ސިއްރު ކޮމިޓީއެއްގެ ޚަބަރު ލިޔުމުން ނަގަން އަންގައިފި

ރައްޔިތުން މަޖިލިސް -- ސަން ފޮޓޯ

ސިއްރުކޮށްގެން ކުރިއަށް ގެންދިއަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ޚަބަރު ބައެއް ނޫސްތަކުން ލިޔުމުން އެ ޚަބަރުތައް ނަގަން މަޖިލީހުން އަންގައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ 26 ވަނަ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ބައްދަލުވުމުގެ އޯޑިއޯ ވަނީ މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ކުޑަ ވަގުތުކޮޅަކަށް ލައިވް ސްރީމް ކުރެވިފައެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މަޖިލީހުން ބުނެފައިވަނީ އެއީ ސިއްރު ކޮމިޓީ ބައްދަލުވުމެއްކަން އަންގާފައިވަނިކޮށް އެ އޯޑިއޯ އަޑު އެހުމަށްފަހު ބައެއް މީޑިއާތަކުން އެ ކޮމިޓީގައި ދެއްކި ވާހަކަތަކަށް ޚަބަރު ލިޔެފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްރު ކޮމިޓީގެ ސިއްރުކަން ހިފެހެއްޓުމަށް މި ދެންނެވި ކޮމިޓީއަށް ހަވާލާދީ ޝާއިރުކޮށްފައިވާ ލިޔުންތައް މީޑިއާއިން ނެގުމަށް ދަންނަވަން." ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ވެއެވެ.

އެ ކޮމިޓީގެ އެޖެންޑާގައި ވަނީ ދިވެހި ފުލުހުންގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރުމެވެ. ބައެއް މީޑިއާތަކުން ޚަބަރު ހެދީ އެ ކޮމެޓީގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަށެވެ.

comment ކޮމެންޓް