"މިޝްޔާ... މީ އަހަންނޭ. ނާޒިލް" ނާޒިލް އެހެން ބުނެލުމާއެކު މިޝްޔާއަށް އޭނާގެ ދެލޯ ހުޅުވައިލެވުނެވެ. އެއާއެކު ކުއްލިއަކަށް އޭނާ ނާޒިލްއާ ދުރުވެލިއެވެ. އެއަށްފަހު އޭނާ ނާޒިލްގެ މޫނަށް ބަަލައިލިއެވެ.

ހިނދުކޮޅަކަށް ހުއްޓުން އަރާފައި އިން މިޝްޔާއަށް އެވަގުތު ގެންނާނެ ހަރަކާތެއްވެސް ނޭނގުނެވެ. އެހެން އިންދާ ނާޒިލް އަނެއްކާވެސް މިޝްޔާއަށް ގޮވައިލިއެވެ. ހަމަބިމަށް އާދެވުނު މީހަކު ފަދައިން މިޝްޔާ އާއެކޭ ބުނެލުމަށްފަހު, ނާޒިލްއަށް ބަލައިލެވުމާއެކު އޭނާއަށް ދެންމެ ކަންތައް ކުރެވުނު ގޮތް ސިފަވެ، ލަދުވެތިކަމުގެ ފަރުދާއެއް އޭނާގެ މުޅި ހަށިގަނޑު ހިސާރުކުރިފަދަ އިޙްސާސްއެއް އޭނާއަށް ކުރެވިގެން ދިޔައެވެ. ދެ ކޯތާފަތަށް ކޮންމެވެސް ވަރަކަށް ޖަންބުކުލައެއް ވެރިވެގެން ދިޔުމާއެކު އޭނާއަށް އިސްޖަހައިލެވުނީ ނާޒިލްގެ އަޅިކުލައިގެ ލޮލަށް ބަލަން ނުކުޅަދާނަވީ ފަދައަކުންނެވެ. މިޝްޔާއަށް ވީ ގޮތް ފެނި ނާޒިލްގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

"އާރ ޔޫ އޯކޭ؟" މިޝްޔާއަށް ފެންތަށި ދިއްކޮށްލަމުން ނާޒިލް ސުވާލުކޮށްލުމާއެކު، މިޝްޔާއަށް ދެންމެ ވީ ކަންތައް ހަނދާންވުމާއެކު، އޭނާގެ ހަށިގަނޑު އެކީ ފިނިވެގެން ދިޔައެވެ.

"މިޝްޔާ..." ނާޒިލް މިޥްޔާއަށް ގޮވައިލަމުން ފެންތައްޓަށް އިޝާރާތް ކޮށްލުމާއެކު، މިޝްޔާ ފެންތަށީގައި ހިފި ވަގުތު ދެމީހުންގެ އަތްތިލަ ބީހިލިއެވެ. ފެންތަށިން އެތި ފޮދެއް ބޮއިލަމުން، މިޝްޔާ އިސްޖަހާލައިގެން އިންނަން ފެށުމުން ނާޒިލް ސުވާލުކޮށްލިއެވެ.

"އެއީ ކާކުކަން މިޝްޔާއަށް އަހަރެން ގާތު ބުނެލަދެވޭނެތަ؟" ނާޒިލް ސުވާލުކޮށްލީ އެތައް އިރެއްވީފަހުން ދެ ވިސްނުމެއްގައި އިން މީހެއް ފަދައަކުންނެވެ. އޭނާ މަސައްކަތް ކުރީ އެ ސުވާލު މިޝްޔާއާ ނުކުރަން ކަމަށް ވީނަމަވެސް، އެކަމަށް އޭނާގެ ޒަމީރު މަޖުބޫރުކުރީއެވެ.

"އެއީ އަހަރެން... އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލި މީހާ... އޭނަ..." މިޝްޔާ އެ ހިސާބަށް ބުނެފައި ހުއްޓައިލިއެވެ. އެއަށްފަހު، އޭނާ ނާޒިލްގެ ދެލޮލަށް ބަލައިލުމަށްފަހު، އަނެއްކާވެސް ނަޒަރު ވަކިކޮށްލިއެވެ. އަތުގައި އޮތް ފެންތައްޓަށް ބާރުކޮށްލުމަށްފަހު، މިޝްޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.

"އޭނަ...؟" ނާޒިލްއަށް މަޑުޖެހެވުނެވެ. މިޝްޔާއަށް މަޖުބޫރުކުރުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑިން އޭނާއަށް އެ ސުވާލުތައް ކުރުމަށް މަޖުބޫރުކުރުވަނީ ކޮންމެވެސް ސަބަބެއް އޮތީމައެވެ.

"ހީ ރޭޕްޑް މީ....ނޮޓް ވަންސް... ބައިވަރު ބައިވަރު ފަހަރު..." މިޝްޔާއަށް ގިސްލެވެން ފެށުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ދެއަތުން މޫނު ފޮރުވައިލުމަށްފަހު، ރޯން ފެށިގޮތުން ނާޒިލްވެސް ކަންބޮޑުވިއެވެ. މިޝްޔާއަށް ދިމާވެފައިވަނީ އޭނާ ޝައްކުކުރި ފަދަ ކަމެއްކަމުގައި އެނގުމުން އޭނާއަށް އެވަގުތު ބުނާނެ އެއްޗެއް ނޭނގުނެވެ.

"އަނެއްކާވެސް އެ އައީ..." މިޝްޔާ ރޮމުން ބުނެލިއެވެ.

"އާނައަށް ދެން މިޝްޔާއަކަށް އެއްވެސް ކަމެއް ނުކުރެވޭނެޔޭ... މިޝްޔާ ދޮންބެވެސް މިޝްޔާ ކައިރީގައި އެ ހުރީނު..." ނާޒިލް ބުނެލިއެވެ. އޭނާ ބޭނުންވީ މިޝްޔާއަށް ކޮންމެވެސް ކަހަލަ ތަސައްލީއެއް ދިނުމަށެވެ.

"ކުރިންވެސް އެންމެން ތިބި..." މިޝްޔާއަށް ބުނެވުނެވެ. އެ ދުވަސްތަކުގެ ހަނދާންތައް އޭނާގެ ސިކުނޑިއަށް ވެރިވާން ފެށުމާއެކު އޭނާއަށް އުނދަގޫވިއެވެ.

"މިޝްޔާ..." ނާޒިލް މިޝްޔާއަށް ގޮވައިލިއެވެ. ނާޒިލް އެތަކެއް ވާހަކަތަކެއް ދެއްކިފަހުން މިޝްޔާ ހަމައަކަށް އެޅުނެވެ. ރުއިން ހުއްޓުނު ނަމަވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ.

ނާޒިލްގެ ފޯނު ރިންގްވީވެސް އެވަގުތެވެ. ގުޅީ މާކިންއެވެ.

"މިޝޫ ފޯނެއް ނުނަގާ. އަހަރެން މި އިނީ ތިރީގަ. ބުނޭ އަންނާށޭ..." މާކިން ބުނެލިއެވެ، ނާޒިލް މާކިން ބުނި ގޮތަށް މިޝްޔާގެ ގާތުގައި ބުނެލިއެވެ. މިޝްޔާ އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން މޫނުމަތި އަތުން ފުހެލިއެވެ. ނާޒިލް ޓިޝޫ ފޮށި ދިއްކޮށްލުމުން މިޝްޔާ ޓިޝޫއެއް ނަގާ މޫނުމަތި ރީތިކޮށްލިއެވެ. އޭރު އޭނާގެ ދެލޯ ވަނީ އާދަޔާ ޚިލާފަށް ރަތްވެފައެވެ.

"އަހަރެން ދާނަން. ހިނގާ..." ނާޒިލް އެހެން ބުނެލުމަށްފަހު، ތެދުވެލިއެވެ. މިޝްޔާވެސް ސޯފާއިން ތެދުވެ ހިނގައިގަތް ނަމަވެސް، އޭނާގެ ސިކުނޑީގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. ވެވުނު ޒަޖުބާތުގައި އޭނާއަށް އޭނާގެ ޙަޔާތުގެ އެންމެ ހިތްދަތި ސަފުހާ ނާޒިލްގެ ކުރިމަތީގައި ހާމަކުރެވިއްޖެއެވެ. އެ ގޮތަށް ކަންތައް ކުރެވުމަކީ ރަނގަޅުކަމެއް ބާއޭ މިޝްޔާގެ ހިތަށް އަރަމުން ދިޔައެވެ. ހިތް ބުނަނީ ނާޒިލްއަށް އިތުބާރުކުރުމަށެވެ. ނާޒިލްގެ ދެލޮލުން އޭނާއަށް ފެންނަނީ ތެދުވެރިކަމެވެ.

މިޝްޔާ ގޮވައިގެން ގޮސް ބޭރަށް ނުކުތްއިރު، މާކިން ކާރުގައި މަޑުކޮށްލައިގެން އޮތެވެ. އިސްޖަހާލައިގެން ހުރެ މިޝްޔާ ގޮސް ކާރަށް އަރާ އިށީނުމާއެކު މާކިން މިޝްޔާއަށް ބަލައިލިއެވެ. މިޝްޔާގެ މޫނުމަތީގެ ކުލަވަރުތައް އޭނާއަށް ދެނެގަނެވުނެވެ. މިޝްޔާ ރޮއިފައި ހުރިކަން އޭނާއަށް ސިއްރެއް ނުވިއެވެ. އަތުން ނާޒިލްއަށް ހަނާ އަޅައިލުމަށްފަހު، މާކިން އަދިވެސް އެއްފަހަރު މިޝްޔާއަށް ބަލައިލިއެވެ. އެކަމާ ބެހޭގޮތުން އޭނާ ސުވާލުނުކުރީ މިޝްޔާއަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ.

"ކިހިނެއް ސެޝަން؟" މާކިން ސުވާލުކޮށްލިއެވެ.

"އޯކޭ ހަމަ..." މިޝްޔާ މަޑުމަޑުން ބުނެލިއެވެ. އެ އަޑުގައިވަނީ އާދަޔާ ޚިލާފު މަޑުމައިތިރިކަމެކެވެ. މާކިން ނިންމީ ނާޒިލްއާ ފަހުން ވާހަކަ ދެއްކުމަށެވެ.

****

މައްޗަށް އެރުމަށްފަހު، އޭނާގެ ރޫމަށް ވަދެފއި ނާޒިލް މޭޒު ދޮށުގައި އިށީނުމާއެކު އޭނާގެ ޚިޔާލަށް އައީ މިޝްޔާ ކައިރީގައި ހުރި ފިރިހެންމީހާއެވެ. އެ ސޫރަ އޭނާއަށް އޮޅޭނީ ކިހިނަކުންހެއްޔެވެ؟ އެ މީހާ ފެނުނު ވަގުތު އޭނާގެ އެތެރެހަށީގައި ހިނގި އިޙްސާސްތައް އޭނާއަށް ފޮރުވައިލެވުނީ ކިރިޔާއެވެ. މިޝްޔާގެ ތުންފަތުގައި އިނގިލި ޖައްސާލައިގެން ހުރި މަންޒަރާ އެވަގުތު ނައިރާއަށް ވެފައިހުރި ގޮތް ސިފަވުމާއެކު ނާޒިލްއަށް އޭނާގެ ދެއަތް މުށްކެވުނެވެ. ގޮށް މުށްކަވާފައި މޭޒުގައި ޖަހައިލުމާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެތެރެ ހަށީގައި މީގެ ކުރިން ދައުރުނުވާފަދަ އިޙްސާސްތަކެއް ދައުރުވާން ފެށިއެވެ. ނާޒިލް ވިސްނަމުން ދިޔަ ވަރަކަށް އޭނާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ފޯނު ނަގާ އޭނާ ނަންބަރެއް ހޯދައިލުމަށްފަހު، ނާޒިލް ގުޅައިލިއެވެ.

"ހަލޯ..."

"ކީކޭ ދަރިފުޅާ..." ވާހަކަ ދެއްކީ ނާޒިލްގެ މަންމައެވެ.

"ހަމަ ހަނދާންވީ މަންމަ މަތިން..." ނާޒިލް ބުނެލިއެވެ. އޭނާ އިޙްސާސްތައް ހިންދައިލަން އެތައް މަސައްކަތެއް ކުރިނަމަވެސް، އެކަން ކުރަން ވީ އުނދަގޫ ކަމަކަށެވެ.

"ހާދަ ކަންބޮޑުވެފައިއިންހެން ހީވެޔޭ. ކަމެއްވީތަ އަނެއްކާ؟" ނާޒިލްގެ އަޑުގައި ހުރި ކަންބޮޑުވުން އޭނާގެ މަންމަ ހައިފާއަށް ވެސް ފަހުމްވިއެވެ.

"ނޫނޭ. ދެންމެ ވަރަށް ބަލި މީހަކު އައީ. އޭނަ ފެނުނީމަ ހަމަ މަންމަ މަތިން ހަނދާންވީއޭ.." ނާޒިލް ދޮގު ހެދިއެވެ. އޭނާ ކުޑަކަމެއް ޖެހިއްޖެކަމުގައި ބުނެ ފޯނު ބޭއްވި ނަމަވެސް،. ހައިފާއަށް ނާޒިލްއަށް ކޮންމެވެސް ކަމެއްވެއްޖެކަން ޔަޤީން ކުރެވުނެވެ. ނާޒިލް ފުންނޭވާއެއް ދޫކޮށްލީ އެތެރޭގައި ވީ އުދާސްކަން ކުޑަކޮށްލުމުގެ ބޭނުމުގައެވެ. މަންމައާ އެވާހަކަ ހިއްސާކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނޭ ނާޒިލްގެ ހިތް ބުނެލިއެވެ. އެ ވާހަކަ އޭނާ ސިއްރުކުރީވެސް އެހެންވެގެންނެވެ. އެމީހަކަށް ނާޒިލް ވަކިކުރަން ނޭނގުނީބާއޭ ވެސް ނާޒިލްގެ ހިތަށް އެރިއެވެ. އެހެންވާނީ ކިހިނެއްހެއްޔެވެ؟

"ޑޮކްޓަރ. އިޓްސް އެން އެމަރޖެންސީ..." ނާޒިލް އެހެން އިންދާ ނަރުސް ކުއްޖަކު އައިސް އެހެން ބުނުމާއެކު ނާޒިލްއަށް އެމަރޖެންސީބަޔަށް ދާން ޖެހުނެވެ. އޭނާ ތިރިއަށް ގޮސް އެމަރޖެންސީއަށް ވަތްއިރު، މިޝްޔާގެ ކައިރީގައި އޭރު ހުރި ފިރިހެންމީހާ ނާޒިލްއަށް ބަލަހައްޓައިގެން ހުއްޓެވެ. އެމީހަކު ހުރި ގޮތުން އޭނާ އެހުރީ ފުން ވިސްނުމަކަށް ގެއްލިފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެމީހާ ދުރަށް ހިނގައިގަތީ އެތައް އިރަކު އެތަނުގައި ހުރެފައެވެ.

****

ގެއަށް ގޮސް ސިޑިން އަރަމުން މާކިން މިޝްޔާއާ ވާހަކަ ދެއްކިއެވެ.

"ވަރަށް ޓަޔަރޑް ވެފަ ދޯ ތިހުރީ. ދެން ގޮސް އަރާމުކޮށްލާ އިނގޭ... ބޭސް ކައިގެން ނިދާނީ..." މާކިން މިޝްޔާއަށް ހަނދާންކޮށްލަދިނީ، މިޝްޔާ ކާން ވެސް ބޭނުންނުވާކަމަށް ބުނުމުންނެވެ. މިޝްޔާ ކޮޓަރިއަށް ވަނުމުން މާކިންވެސް ގޮސް އޭނާގެ ކޮޓަރިއަށް ވަދެލިއެވެ.

ނިދަން ލާ އެއްޗެހި ބަދަލުކޮށްގެން، ބޭސް ކެއުމަށްފަހު މިޝްޔާ އައިސް އެނދުގައި އޮށޯވެލިއެވެ. މިޝްޔާގެ ޚިޔާލުގައިވަނީ އަދިވެސް މިއަދު އެ ހިނގި ހާދިސާއެވެ. އޭނާއަށް ހީވަނީ ހަމަދެންމެ ދެންމެއަކު އެމީހަކު އޭނާގެ ކައިރިއަށް އަތުވެދާނެހެންނެވެ. ދެލޮލަށް ނިދި ބަރުވާން ފެށުމުންވެސް މިޝްޔާއަށް ދެލޯ ބޮޑުކޮށްހުޅުވައިލެވުނީ އެ ހަނދާންވާން ފެށުމުންނެވެ.

*****

ފަސް އަހަރު ކުރި

އަރާމު ނިންޖެއްގައި އޮތް މިޝްޔާގެ ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑު މަޑުމަޑުން ތިރިއަށް ސޮހިގެން ދާން ފެށުމާއެކު، މިޝްޔާ އޭނާގެ ދެ އަތުން ރަޖާގަނޑު މައްޗަށް ނެގިއެވެ. ދެވަނަ ފަހަރުވެސް ރަޖާގަނޑު ތިރިއަށް ދާން ފެށުމުން އޭނާ އޭގައި ބާރަށް ހިފައްޓައިލިއެވެ. ހީވަނީ ކޮންމެވެސް މީހަކު ރަޖާގަނޑުގައި ހިފާ ދަމަނީހެންނެވެ. ރަޖާގަނޑު އެކީ ތިރިއަށް ދޫވެގެން ދިޔަވަގުތު ކުޑަކޮށް ދެބަދޭތެރޭގައި އޮވެ ދެލޯ ހުޅުވައިލުމަށްފަހު، ވެސް ނިދިބަރުވެފައިހުރި ވަރުން މިޝްޔާ އެ އޮތް ގޮތަށް އޮތީއެވެ. ބަނޑާ ދިމާލުން ހިއްލިފައިވާ ޓީޝާޓާ ދިމާލުން މީހެއްގެ އަތުގެ ބީހިލުން މިޝްޔާއަށް ކުޑަވަގުތުކޮޅަކަށް އިޙްސާސް ކުރެވުނުހެން ހީޥިއެވެ. މަޑުމަޑުން އެ އަތް ތިރިވަމުން ގޮސް އޭނާގެ ފޫޅާ ދިމާލަށްވެސް ހަމަ އެ ބީހިލުން އޭނާއަށް އިޙްސާސްކުރެވުނެވެ. ހީވަނީ މީހަކު އަތްލަމުން ދިޔަ ހެންނެވެ. އެ މީހަކު މާތިރިއަށް އަތްލާން ފެށުމުން މިޝްޔާއަށް އަތް ފޮޅުވައިލެވުނެވެ. އިރުކޮޅެއްފަހުން ހަމަ އެ އަމަލު ތަކުރާުވާން ފެށުމުން އޭނާއަށް ހޭލެވެން ފެށިއެވެ. މަޑުމަޑުން ދެލޯ ހުޅުވައިލުމާއެކު، މިޝްޔާ ތެދުވެ ބަލައިލިއެވެ. ނިދާ ބޮކީގެ ފަނޑު އަލި ކަމުގެ ތެރެއިން މިޝްޔާއަށް ފެނުނީ ފިރިހެނެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު