އޮސްކާސް 2023 އަށް އިންޑިއާގެ ހުށަހެޅުމަކީ ގުޖުރާތު ފިލްމެއް

އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑަށް އިންޓަނޭޝަނަލް ފީޗަރ ފިލްމު ކެޓަގަރީ އިން އިންޑިއާ އިން ހުށަހަޅަން ނިންމާފައިވަނީ ގުޖުރާތު ފިލްމެއް ކަމަށްވާ ޗެއްލޯ ޝޯ (ލާސްޓު ފިލްމު ޝޯ) އެވެ.

އިންޑިއާގެ ފިލްމު ފެޑެރޭޝަނުން މި ފިލްމު ހޮވާފައިވަނީ ގިނަ ބަޔަކު އުއްމީދު ކުރި ވިވޭކް އަގްނިހޯތުރީގެ 'ދަ ކަޝްމީރް ފައިލްސް' އާއި އެސްއެސް ރާޖްމޯލީގެ 'އާރްއާރްއާރް' ވައްޓާލުމަށްފަހުއެވެ. މި ދެ ފިލްމަކީ އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީގޮތުން ވެސް ބޮޑު ތަރުހީބެއް ލިބުނު ދެ ފިލްމެވެ.

މި ފިލްމު އޮސްކާސްއަށް ހުށަހަޅަން ފިލްމު ފެޑެރޭޝަނުން ނިންމުމާ ގުޅިގެން، ފިލްމުގެ ޑައިރެކްޓަރު ޕަން ނަލިން ބުނީ، މި ދުވަސް އަންނާނެ ކަމަށް ދުވަހަކުވެސް ހީ ނުކުރާ ކަމަށެވެ. އަދި މުޅި ދުނިޔޭންވެސް މި ފިލްމަށް ލޯބި ލިބިފައިވާއިރު އިންޑިއާގެ ސިނަމާތަކަށް މި ފިލްމު ފެންނާނެ ކަމަށް ހީ ނުކުރާ ކަމަށް ޑައިރެކްޓަރު ބުންޏެވެ. މި ފިލްމާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރު ބުނީ، އިންޑިއާ ދައްކުވައިދިނުމުގެ ފުރުސަތު މި ފިލްމަށް ލިބުނީތީ އުފާ ކުރާ ކަމަށެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކޮށްފައިވަނީ މިދިޔަ އަހަރު ޓްރިބެކާ ފިލްމު ފެސްޓިވަލްގައެވެ. އަދި، 66 ވަނަ ވަލަޑޮލިޑް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އިން ގޯލްޑަން ސްޕައިކް އެވޯޑު ވަނީ ހޯދާފައެވެ. ގިނަ ބައެއްގެ ލޯތްބާއި ކްރިޓިކުންގެ ލޯބި ހޯދާފައިވާ މި ފިލްމު އިންޑިއާގެ ސްކްރީނުގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ މަހު 14 ގައެވެ.

މިދިޔަ އަހަރުގެ އޮސްކާ އަށް ހޮވާފައިވަނީވެސް ތަފާތު ފިލްމެކެވެ. އެހެންނަމަވެސް، ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އިން ތަމަޅަ ފިލްމު 'ކޫޒަންގަލް' ޝޯޓް ލިސްޓު ނުވެ ވަނީ ކަޓާފައެވެ. އިންޑިއާގެ ފިލްމަކަށް މި ކެޓަގަރީ އިން މިހާތަނަށް އެވޯޑު ލިބިފައިނުވާއިރު ޓޮޕް ފައިވް އަށް ނޮމިނޭޓްވެފައިވަނީ 'މަދަރ އިންޑިއާ '(1958) އާއި 'ސަލާމް ބޮމްބޭ' (1989) އާއި ލަގާން (2001) އެވެ.

comment ކޮމެންޓް