ޗައިނާއިން މާލޭ ސިޓީ ކައުންސިލަށް 3،000 މަގު ބައްތި ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ސިޓީ ކައުންސިލް

ޗައިނާއިން މާލެ ސިޓީ ކައުންސިލަށް 3،000 މަގު ބައްތި ހަދިޔާކޮށްފިއެވެ.

ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ހަފްލާއެއްގައި ޗައިނާގެ ފަރާތުން ސިޓީ ކައުންސިލަށް މިތަކެތި ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީޖިންގްއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މަގު ބައްތިތަކާއި ހަވާލުވެވަޑައިގެންނެވީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެއަށް ފަހު ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ މި ލިބުނު އަގުހުރި ހަދިޔާގެ ސަބަބުން، ވަރަށް ޒަމާންވަންދެން ބަދަލުނުކުރެވިހުރި މާލެ އާއި ވިލިނގިލީގެ ހުރިހާ މަގު ބައްތިތައް، ޒަމާނަށްފެތޭ، އަލި ހެޔޮވަރު އަދި ކަރަންޓު ޚަރަދު ކުޑަ އެލްއީޑީ ލައިޓިންގްއަށް އެކީ ބަދަލުކުރެވިގެން ދާނެ ކަމަށެވެ.

ޗައިނާއިން ހަދިޔާ ކުރި މަގު ބައްތިތައް ހަރުކުރުމުގެ ތެރެއިން-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ސިޓީގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ސަފީރު ވާންގް އާ ރަސްމީ ހައިސިއްޔަތުން ބައްދަލުކުރުމަށް ލިބިގެންދިޔަ ފުރުޞަތުގައި، މާލޭ ސިޓީ ކައުންސިލުން ދެމުންދާ ޚިދްމަތްތަކާއި އަދާކުރަމުންދާ ޒިންމާތަކުގެ މައުލޫމާތު އެކަމަނާއަށް އަރުވާފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

‎އެގޮތުން، މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަ ވެގެންދާނެގޮތަށް ސިޓީ ކައުންސިލުން ދެމުންދާ މުނިސިޕަލް ޚިދްމަތްތައް ހަލުވިވެ، އިތުރަށް ފުޅާވެގެންދާނެ ބައެއް ކަންކަމުގެ ވާހަކަވެސް އެކަމަނާ އަރިހުގައި ދަންނަވާފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ނަތީޖާއަކީ، މިއަދު ޗައިނާއިން މި ހަދިޔާކުރާ މަގު ބައްތިތައް ހަމަޖެހިގެންދިއުން ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި މާލޭގެ އުމްރާނީ ތަރައްޤީއަށް އަދި ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމަށް އަބަދުވެސް ޗައިނާއިން ވެދެމުންދާ ދީލަތި އެހީތެރިކަމަށް ޗައިނާ ސަރުކާރަށް ވަނީ ޝުކުރު ދަންނަވާފައެވެ.

ޗައިނާ އެމްބަސީއަކީ މާލޭ ސިޓީ ކައުންސިލާ ވަރަށް ގާތް ގުޅުމެއް ބަހައްޓަމުންދާ، އަދި ކައުންސިލްގެ މަސައްކަތްތަކަށް އަބަދުވެސް ހިތްވަރާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތެއް ކަން މޭޔަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް