އެއްގަމު އުޅަނދުތަކުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކަށް ފުލުހުން ފިޔަވަޅު އަޅަނީ

ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްގަމުގައި ދުއްވައި އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ގަވާއިދުގައިވާ ގޮތުގެ މަތިން ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެއްގަމުގައި ދުއްވައި އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ގަވާއިދާ އެއްގޮތަށް ބޭނުން ކުރުމަށް މިމަހުގެ 19 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގައި އިއުލާނުކޮށްފައެވެ.

ފުލުހުން ބުނީ އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރިވަމުންދާނެ ކަމަށެވެ. އެއަށްފަހު، އޮކްޓޯބަރު އެކަކުން ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ އެއްގަމުގައި ދުއްވައި އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެކުލަވައިލާފައިވާ "އެއްގަމުގައި ދުއްވައި އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު"ގެ އަށް ވަނަ މާއްދާ އާއި ނުވަ ވަނަ މާއްދާގައިވާ ފަދައިން ނޫންކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް