އެމްޖޭއޭގެ ނުރުހުން މަޖިލީހަށް: ނޫސްތަކުގައި ޖަހާ ޚަބަރު ނަގަން އެންގުމަކީ މަޖިލީހަށް ކުރެވޭނެ ކަމެއް ނޫން

އެމްޖޭއޭއިން ކުރި މުޒާހަރާއެއްގެ ތެރެއިން --- ސަން ފޮޓޯ

ނޫސްތަކުގައި ޖަހާ ޚަބަރު ނަގަން އެންގުމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޭޝަން (އެމްޖޭއޭ)އިން މިއަދު ބުނެފިއެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241)ގެ އިއްޔެގެ ބައްދަލުވުން، ސިއްރުކުރަން ކޮމިޓީގެ މެންބަރުން ނިންމައި ސިއްރުކޮށްގެން ކުރިއަށް ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މަޖިލީހުގެ އިދާރާގެ ޔޫޓިއުބް ޗެނަލުން ވަނީ ވަކި ހިސާބަކަށް އެ ބައްދަލުވުން ލައިވް ސްޓްރީމްކޮށްފައެވެ.

ބައެއް މީޑީއާތަކުން ވަނީ މަޖިލީހުގެ ޔޫޓިއުބުން އެ އޯޑިއޯ ނެގުމުގެ ކުރިން އަޑު އަހައިގެން ޚަބަރު ގެނެސްދީފައެވެ. އެކަމާ ގުޅިގެން އިއްޔެ މަޖިލީހުން ވަނީ ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތައް ނެގުމަށް އަންގައި ބަޔާނެއް ނެރެފައެވެ.

އެކަމާ ނުރުހުންވެ، ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތައް ނެގުމަށް މަޖިލީހުގެ އިދާރާއަށް ނޫސްތަކަށް އެންގިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"މަޖިލީހުގެ ގަވައިދުގެ ދަށުން ސިއްރު ކޮމިޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތުތައް ހާމަނުކުރުމަކީ މަޖިލީހުގެ ޒިންމާއެއް،" އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

އެމްޖޭއޭއިން ބުނީ ނޫހެއްގެ ކޮންޓެންޓާ މެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތް ނަމަ އެކަމެއް މީޑީއާ ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަކީ އެ ޖަމިއްޔާއިން ގަބޫލުކުރާ އުސޫލާއި ހަމަ ކަމަށެވެ.

މީގެ އިތުރުން، އެ އޯޑިއޯ 50 ވަރަކަށް މިނެޓަށް ލައިވްކޮށްފައިވާއިރު އެއަށް ހަވާލާދީ ޚަބަރުތައް ޝާއިއުކުރުމުގެ ކުރިން އެ އޯޑިއޯގެ މައްޗަށް ޚަބަރު ނުލިޔުމަށް އިރުޝާދެއް ވެސް ދީފައި ނުވާ ކަމަށް އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

އެމައްސަލައާ ގުޅިގެން އެޑިޓާޒް ގިލްޑުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ ލިބޭ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު އެ މައުލޫމާތެއް ރިޕޯޓުކުރުމުގެ ހައްގު ނޫސްވެރިޔާއަށް އޮންނާނެ ކަމަށެވެ.

ހަމައެއާއެކު ރިޕޯޓު ކުރުމުގައި އެ މަސްދަރަކުން ލިބުނު މައުލޫމާތުން ހާމަކުރާނެ މިންވަރު ކަނޑައެޅުމުގައި ނޫސްވެރިޔާ ސަމާލުވާން ޖެހޭ ކަންކަން ރާއްޖޭގެ ނޫސްވެރިން އަމަލުކުރާ މިންގަނޑުތަކުގައި ހުންނާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެ ގިލްޑުން ބުނީ ކޮމިޓީތަކުގައި ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށާއި އިއްޔެ ކޮމިޓީއާ ގުޅިގެން މިޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ޚަބަރުގައި ގައުމީ މަސްލަތަށް އުނިކަމެއް އަތުވެދާނެ އެއްވެސް ވާހަކައެއް ހުރި ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމަކީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ކޮމިޓީއެކެވެ.

comment ކޮމެންޓް