ފެނަކައިގެ ޑީއެމްޑީކަމުން އިބުރޭ އިސްތިއުފާދެއްވައިފި

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އިބްރާހިމް ވަހީދު (އިބުރޭ)-- ސަން ގްރެފިކްސް-- އަލީ ޝާހީން

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އިބްރާހިމް ވަހީދު (އިބުރޭ) އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

'ސަން' އާ ވާހަކަ ދައްކަވަމުން އިބުރޭ ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އިބުރޭ ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާ ވަނީ ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަން ކަން ކުރައްވާފައެވެ. އަދި ހަމަ އެ ސަރުކާރުގައި އޭނާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވާފައެވެ.

އޭނާ އަކީ އެމްޑީޕީ އުފައްދަން މަސައްކަތް ކުރީއްސުރެ އެ ޕާޓީގައި ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. ދެހާސް ފަސް ވަނަ އަހަރު އެ ޕާޓީ އުފައްދަން މަސައްކަތް ކުރި އިރުން ފެށިގެން މިހާތަނަށް ޕާޓީގެ އެކި މަގާމުތައް ވެސް އިބުރޭ ފުރުއްވާފައިވެއެވެ.

އެގޮތުން އިންތިޚާބު ކޮމިޓީގެ މުގައްރިރު ކަން 10 އަހަރު ކުރައްވާފައިވާއިރު އއ. ދާއިރާގެ ރައީސް ކަމުގެ އެއް ދައުރު، ނޮޅިވަރަމް ދާއިރާގެ ރައީސް ކަމުގައި ދެ ދައުރު އަދި މަތިއުތުރު ޕްރޮވިންސް ދާއިރާގެ ރައީސް ކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

މިހާރު އޭނާއަކީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންއެވެ. އިބުރޭ ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރައްވައިފައެވެ.

comment ކޮމެންޓް