14 ރަށެއްގައި ކުޑަކުދިންގެ ޕާކު ހެދުމަށް ތަކެތި ހާވަލުކޮށްފި

ކުޑަކުދިންގެ ޕާކު ތަރައްގީކުރަމަށް ބޭނުންވާ ސާމާނު ރަށްރަށާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށް 14 ރަށަކަށް ސާމާނު ހަވާލުކޮށްފިއެވެ.

މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ތަކެތި ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހަމަދު މަހުލޫފެވެ. އަދި ރަށްތަކުގެ ފަރާތުން ތަކެއްޗާއި ހަވާލުވީ އެ ރަށް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެވެ.

މިއަދު ތަކެތި ހަވާލުކޮށްފައިވަނީ ހދ. ނޭކުރެންދޫ، ށ. ކަނޑިތީމު، ށ. މާއުނގޫދޫ، ށ. ނަރުދޫ، ނ. މަގޫދޫ، ބ. ކަމަދޫ، ބ. ދަރަވަންދޫ، އއ. ބޮޑުފުޅަދޫ، ދ. ރިނބުދޫ، ދ. މީދޫ، ތ. ތިމަރަފުށި، ތ. ގާދިއްފުށި، ތ. ގުރައިދޫގެ އިތުރުން ލ. މުންޑޫއަށެވެ.

އެ ރަސްމިއްޔާތަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުންކަމަށެވެ.

ރަށްރަށަށް ފޮނުވުމަށް ހަމަޖެހިފައިވާ ޕާކު ތަރައްގީކުރާ ސާމާނު --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

"ރަށްރަށުގައި ކުޑަކުދިން ދާނެތަނެއް އަނެއްހެން ނެތް. އެހެންނަމަވެސް ރަށްރަށުގައި ބީޗާއި ގޮޑުދޮށްތަކާއި ތަންތަން އެބަ ހުރޭ ކުޅެލާ ހަދާލަން. އެކަމަކު ކުޑަކުދިންގެ ޕާކުތަކެއްގެ ގޮތުގައި ޕާކުތަކެއް ހެދިފައިހުރި ރަށްރަށް ވަރަށް މަދު،" މަހުލޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު އައިފަހުން 130 އަށް ވުރެ ގިނަ ރަށްރަށަށް ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާނެ ސާމާނު ފޮނުވިއްޖެކަމަށެވެ. އެހެންނަމަވެސް އެތަނުން 30 ރަށުގައި ވެސް އަދި ޕާކު ނެހެދޭކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ބައެއް ރަށްރަށުގައި ދެ އަހަރު ވެއްޖެ ޕާކު ހަދާ ސާމާނު ފޮނުވާތާ. ދާދިފަހުން ރަށަކުން އައިސް ބުނެފި ތިމަންނަމެންނަށް މިނިސްޓްރީން ފޮނުވާފައިއޮތް ޕާކުތައް މިހާރު ހަލާކުވެއްޖޭ. ނުވަސް އަތުރާ އެހެން ތަންތަނުގައި ބަހައްޓައިގެން ހުއްޓާ،" މަހުލޫފް ވިދާޅުވިއެވެ.

ކުޑަކުދިންގެ ޕާކު ތަރައްގީކުރަމަށް ބޭނުންވާ ސާމާނު ރަށްރަށާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

އޭނާ ވިދާޅުވީ އެކަން އެގޮތަށް ދިމާވާ އެއް ސަބަބަކީ އެއްރަށުން އަނެއް ރަށުގައި ހަދާފައި އޮންނަ ޕާކު ނަމޫނާއަަކަށް ބަލައިގެން އެއަށްވުރެ ފުރިހަމައަށް މޮޅަށް ހަދަން މަސައްކަތް ކުރާތީކަމަށެވެ.

އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ރަށްރަށަށް ޕާކު ހަދާނެ ސާމާނު ލިބުމުން އެންމެ ފަސޭހައިން ކުދިންނަށް އެ ތަކެތި ބޭނުންކުރެވޭނެގޮތަށް ޕާކު ތައްޔާރުކޮށް އަވަހަށް ހުޅުވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް