އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބޭއްވުމަށް ތާއީދެއް ނޫން: އަފްޝަން

އެލްޖީއޭގެ ސީއީއޯ، އަފްޝަން ލަތީފް -- ފޮޓޯ/ ރައީސް އޮފީސް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ބަދަލުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް ލޯކަލް ގަވާންމެންޓް އޮތޯރިޓީ، (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުނުް ހިންގުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންތައް އަވަސް އަވަހަށް ބާއްވަން ޖެހުމުގެ ސަބަބުން އިލެކްޝަން ކޮމިޝަނަށް ދިމާވާ ފައިސާގެ ދަތިކަމާއި އިންތިޒާމުގެ ދަތިކަން ހައްލުކުރުމަށެވެ.

އެ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި އެލްޖީއޭއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އަފްޝަން ވިދާޅުވީ އަހަރަކު އެއްފަހަރު ބައި އިލެކްޝަންތައް ބޭއްވުމަކީ ޑިމޮކްރެސީއާ އަހުލުވެރިގޮތެއް ނޫން ކަމަށެވެ. އެކަމަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިއިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ އިސްލާހަށް އަފްޝަން ވަނީ ތާއީދު ކުރައްވައިފައެވެ.

ބައި އިލެކްޝަންތައް އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަކީ ވަރަށް ޚަރަދުބޮޑު ކަމެއްކަން ގަބޫލު ކުރައްވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން އެގޮތަށް ދިމާވަނީ އެ ކޮމިޝަނުން އިންތިޚާބުތައް ބާއްވަންޖެހޭ ނަމަ ސެކިއުރިޓީގެ ވަކި ފީޗާސްތަކަކާއެކު ބާއްވަން ޖެހޭތީ ކަމަށެވެ.

އަފްޝަން ވިދާޅުވީ ބައި އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން ބާއްވަމުންދާ ނަމަ އެފަދަ ސެކިއުރިޓީ މިންގަނޑުތައް ހިފަހައްޓަން ނުޖެހޭނެ ކަމަށެވެ. އޭގެ ސަބަބުން އިލެކްޝަނުން އެކަމަށް ކުރަންޖެހޭ ޚަރަދުތައް ވެސް ވަރަށް ބޮޑުތަނުން ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ޝަފީޤް އެވެ.

އެ ބިލުގެ މަގްސަދެއް ކަމަށް ބުނެފައިވަނީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަން ބޭއްވުމުގައި މިހާރު ކަނޑައަޅާފައިވާ 60 ދުވަސް ބަދަލު ކުރުމެވެ.

އެގޮތުން 60 ދުވަހުގެ ބަދަލުގައި އެ ބައި އިލެކްޝަންތައް ދެން ބާއްވާނީ އެއިން ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ ތެރޭގައި ކަން ބިލުގައި ފާހަގަ ކޮށްފައިވެއެވެ.

ބިލުގައި ބަޔާން ކޮށްފައިވާ ގޮތުން ދެ ބައި އިލެކްޝަންގެ ދެމެދުގައި ހޭދަވާ މުއްދަތު 300 ދުވަހަށް ވުރެ މަދު ވެގެން ނުވާނެއެވެ.

ބައި އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބެނީ 1.5 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިދިޔަ މެއި މަސް ޖެހުނު އިރު ބައި އިލެކްޝަންތަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް