އަމީނީމަގުގައި ހުރި ގަސްތައް ކުޑަގިރިއަށް ގެންދަނީ

އަމީނީމަގުގައި ހުރި ގަހެއްގެ ގޮފިތައް ކަނޑަނީ --- ފޮޓޯ/ ލަވޭރާ ޕިއްޒާ

އަމީނީމަގުގައި ހުރި ގަސްތައް ނަގައި މާލެ ސަރަހަދަށް ޚާއްސަކޮށްގެން ތައްޔާރުކުރި ޕިކްނިކް އައިލެންޑް، ކުޑަގިރިއަށް ގެންދަން ނިންމައިފިއެވެ.

އަމީނީ މަގުގައި ހުރި ގަހެއްގެ ގޮފިތައް ކަނޑާ ވީޑިއޯއެއް މީސް މީޑިއާގައި މިއަދު އާންމުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. އެކަމާ ގުޅޭގޮތުން އާރްޑީސީން ނެރުނު ބަޔާނެއްގައި ވަނީ އަމީނީމަގުގައި ހުރި ގަސްތައް ކެނޑުމުގެ ދަލުގައި ގަސްތައް ނަގައިގެން ކުޑަގިރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ގަސްތައް ނެގުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެ މަގުގައި ވަޅުލާފައިހުރި އެއްވެސް ކޭބަލަކަށް ގެއްލުންނުވާނެ ގޮތަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އާރްޑީސީން ބުނީ އަމީނީމަގުގެ މަސައްކަތް ނިމޭއިރު އެމަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެންހުރި ތަންތަނުގައި ގަސް އިންދާނެ ކަމަށެވެ. އަދި އަމީނީމަގު އިތުރަށް ފެހިކުރުމަށްޓަކައި ޓްރީޕޮޓް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އަމީނީމަގުގައި ހުރި ގަހެއްގެ ގޮފިތައް ކަނޑާފައި --- ފޮޓޯ/ ލަވޭރާ ޕިއްޒާ

އާރުޑީސީން ބުނީ، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނީ، އެމަގުގައި ހުރި ބޮޑެތި ގަސްތައް ނަގައިގެންކަމަށެވެ. އަމީނީމަގުގައި ހުރި ގަސްތައް ނަގައި އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަން ޖެހުނީ އެކަން އެގޮތަށް ނުކޮށް އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނޭތީކަމަށް ވެސް އާރުޑީސީން ބުންޏެވެ.

އަމީނީމަގުގައި ހުރި ގަސްތައް ބަހައްޓައިގެން އެމަގުގެ މުޅި ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ގޮންޖެހުންތައް ހުރިއިރު، އެމަގުގައި ވަޅުލާފައިވާ ހޮޅިތަކާއި އެހެނިހެން ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަސަރު މިހާރުވެސް ވަރަށްބޮޑަށް ކޮށްފައިވާކަމަށް އާރުޑީސީން ބުނެއެވެ.

އަމީނީމަގަކީ މާލޭގެ ބޮޑެތި މަގުތަކުގެ ތެރެއިން އެންމެ ގިނަ ގަސް ހައްދާފައިވާއެއް މަގެވެ. އެ މަގުގައި ހުރި ގަސްތަކަށް މިހާރު ވިއްސަކަށް އަހަރު ވެދާނެއެވެ. ސްކޫލްތައް އެ މަގުގައި ހުރުމުން ގަސްތަކުގެ މުހިއްމުކަން ކިތަންމެހާވެސް ބޮޑުކަމަށް ސޯޝަލް މީޑިއާގައި ބައެއް އާންމުން ޝުއޫރުފާޅުކޮށްފައިވެއެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާގޮތަށެވެ.

comment ކޮމެންޓް