އަލަމްގީރުގެ މައްޗަށް އިތުރު 40 ދައުވާ އުފުލައިފި

ޕީޖީ ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައި ޕްރޮފައިލް ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރުގެ މައްޗަށް އިތުރު 40 ދައުވާއެއް އުފުލައިފިއެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ އަލަމް ގީރަށް ދައުވާކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ ދަށުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާކަމަށެވެ. ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމް ގީރުގެ މައްޗަށް މީގެކުރިން ކޮށްފައިވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެވެ.

އަލަމްގީރުގެ އިތުރުން މި މައްސަލައިގައި ހިމެނޭ ތިން ދިވެއްސެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ ޤާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުއެވެ.

މި މައްސަލައިގައި ހިމެނޭ ނާޒިމް ސައްތާރު އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އެއްބަސްވެ، ކުށަށް ތައުބާވެފައިވާތީވެ ކުރިމިނަލް ކޯޓުން ވަނީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފައެވެ.

ބަދުއަޚްލާގީ ވީޑިއޯތަކުގެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމް ގީރުއެވެ. އޭނައާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ ގިނައެވެ. އޭގެތެރޭގައި ސްކޫލްތަކުގެ ޓީޗަރުން ވެސް ހިމެނެއެވެ.

comment ކޮމެންޓް