''އިންޑިއާ އައުޓް'' ހަރަކާތް ޖިނާއީ ކުށަކަށް ހަދާ ބިލު ކޮމިޓީއަށް

އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ

''އިންޑިއާ އައުޓް" ހަރަކާތްތަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ފަރުމާކޮށްފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 44 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ނިހާދެވެ.

އެ ބިލް ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި، ރައްކާތެރިކަމާއި، އަޚްލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ މަސްލަހަތައް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށް ބިލުގައިވެއެވެ.

ރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް ނުވަތަ އެފަދަ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް ކުރާ ހަތް އަމަލަކީ ގާނޫނީ ކުށްތަކުގެ ގޮތުގައި އެ ބިލްގައިވަނީ ކަނޑައަޅާފައެވެ.

އެ ކުށްތަކަކީ:

  • އެހެން ގައުމެއްގެ ދިދައަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުން.
  • ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމެއްގެ ރައްޔިތަކަށް ނުވަތަ އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން.
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަ ކުރުމުގެ ގޮތުން އޭނާގެ ދީނީ ނުވަތަ ސަގާފީ އާދަކާދަތަކާ މެދު ނަފުރަތު އުފެއްދުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން.
  • އެހެން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާ މެދު ނަފްރަތު އުފެދިދާނެ އަދި އެކަމުގެ ސަބަބުން އެފަދަ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކަލެއް ނުވަތަ ދަތިތަކެއް ކުރިމަތިވެދާނެ ފަދަ އަމަލެއް ކުުރުމާއި އެފަދަ އަމަލެއް ކުރަން އުޅުން.
  • އެހެން ގައުމަކާ މެދު ނުވަތަ އެހެން ގައުމެއްގެ ރައްޔިތުންނާ މެދު އާންމުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނަފްރަތާއި ރުޅިވެރިކަން އުފެދިދާނެ ފަދަ ލިޔެކިޔުން، ފޮޓޯ، ވީޑިއޯ ނުވަތަ އޯޑިއޯ އާންމުކުރުން

މިދިޔަ އޭޕްރިލް މަހުގެ 21ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ގަރާރެއްގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ހަރަކާތަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.

ޚާރިޖީ މަސްލަހަތާ ގުޅުން ހުރި ބިލުގެ އިތުރުން މިއަދު މަޖިލީހުން ވަނީ ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ވެސް ބަލައިގެންފައެވެ.

އެ ބިލު ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް އެއް މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ސަރުކާރުން މިނިމަމް ވޭޖެއް ކަނޑައަޅާ، އަދަދުތައް ހާމަކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިނިމަމް ވޭޖް ވަނީ ދޭން ފަށާފައެވެ.

މިނިމަމް ވޭޖް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުމުގެ ގަވައިދު ކަނޑައެޅުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ދޭން ނިންމާފައެވެ.

https://sun.mv/167975

ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށެވެ.

އެބިލުގެ އިތުރުން، ސްޓެކްލޯ އަދި ފެނަކަ ކޯޕަރޭޝަނުން ކަރަންޓު ޚިދުމަތް ދެމުންދާ ރަށްރަށާއި މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލް ކުރަމުންދާ ރޭޓާއި ބޭންޑް ކުރުމުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރުވެސް މިއަދު ވަނީ ކޮމީޓީއަށް ފޮނުވާފައެވެ.

އެ ގަރާރު ދިރާސާ ކުރުމަށް އެސްއޯއީ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރު ހުށަހަޅުއްވާފައި ވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާނެވެ. އެ ގަރާރުގައި ބުނީ ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ އއ، އދ، ވ އަދި ކ އަތޮޅުގެ ރަށްތަކާ އަދި ފެނަކަ ކޯޕަރޭޝަން އިން ހިދުމަތްދޭ ރަށްރަށުގައި ވިޔަފާރިތަކަށް ބިލް ކުރަމުން ގެންދާ ރޭޓްތައް ބޮޑު ކަމަށެވެ.

https://sun.mv/167930

މާލެއާ ރަށްރަށުގެ ވިޔަފާރިތަކަށް ބިލް ކުރުމުގައި ގެންގުޅޭ ތަފާތު ކުރުންތަކުގެ ސަބަބުން ކުދި ވިޔަފާރި ވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.

އެ ގަރާރު ބަލައިގަތް ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ ރާއްޖޭގެ އެތެރޭގައި ދައުރުވާނެ ގޮތެއް ހެދުމަށް ގޮވާލާ ގަރާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

https://sun.mv/167978

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ ގަރާރު ބޭރުކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް