ގަމުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ވަލު ތެރެއިން ފެނިއްޖެ

ގަމުން ގެއްލިގެން ހޯދަމުން ދިޔަ ޚަދީޖާ އަބްދުލް ރަހްމާން: މިއަދު ހެނދުނު އޭނާ ވަނީ ވަލުތެރެއިން ފެނިފަ -- ފޮޓޯ/ ސޯޝަލް މީޑިއާ

އިއްޔެ އިރުއޮއްސުނު ފަހުން ލ. ގަމުން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ އަންހެން މީހާ މިއަދު ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔަ މީހާއަކީ 85 އަހަރުގެ ގަން ތުނޑި، ރަތްފުސްގެ ޚަދީޖާ އަބްދުލް ރަހްމާނެވެ.

ގަމު ކައުންސިލުން ރޭ ބުނީ އެމީހާ ގެއްލިގެން ހޯދަން ފަށާފައިވަނީ އިއްޔެ ހަވީރު އިރުއޮއްސި 6:30އިން ފެށިގެން ކަމަށެވެ. އިއްޔެ ހަވީރު ވެސް ޚަދީޖާ ގޭގައި އުޅުނުކަމަށް އާއިލާއިން ބުނިކަމަށާއި އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ މިއަދު "ސަން"އަށް ވިދާޅުވީ މިއަދު ހެނދުނު 6:15ހާއިރު އެމީހާ ފެނިފައިވާ ކަމަށެވެ.

"އޭނާ ފެނިފައިވަނީ ވަލުތެރެއިން. ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައިވާ ސަރަހައްދުގައި ހުރި ޑަސްބިންތަކެއްގެ ކައިރިން،" އޭނާ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވީ ޚަދީޖާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެމީހާއަކީ އުމުރުން ދުވަސްވީ ބަލި މީހެއް ކަމުން ޚަދީޖާ ހުރީ ވަރުބަލިވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ފެނުމާއެކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ޒަކީ ވިދާޅުވިއެވެ.

ޚަދީޖާ ހޯދުމަށްޓަކައި ފުލުހުންނާއި އެމްއެންޑީއެފްއިން އިއްޔެ އިރުއޮއްސުނު އިރުން ފެށިގެން ކުރި މަސައްކަތުގައި ގަމުގެ ރައްޔިތުން ދިން އެއްބާރުލުން ޒަކީ ފާހަގަކުރެއްވިއެވެ.

ދާދި ފަހުން ގދ. ތިނަދޫން ވެސް އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދާފައިވެއެވެ. ރަށު ރައްޔިތުން ނުކުމެ އޭނާ ހޯދުމުގެ މަަސައްކަތް ކުރިތާ އެތައް އިރެއްފަހުން އޭނާ ފެނުނީ ފަޅު ގެއަކަށް ވެއްޓިފައި އޮއްވައެވެ.

އޭނާއަށް ވަގުތުން އައިސީޔޫގައި ފަރުވާދިން ނަމަވެސް ދެ ދުވަސް ފަހުން ނިޔާވީއެވެ.

comment ކޮމެންޓް