ކޮމީޑިއަން ރާޖޫ ޝްރިވާސްތަވް މަރުވެއްޖެ

ރާޖޫ ޝްރިވާސްތަވް: އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ހާޓް އެޓޭކެއް ޖެހިގެން -- ފޮޓޯ/ ސޯޝަލް މީޑިއާ

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ޝްރިވާސްތަވް، 58، މިއަދު މަރުވެއްޖެއެވެ.

ހިންދުސްތާން ޓައިމްސްގައިވާ ގޮތުން ރާޖޫ މަރުވީ މިއަދު ހެނދުނު 10:20ގައި އެއިމްސް ދިއްލީ ހޮސްޕިޓަލުގައެވެ.

އެ ނޫހުގައިވާ ގޮތުން ރާޖޫ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ކަސްރަތު ކުރަން ހުއްޓާ މެޔަށް ތަދެއް އެރުމުގެ ސަބަބުން މިދިޔަ އޮގަސްޓު މަހުގެ 10ގައެވެ. އޭރު އޭނާއަށް ޖެހުނީ ހާޓް އެޓޭކެއްކަން ފަހުން އެނގިފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

ރާޖޫ އެޑްމިޓު ކުރި ފަހުން މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އޭނާ އޮތީ ވެންޓިލޭޓަރުގައެވެ.

ދާދި ފަހުން އޭނާގެ ކޮއްކޮ ދީޕޫ ޝްރިވާސްތަވް ވަނީ ރާޖޫ ހޭ ނާރާ ނަމަވެސް އޭނާގެ ހާލު ރަނގަޅު ވަމުންދާ ކަމަށް ބުނެފައެވެ.

ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުތް ރާޖޫ އާންމުންގެ ތެރޭގައި މަގުބޫލުވީ ކޮމެޑީ ޝޯއެއް ކަމަށްވާ 'ދަ ގްރޭޓް އިންޑިއަން ލާފްޓާ ޗެލެންޖް'ގައި 2005 ވަނަ އަހަރު ބައިވެރިވުމުންނެވެ.

އޭނާ ވަނީ ބައެއް ހިންދީ ފިލްމުތަކުގެ ސަޕޯޓިން ރޯލްތައް ވެސް ކުޅެފައެވެ. އޭގެ ތެރޭގައި މޭނޭ ޕެޔާރު ކިޔާ، ބާޒީގަރު އަދި ބޮމްބޭ ޓު ގޯއާގެ ރީމޭކް ހިމެނެއެވެ. އަދި ރާޖޫ މަރުވި އިރު އޭނާ ހުރީ އުއްތަރަ ޕްރަދޭޝްގެ ފިލްމް ޑެވެލޮޕްމެންޓް ކައުންސިލްގެ ޗެއާމަންގެ މަގާމުގައެވެ.

ރާޖޫގެ އަންބަކާއި ދެ ދަރިން ދުނިޔޭގައި އެބަ ތިބިއެވެ.

comment ކޮމެންޓް