ނަބީހުގެ ކިޔެވުން އަޑުއަހައި ސައުދީގެ ބޭފުޅުން ވެސް އާޝޯޚުވެއްޖެ

އަލްހާފިޒް އަހްމަދު ނަބީހު، ސައުދީގެ ބޭފުޅަކާއެކު: އޭނާގެ ކިޔެވުން އަޑުއިވި އެބޭފުޅުން ވެސް ވަނީ އާޝޯޚު ވެފައި-- ފޮޓޯ: އައިމިނަތު މުހައްމަދު

އަލްހާފިޒް އަޙްމަދު ނަބީހުގެ ޤުރުއާން ކިޔެވުމާއި ބަންގި ގޮވުން އަޑު އެހުމަށްފަހު ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ބޭފުޅުން އާޝޯޚުވެ، ނަބީހުއަށް ހިތްވަރުދީ ތައުރީފު ކޮށްފިއެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް، 42 ވަނަ ކިންގް ޢަބްދުލް ޢަޒީޒް އިންޓަނޭޝަނަލް މުބާތުގައި ރާއްޖެ ތަމްސީލުކޮށް ނަބީހު ވަނީ ފައިނަލްބުރުގައި ވެސް ކިޔަވާފައެވެ. އަދި އެ ބުރުގެ ނަތީޖާ ފާޅެއް ނުކުރެއެވެ.

https://sun.mv/168308

'ސަން' އާ މިއަދު ވާހަކަދައްކަމުން ނަބީހުގެ މަންމަ އައިމިނަތު މުޙައްމަދު ބުނީ ނަބީހުގެ ކިޔެވުން އަޑު އެހުމަށް ފަހު ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ނަބީހު ވަކިން ގެންގޮސް ބައްދަލުކޮށްފައިވާ ކަމަށެވެ.

އައިމިނަތު ބުނީ ސްޓޫޑިއޯއަކަށް ގެންގޮސް ނަބީހުގެ ކިޔެވުން އެބޭފުޅުން ރެކޯޑްވެސް ކުރި ކަމަށެވެ. އެކި ގާރީވެރިންގެ ރާގުތަކަށް ނަބީހު ކިޔަވާތަން ފެނި އެބޭފުޅުން އަޖައިބުވެގެން އެވާހަކަ ދެއްކި ކަމަށް އައިމިނަތު ބުންޏެވެ.

"އެ ބޭފުޅުން ތިބީ ނަބީހުގެ ކިޔެވުން އަޑު އިވުމަށްފަހު އަޖައިބުވެފައި. ގާރީވެރިންނާ އެއްވެސް ތަފާތެއް ކިޔެވުމުގައި ނެތް ކަމަށް ބުނި." އައިމަތު ބުންޏެވެ.

ނަބީހު އޭނާގެ ބައްޕަ އާއި މަންމައާއެކު---- ސަން ފޮޓޯ

އައިމިނަތު ބުނީ ނަބީހުގެ ޤުރުއާން ކިޔެވުމުގެ އިތުރުން ބަންގި ގޮވާ އަޑު ވެސް ރިކޯޑްކުރި ކަމަށެވެ. އެގޮވުން ވަރަށް ރީތި ވެގެން ތައުރީފު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

"ނަބީހު އަކީ ބަންގި ވެސް ގޮވާ ކުއްޖެއްކަން އެނގުމުން ނަބީހު ލައްވާ ބަންގި ގޮވައި ރިކޯޑް ކުރި. ބުނީ ހަމަ ހީވަނީ ޙަރަމުން ބަންގި ގޮވާހެން ކަމަށް." އުފަލުން ހުރި ނަބީހުގެ މަންމަ އައިމިނަތު ބުންޏެވެ.

ސަތޭކަ އެގާރަ ޤައުމަކުން 153 ބައިވެރިން ބައިވެރިވި އެ މުބާރާތުގައި ދެ ދިވެހީން ކިޔަވާފައިވާއިރު ފައިނަލް ބުރަށް ހޮވުނީ ނަބީހު އެކަންޏެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް އިލްޔާސް ޖަމާލް 'ސަން'އަށް ވިދާޅުވީ ފަހުގެ ތާރީޚެއްގައި އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ތަމްސީލުކޮށް ކިޔެވި ހަމައެކަނި ބައިވެރިއަކީ ނަބީހު އެކަނި ކަމަށެވެ.

ނަބީހު ވަނީ ޔޫއޭއީގައި ކުރިއަށްދިޔަ މި އަހަރުގެ ދުބާއީ އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ވެސް ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށްފައެވެ.

https://sun.mv/163874

ސިވިއާ އޯޓިޒަމްގެ ސަބަބުން ސާފުވާނޭހެން ރީއްޗަށް ވާހަކަ ދައްކަން ނޭނގުނު ނަމަވެސް އޭނާ ދަނީ މުޅި ގައުމު ފަޚުރުވެރި ކޮށްދެމުންނެވެ. ނަބީހުގެ މި ކާމިޔާބީތަކުގެ ފަހަތުގައި ވަނީ ވަރުގަދަ ހީރޯއެކެެވެ. އެއީ ނަބީހުގެ މަންމަ އައިމިނަތު މުހައްމަދު އެވެ. ވަރަށް ކުޑައިރު އޭނާ ވަނީ ކީރިތި ޤުރުއާން ހިތުދަސް ވެސް ކޮށްފައެވެ.

comment ކޮމެންޓް