޭފުޅުން ވިދާޅުވަނީ ނިދުމުން ވުޟޫނުގެއްލޭނެކަމަށެވެ. އެހެނީ ކުޑަކޮށް ނިދުމުން ވުޟޫ ނުގެއްލޭނެކަން ސާބިތުވުމުން ދޭހަކޮށްދެނީ، ނިދުމަކީ އޭގެ ޒާތުގައި ވުޟޫގެއްލޭ ކަމެއްނަމަ ގިނައިން ނުވަތަ ކުޑަކޮށް ނިދިޔަސް ވުޟޫގެއްލޭނެއެވެ.

މިމައްސަލައިގައި (ނިދުމުން ވުޟޫ ގެއްލޭނެކަމަށާއި އަދި ނުގެއްލޭނެކަމަށް ހުރި ޙަދީޘްތައް) ޖަމްޢު ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި؛ ނިދުމުން ވުޟޫކުރުން ވާޖިބުވާނީ އެ ނިދުމެއްގެތެރޭގައި ޙަދަޘްވެރިވެއްޖެކަން ނޭނގޭ ދަރަޖައަށް (ގަދަ ނިންޖަކުން) ނިދުމުންނެވެ. އެހެންނަމަވެސް އެފަދައިން ނުނިދޭނަމަ ވުޟޫކުރާކަށް ނުޖެހޭނެއެވެ.

އަލްއިމާމުއްޞަންޢާނީ ތަރުޖީޙުކުރައްވާގޮތުގައި؛ ވާނުވާ ނޭނގޭ ދަރަޖައަށް ގަދަ ނިންޖަކުން ނިދައިފިނަމަ ވުޟޫގެއްލޭނެއެވެ. މިއީ އިމާމު މާލިކުގެ ރައުޔާ އެންމެ ގާތްކުރާ ރައުޔެވެ.

ވުޟޫކޮށްގެން ހުއްޓައި ނިދުމުން ވުޟޫ ގެއްލުމާމެދު ދެކެވުނު ވާހަކަތައް މުހިއްމުވާ ދެސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ؛ ވުޟޫކޮށްގެން އަދާކުރަންޖެހޭ އަޅުކަމެއް، ވުޟޫ ނެތި ކޮށްފިނަމަ އެއަޅުކަން ޞައްޙައެއްނުވާނެއެވެ. ވުމާއެކު ވުޟޫ ގެއްލޭ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. ދެވަނަ ސަބަބަކީ؛ މިސްކިތުގައި އިންނައިރު(ވެސް) ނިދިޖެހުމަކީ ބައެއްމީހުންނަށް އާއްމުކޮށް ދިމާވާ ކަމެކެވެ. މިގޮތަށް ނިދިޖެހިލާ ކޮންމެ ފަހަރަކު ވުޟޫ ގެއްލޭނަމަ ތަކުރާރުކޮށް ވުޟޫކުރަންޖެހުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ވީމާ، ހަމަ ނިދިޖެހިލާއިރަށް ވުޟޫ ނުގެއްލޭކަމާއި، ވުޟޫ ގެއްލެނީ ވަކި ހާލަތެއްގައިކަން ދެނެގަތުމުން، ދީނުގައިވާ ލުއިފަސޭހަ ގޮތަށް އަމަލު ކުރަން އެނގޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް